ސުޝާންތު އަލަށް ފަށާ ފިލްމުގެ ތަމްރީނު ހަދަން ނާސާ އަށް
ސުޝާންތު އަލަށް ފަށާ ފިލްމުގެ ތަމްރީނު ހަދަން ނާސާ އަށް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަލަށް ފަށަން ތައްޔާރުވަމުންދާ ފިލްމު "ޗަންދާ މާމާ ދޫރް ސޭ" ގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. ސަންޖޭ ޕޫރަން ސިންގް ޑައިރެކްޓްކުރާ މި ފިލްމަށް ދާދިފަހުން ސުޝާންތު ވަނީ ފްލައިޓް ސިމިއުލޭޝަންގެ ފިލާވަޅުތަކެއް ވެސް ދަސްކޮށްފަ އެވެ. ސައިންސް ފިކްޝަން މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބައެއް ތަމްރީނުތައް ނާސާގައި ވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ސުޝާންތު ބުނި ގޮތުގައި "ޗަންދާ މާމާ ދޫރް ސޭ" ގައި އޭނާ ކުޅެނީ އެސްޓްރޮނޯޓެއްގެ ރޯލެވެ. އަދި ފްލައިޓް ސިމިއުލޭޓާގެ ތަމްރީނުތަކެއް މި ހަފުތާގެ ތެރޭގައި ފުރިހަމަކޮށްފައިވާ ކަމަށާއި އެ ފިލްމުގެ ޑައިރެކްޓަރު އޭނާއަށް އެސްޓްރޮނޯޓުންނާ ބެހޭ މައުލޫމާތު ހިމެނޭ ވަރަށް ގިނަ ފޮތާއި ޑޮކިއުމެންޓްރީތައް ބަލައި ދަސްކުރުމަށް ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

ސުޝާންތު ބުނި ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ މިހާރު ވަނީ ނާސާ އަށް ގުޅައިގެން އެ ތަނުގައި އޭނާގެ ތަމްރީނުތައް ހެދުމުގެ މަގު ފަހިކޮށްފަ އެވެ.

މަހެއްހާ ދުވަސް ނާސާގައި ސުޝާންތު ހޭދަކުރުމަށް ހަމަޖެހިފައި ވާއިރު އެސްޓްރޮނޯޓުންގެ ހަރަކާތްތައް ހުންނަ ގޮތާއި އެމީހުންގެ ވިސްނުން ގެންގުޅޭގޮތް އޭނާ ބަލައި ދަސްކުރާނެ އެވެ. އަދި އެސްޓްރޮނޯޓެއްގެ ޔުނިފޯމާއި ބެޖެއް ވެސް މިހާރު ޑައިރެކްޓަރު ދީފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް އެ ހެދުން އަޅައިގެން ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް ސުޝާންތު ބުންޏެވެ. އޭނާ ބުނީ ފިލްމު ފެށޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާ ކަމަށެވެ.

"ޗަންދާ މާމާ ދޫރް ސޭ"ގައި ނަވާޒުއްދީން ސިއްދީގީ ވެސް ވަރަށް މުހިއްމު ރޯލެއް ކުޅޭނެ އެވެ. އަދި ސައުތު ސުޕަސްޓާ މޯހަންލާލް ވެސް މެހެމާނެއްގެ ރޯލުން ފެންނާނެ އެވެ.

ސުޝާންތުގެ އެންމެ ފަހުން ރިލީޒްވި "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދި ފިލްމެވެ. އަދި ސުޝާންތުގެ ޕާފޯމަންސަށް ވެސް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.