މިނިމަސް ކާން ބޭނުންވާ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
މިނިމަސް ކާން ބޭނުންވާ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ނުވަ އަހަރުގެ ފިރިހެންކުއްޖަކު މަރާލައި އެ ކުއްޖާގެ މިނިމަސް ކެއުމުގެ ތުހުމަތުގައި އިންޑިއާގެ ލޫދިއާނާގެ 16 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ނުވަ އަހަރުގެ ދީޕޫ ކުމާރު ގެއްލުނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާގެ ބޯ ނެތް ހަށިގަނޑު ފެނިފައިވަނީ ޖެހިގެން އައި ދުވަހު އެ ސަރަހައްދުގެ ފަޅު ގެއެއްގެ ތެރެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާ އާއި މަރާލި ފިރިހެންކުއްޖާއަކީ އެހެން އަވަށަކުން ހިޖުރަކޮށްފައިވާ ބައެއްގެ ދަރިންނެވެ.

ފުލުހުން ބުނަނީ ފިރިހެންކުއްޖާ މަރާލުމަށްފަހު ގެއަށް ގޮސް 16 އަހަރުގެ ފިރިހެންކުއްޖާ އުޅުނީ ހަމަ އާދައިގެ އުޅުމެއް ކަމަށެވެ.

މި ކުއްޖާ ފަޅާއެރީ ދީޕޫ ގެއްލިގެން ފުލުހުންނަށް އެންގުމުން ސީސީޓީވީ ފުޓޭޖް ބެލި އިރު ދީޕޫ އާއި 16 އަހަރުގެ ފިރިހެންކުއްޖާ އެކުގައި ދަނިކޮށް ފެނިގެންނެވެ. ފުލުހުން އެ ފިރިހެންކުއްޖާ ހައްޔަރުކުރި އެވެ. އޭނާ ވަނީ ދީޕޫ މަރާލައި ގައިން މަސް ކަނޑައިގެން ކޭ ކަމަށް އެއްބަސްވެފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ފުލުހުން ގާތު ބުނިކަމަށް ވަނީ އޭނާ ދީޕޫ ގެންދިޔައީ މަޑި އަރުވަން ބޭނުންކުރާ ރޮދި ދޭނެކަމަށް ބުނެ ހައްދާލައިގެން ކަމަށެވެ. ގެއަށް ގެންގޮސް ދީޕޫ މަރާލައި ހަށިގަނޑު ކުދިކޮށް ކޮށައި އުކާލީ އެވެ. ހަށިގަނޑުގެ ބައެއް ބައިތައް، އެ ކުދިން ކިޔަވަން ދާ ސްކޫލް ތެރެއަށް ވެސް އުކާފައި ވާނެ ކަމަށާއި އެކަން އެގޮތަށް ކުރީ ސްކޫލްގެ ޓީޗަރުންދެކެ ރުޅި އަންނާތީ ސްކޫލު ބަދުނާމްކުރަން ކަމަށް ވެސް އެ ކުއްޖާ ބުނި ކަމަށްވެ އެވެ.

އޭއެންއައި ނިއުސް އިން ލޫދިއާނާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ބޫޕެންދުރަ ސިންގް އާ ހަވާލާ ބުނެފައިވަނީ މިއީ އިންސާނުންގެ މަސް ކެއުމުގެ މައްސަލައެއް ކަމަށެވެ. އެ ކުއްޖާ ދީޕޫ މަރާލީ ވެސް އިންސާނުންގެ މަސްކާހިތްވެގެން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ކުއްޖާ އަކީ ރޮލާ ހުންނަ ކުކުޅުމަސް ވެސް ވަރަށް ގިނައިން ކައި ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ބައެއް ފަހަރަށް އޭނާގެ އަމިއްލަ ގައިން މަސް ކާން ބޭނުންވާ ކަމަށް ވެސް ބުނި ކަމަށްވެ އެވެ.