ރައީސް އޮފީހުގެ މިނިސްޓަރަކަށް އިބުރޭ ހަމަޖައްސައިފި
ރައީސް އޮފީހުގެ މިނިސްޓަރަކަށް އިބުރޭ ހަމަޖައްސައިފި

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ހަމަޖައްސައިފި އެވެ.

އޭނާ މި މަގާމަށް އައްޔަންކުރެއްވި އިރު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސަރުކާރުގެ އެކި މަގާމްތައް އިބުރޭ ފުރުއްވާފައިވެ އެވެ. އޭގެތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އެންސްޕާގެ ޗެއާމަނަކަށް އުޅުއްވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެ ކުންފުނީގެ ބޯޑު މެމްބަރުގެ މަގާމް ވެސް އިބުރޭ ފުރުއްވި އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމުގައި އިސް ދައުރެއް އަދާކުރައްވާ އިބުރޭ ޗެއާޕާސަންގެ އިންތިހާބުގައި ތާއީދުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ. އޭނާއަކީ ފައްޔާޒްގެ ކެމްޕޭން މެނޭޖަރެވެ.

އެކަމަކު ރިޔާސީ ޕްރައިމަރީގައި އިބްރޭ ތާއީދުކުރެއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ކަން ޕްރެސް ކޮންފަރެންސެއްގައި އޭނާ ހާމަކުރައްވާފައިވެ އެވެ.

އެމްޑީޕީ ދެބައިވެ، ރިޔާސީ އިންތިހާބަށް ވެސް މަސައްކަތް ކުރަމުން އަންނަނީ ދެ ފެކްޝަން ވަކިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ތާއީދު ހޯދުމުގެ މަޝްވަރާތަކެއް ހިނގާއިރު، ނަޝީދުގެ ފަޅިން "ފިކުރެއްގެ ދިރުމަށް" ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ، ޖުމްހޫރީ ޕާޓީއާ އެކު ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އޮތަސް އޭގެ އަސަރެއް ރިޔާސީ އިންތިހާބަށް ނުކުރާނެ ކަމަށާއި އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައިވެ އެވެ.