ސްޓެލްކޯއަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި
ސްޓެލްކޯއަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

މާލޭގައި ކަރަންޓު އުފަައްދާ މިންވަރު އިތުރުކުރަން ސްޓެލްކޯއިން 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް މިއަދު ގެނެސްފި އެވެ.

ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރު ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެނައި ޖަނަރޭޓަރު މިރޭ ސައިޓަށް ގެންގޮސް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.

"މި ޖަނަރޭޓަރު ގެނައީ މާލޭގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުން އަންނާތީ ހިދުމަތް މެދުނުކެނޑި ދެވޭނެ ގޮތް ހަމަޖެެއްސުމަށް. މި ޖަނަރޭޓަރު ބެހެއްޓުމުން މިހާރުގެ ޑިމާންޑަށް ވުރެ އިތުރަށް ކަރަންޓް އުފެއްދޭނެ،" އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާގެ އެލްޓީއެލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ 8.7 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ގެނައީ ފިންލެންޑްގެ "ވަޓްސިލާ" ބްރޭންޑްގެ ޖަނަރޭޓަރެކެވެ. ސްޓެލްކޯ އިން ވަނީ 2012 ވަނަ އަހަރު ޖަރުމަނުގެ މޭން ކުންފުނިން 8.9 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސް ހިދުމަތް ދޭން ފަށައިފަ އެވެ.

މާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ސްޓެލްކޯ އިން 64 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް 26 ޖަނަރޭޓަރު ބަހައްޓާފައިވެ އެވެ.

ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވެ، ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ދިޔަ ނަމަވެސް އިތުރު ޖަނަރޭޓަރު ބެހެއްޓޭނެ ޖާގަ ނެތުމުން ހުޅުމާލޭގައި ބޮޑު މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ފަށަން. އެތަނުގައި 50 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ޕްލާންޓެއް ގާއިމްކުރަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.