29 މާޗް 2023 - 17:21

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން ޕޮއިންޓު އެއްވަރުވި މީހުން ތަރުތީބުކުރުމަށް ގުރު ނަގަން ފަށައިފި އެވެ.
ޕޮއިންޓް އެއްވަރު މީހުންގެ ގުރު ނަގަން ފަށާފައިވާއިރު މައި އެޕްލިކެންޓާއި ކޯއެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ އޮތް މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން މި ލިސްޓުން ވަނީ އުނިކޮށްފަ އެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެޕްލިކޭޝަން ދޫކޮށްލުމަށް ފަހު އެޗްޑީސީއަށް ހުށަހަޅާފައިވާ މީހުންނަށް ދެވަނަ ފުރުސަތެއް ނުލިބޭނެ އެވެ.
ޕޮއިންޓުގެ ގޮތުން އެއްވަރުވި މީހުންގެ މެދުގައި ގުރު ނެގުމަށް ފަހު އޮންނާނީ ބުކިން ފީ ނެގުމާއި ވިނަރެސް އެޕާޓްމަންޓް އިހުތިޔާރުކުރުކުރުމުގެ ފުރުސަތު ދިނުމެވެ. އެ މަރުހަލާ ކުރިއަށް ގެންދާނީ ލިސްޓު ތަރުތީބުކުރުމަށް ފަހު އާންމުކުރާ ލިސްޓާ އެއްގޮތަށެވެ.
ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ. އެ މަޝްރޫއަށް ފުރުސަތު ދީފައި ވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި އުޅޭތާ 15 އަހަރަށް ވުރެ ދުވަސްވެފައިވާ މީހުންނަށެވެ.
އެ ފްލެޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.