23 ޖެނުއަރީ 2017 - 06:23

އާމިރު ޚާންގެ "ދަންގަލް" މިހާތަނަށް 376.14 ކްރޯޑު (3761 މިލިއަން ރުޕީސް) ވަނީ ހޯދާފަ އެވެ. އެއީ ހަމައެކަނި އިންޑިއާ އިންނެވެ. ބޭރު ގައުމުތަކުން މިހާތަނަށް 197.70 ކްރޯޑު (1977 މިލިއަން ރުޕީސް) މި ފިލްމު ހޯދާފައިވެ އެވެ. ރިލީޒްކުރިތާ ފަސް ވަނަ ހަފުތާއަށް އަޅާފައިވާއިރު އަދިވެސް އޭގެ ފަހުން ރިލީޒްކުރި ފިލްމުތަކަށް ވުރެ މާ ރަނގަޅަށް މި ފިލްމު ދަނީ ހިނގަމުންނެވެ.
ދީޕިކާ ޕަދުކޯންގެ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އާއި ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއި ކަޕޫރުގެ "އޯކޭ ޖާނޫ" އަށް ވެސް "ދަންގަލް"ގެ ހިނގުން މައިތިރި ކޮށްލެވޭ ގޮތެއް ނުވި އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ބުނެފައިވަނީ "ދަންގަލް" އިންޑިއާގައި 375 ކްރޯޑު މާކް ފަހަނަޅައި ގޮސް ތާރީޚްގައި ލިޔެވިއްޖެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބާޒާރުން މި ފިލްމަށް 29 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ތަރަން ބުނެފައިވެ އެވެ. އެމެރިކާ-ކެނެޑާ އިން އެކަނިވެސް 12 މިލިއަން ޑޮލަރު މި ފިލްމު ވަނީ ހޯދާފަ އެވެ.
ބެލެވޭ ގޮތުގައި ޖެނުއަރީ 25 ވަނަ ދުވަހާ ހަމައަށް "ދަންގަލް" ސިނަމާތަކުގައި ދައްކަމުން ދާނެ އެވެ. އެ ދުވަހު ވަރަށް ބޮޑު ދެ ފިލްމު ރިލިޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" އެވެ. މިއިން އެއްވެސް ފިލްމަކަށް "ދަންގަލް" ގާއިމްކޮށްފައިވާ ރެކޯޑް މުގުރާލެވިދާނެ ކަމާ މެދު ޓްރޭޑް އެކްސްޕާޓުންނަށް ޝައްކެވެ. ނަމަވެސް "ރައީސް" އަށް ވުރެ "ގާބިލް" ރަނގަޅަށް ހިނގާނެކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ.