28 މާޗް 2023 - 22:53

ކުރީގެ ޓީވީ ޕްރެޒެންޓަރު އިސްމާއިލް އާޒިމް ގެއްލިގެން ހޯދަން ފުލުހަށް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
މީގެ ދެ ދުވަސް ކުރިން އިންސްޓަގްރަމްގައި އޭނާގެ އެކައުންޓުން ވަނީ ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް އޭނަގެ ފޯނު އޮންނަނީ ނިއްވާލާފަ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ވީނުވީއެއް ނޭނގި، ގެއްލިގެން އާއިލާއިން ފުލުހަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު އެވެ.
އާޒިމް އަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ.
މީހަކު ގެއްލިގެން ފުލުހަށް ހުށަހަޅެމުން އެ މައްސަލަ ބަލާނެ އުސޫލުތަކެއް ހުރެ އެވެ. އާންމުންނަށް އެ މައުލޫމާތު ހާމަ ކުރަނީ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެވެ.
ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ފުލުހުން އެންމެފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.