29 މާޗް 2023 - 06:52

އިންސާނުންނަކީ ހައިވާނުންނަށް ނިސްބަތްވާ އާއިލާއެއްގެ މަޚްލޫގަކަށް ވިޔަސް އެހެން ހައިވާނުންނާއި އިންސާނުގެ މެދުގައިވާ ތަފާތަކީ ބުއްދީގެ ތަފާތެވެ. ތިމާގެ ބޭނުންތައް ހާސިލްކުރުމަށް އަނެކާގެ މައްޗަށް އޮންނަ ރަޙުމާއި މާފުކުރުމުގެ ވިސްނުމެވެ. އެއް ހައިވާނު އަނެއް ހައިވާނަށް ހަމަލާދީ ލޭކޮށާލަނީ ބަނޑުހައިކަން ފިލުވުމަށެވެ. އިންސާނާ އަނެއް އިންސާނާގެ ލޭކޮށާލަނީ ބުއްދީގެ ތަރާދުން މިނަން ވަގުތު ވެސް ނުދީ ތިމާގެ ގަދަބާރު ތަންފީޒު ކުރުމަށެވެ.
ހަސަންމަނިކު ހަނދާން ހުންނަން ފެށީއްސުރެ އުޅުނީ ނަސީމުގެ ވިޔަފާރީގެ ކަންކަމުގަ އެވެ. ނަސީމު ނަން މަޝްހޫރު ސިޔާސީ މީހަކަށްވީ ހަސަންމަނިކުގެ ވެސް ސަތޭކަ އިންސައްތައިގެ އެހީތެރިކަމާ އެކުގަ އެވެ. ނަސީމުގެ ވިޔަފާރި ފުޅާވެ ބޭރު ގައުމުތަކަށް ވެސް ފޯރީ ހަސަންމަނިކު އިތުބާރާއި ޔަގީންކަމާ އެކު ގެންގުޅޭ އުކުޅުތަކުންނެވެ. އޭނާ އުޅުނީ ނަސީމުގެ އަމުރުތައް ތަންފީޒު ކުރާށެވެ. މިއަދު ނަސީމަކީ ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ނުފޫޒުގަދަ އެކަކެވެ. އެތައް ވިޔަފާރިއެއް ހިންގާ މުއްސަންޖެކެވެ.
"ހަސަންމަނިކު އެ ދުވަހު ރިސޯޓުގައި އުޅެން ދިމާކުރި ނަމަ މި ކުރިއެރުން ލިބުނީސްތަ؟ ހަސަންމަނިކުގެ ނުހާއަށް ރާއްޖޭން ބޭރުން މާސްޓާސްއާ ހަމައަށް ކިޔަވައި ދެވުނީސްތަ؟" ކާރު ބުރިޖުމަތިން ހުރަސްކުރަމުން ދިޔައިރު ހަސަންމަނިކާ ދިމާއަށް ނަސީމު ބުންޏެވެ.
"ހަމަގައިމު ވެސް އަޅުގަނޑުގެ އަތް ސަލާމަތުން ހުރީސް." ހަސަންމަނިކު ހިތި ހިނިތުންވުމެއް ވެލި އެވެ. އޭނާގެ ކުޑަހުޅުން ބުރިވެފައިވާ ވާތް ނަސީމަށް ދައްކާލި އެވެ.
"ތި ވާހަކަ ނުދައްކާ. އެ ދުވަހުގެ ފަހުން އަހަރެމެންގެ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ވެސް ގެއްލުނުތަ؟ ބައެއްފަހަރު ދެވޭ އަދަބެއްގެ ސަބަބުން މީހުން ފަރުވާތެރިކަމާ އެކު ޒިންމާ އަދާކުރޭ." ނަސީމުގެ ހިތުގައި އެއްވެސް ކަހަލަ އަސަރެއް ނެތެވެ. އޭނާގެ މޫނުމަތީން ފެންނަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ.
"ނުހާއަށް ދުބާއީގެ މަޝްހޫރު ކުންފުންޏަކުން ވަޒީފާ ލިބިއްޖެ. މި އަންނަ ހަފްތާ ފުރާނެ." ހަސަންމަނިކު ފަޚުރުވެރިކަމާ އެކު ބުންޏެވެ.
"ނުހާއަކީ މޮޅު އަދި ހުޝިޔާރު ކުއްޖެއް. އޭނާގެ އަޚްލާގު ރަނގަޅުކަމާއި މަޑުމަތިރިކަމަކީ މައިމޫނާގެ ތަރުބިއްޔަތު. އެކަމަކު އަހަރެންގެ ލޫތު ކިޔަވަން ވެސް ނޫޅެ ލިބޭހާ ފައިސާއެއް ޕާޓީކުރުމާ މަޖާކުރުމުގައި އަންދާ އަޅިއަށް ހަދަނީ. ނުހާ އަހަރެންގެ ވިޔަފާރިއާ ގުޅޭނެ ނަމަ." ނަސީމުގެ ހަމައެކަނި ހިތާމައަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ހަރުދަނާ ކަމެއް ނެތީމަ އެވެ.
"އޭނާއަށް ދުބާއީގެ ކުންފުނިން ވަރަށްބޮޑު މުސާރައެއް ލިބޭނެ." ހަސަންމަނިކު އިންކާރުކުރި އެވެ.
ކާރު ދުއްވަމުން ދިޔައިރު ވެސް ނަސީމުގެ ވިސްނުން ހުރީ ލޫތުގެ ވިޔާނުދާ ދިރިއުޅުމުގެ މައްޗަށެވެ. ހަޔާތުގައި އޭނާ ކާމިޔާބު މީހަކަށް ވެއްޖެ އެވެ. އެކަމަކު ނާކާމިޔާބު ބައްޕައަކަށް ވެސް ވީއެވެ.
"އާދެވުނީ. ނިކުންނަވާ." ހޮޓެލް ޖެންގެ ކައިރިއަށް ކާރު މަޑުކޮށްލާފައި ދޮރުހުޅުވާލައި، ނަސީމު ނިކުތުމަށް ހަސަންމަނިކު އިޝާރާތް ކޮށްލި އެވެ.
ނަސީމު ކާރުން ނިކުމެ ހޮޓެލްޖެންގެ ޓެރަސް އަށް އެރިއެވެ. އޭނާގެ އިންތިޒާރުގައި ޗައިނާގެ ވިޔަފާރިވެރި އާއިލާއެއް ތިއްބެވެ. އެ މީހުންގެ މަޝްވަރާއަކަށްވީ ރާއްޖޭގެ ރިސޯޓްތަކަށް އަލްކަހޯލް ވިއްކުމުގެ ލައިސަންސް ހޯދުމެވެ. ނަސީމު ބޭނުންވީ ކުރިއަށް އޮތް އިންތިހާބަށް ހަރަދުކުރާނެ ފައިސާ ހޯދުމެވެ. ދެ ފަރާތުގެ އެއްބަސްވުމުގެ ގެރެންޓީއަކީ ނަސީމުގެ ފިރިހެން ދަރިފުޅު ލޫތާއި ޗައިނާ އާއިލާގެ އަންހެން ކުއްޖެއް ކަމަށްވާ ޖިންއާ ކައިވެނި ކުރުމެވެ.
ކައިވެނީގެ ރަސްމިއްޔާތު އޮތީ ރާއްޖޭގެ އަގުބޮޑު ރިސޯޓެއްގަ އެވެ. މުއްސަނދިންނާއި ނުފޫޒުގަދަ މީހުންގެ މަރުޙަބާ އާއި ތަހުނިޔާތައް ހުށަހަޅަމުން ދިޔައިރު ފުރަގަހުގައި ދެކެވޭ ވާހަކައަކީ ޖިން އާއި ލޫތު ނުގުޅޭ ވާހަކަ އެވެ. ޖިންގެ މޫނުމަތީގައި އަންހެންވަންތަ ސިފަތަކެއް ނެތުމާއި ސާޖަރީއެއް ހަދާފައިވިޔަސް އަނގަމަތީގައި އައިބުކަމެއް ހުންނަ ވާހަކަ އެވެ. ލޫތަށް ޖިން ފެނުމާ އެކު މަޖުބޫރު ކައިވެނީގައި ސިފަހުތުރު އަންހެނަކާ އެކު އުމުރުދުވަހުގެ ގައިދެއްގައި ހައްޔަރުވީކަން އިހުސާސްވި އެވެ.
"މީ ވިޔަފާރިއެއް. އަހަރެންގެ ފަރާތުން އެއްވެސް އުންމީދެއް ނުކުރާތި. ކަލޭގެ ބައްޕަ އަށް ވެސް މި ކައިވެނީގެ ސަބަބުން ފައިދާވޭ. ވީމާ ކަލެއަށް ވެސް ފެންނަ ގޮތަކަށް އުޅޭ." ކައިވެނީގެ ރަސްމިއްޔާތު ނިމި ޖިންއާ އެކަހެރިވުމުން ލޫތު ބުންޏެވެ.
އޭނާ ވަނީ މި ކުރިމަތިވި އުނދަގޫ ކައިވެނިން ސަލާމަތް ނުވެވޭނެތީ މާޔޫސް ވެފަ އެވެ.
ލޫތު ކޮޓަރިން ނިކުމެ ރިސޯޓުގެ ބާއަށް ދިޔަ އެވެ. މާ ދުރު ނޫން ހިސާބެއްގައި ނުހާ ފޯނަށް ބަލަން އިނެވެ. މިރޭ އޭނާ ވަރަށް ރީއްޗެވެ. ހުދުކުލައިގެ ތުނިތުނި ހެދުމުގައި އޭނާ ފެންނަނީ މުޅިން ތަފާތުކޮންނެވެ. ލޫތަށް ބައިވަރު ދިވެހި އަންހެން ކުދިން ލިބުނެވެ. އެ ކުދިންގެ ބޭނުން ވެސް އޭނާ ކުރި އެވެ. ނަމަވެސް ނުހާގެ ރީތިކަމާއި ފުރިހަމަކަމުން އޭނާ އަށް ދުވަހަކު ވެސް ނުކުރާ އަސަރުތަކެއް މިރޭ ކުރުވި އެވެ.
"ނުނިދަންތަ؟" ނުހާ އަބަދުހެން ފެނުނަސް މި ނޫނިއްޔާ ލޫތު އޭނާއަކާ ވާހަކައެއް ނުދައްކަ އެވެ.
ހަސަންމަނިކަކީ އޭނާގެ ބައްޕަގެ ޚާދިމެއް ކަމަށް ގަބޫލުކުރާ މީހަކަށް ވާތީ އޭނާ ނުހާއާ މެދު ވެސް ދެކެނީ އެގޮތަށެވެ.
"ތި ސުވާލު ކުރަންޖެހޭނީ އަޅުގަނޑެއްނު. ކައިވެނީގެ ފުރަތަމަ ރޭ ވެސް ތިހުރީ އަންހެނުން އެކަނިކޮށްލައިފަ." ނުހާ ފަރިގޮތަކަށް ހިނިތުން ވެލި އެވެ. މި ހިނތުންވުމުން ލޫތަށް ތަފާތު އަސަރުތަކެއް ކުރުވިއެވެ.
"އަހަންނަކަށް ނޭނގެ. ބައްޕަމެން ވިޔަފާރި ޑީލްތައް ވެސް މިހަދަނީ އަހަރެމެންގެ ހަޔާތާ ގުޅުވައިފަ. އެ ހުތުރު އަންހެންމީހާއާ އެކު އަހަރެން އުޅޭނީ ކިހިނެއް؟" ލޫތު ހުރީ ގޮތް ހުސްވެފަ އެވެ.
"މަޑުމަޑުން ކަންކަން ރަނގަޅުވެދާނެ،" ނުހާ ގާތް ގޮތަކަށް ހިނިތުންވެލި އެވެ. އޭނާގެ ނަޒަރު ވަނީ ލޫތުގެ ރީތި މޫނަށް ހުއްޓިފަ އެވެ. ލޫތަކަށް ނުހާގެ މި ކުޑަކުޑަ ހަރަކާތުން ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. އޭނާ ނުހާގެ އަތުގައި ހިފާލި އެވެ. ނުހާ ނުރުހުންތެރިއެއް ނުވެއެވެ. އޭނާ ލޫތުގެ ވާހަކަތައް އަޑުއެހި އެވެ.
ކުޑައިރުން ފަށައިގެން ވެސް މައިންބަފައިންގެ އަމިއްލަ އެދުމާއި އޭނާ އަށް ވީ އިހުމާލާއި ރައްޓެހިންގެ ފަރާތުން އޭނާގެ މުއްސަނދިކަމުގެ ނާޖާއިޒް ފައިދާ ނެގި ވާހަކަތަކެވެ.
"ދެރަނުވޭ. އަދި ހުރިހާ ކަމެއް ނިމުނީ ކަމަށް ވިސްނާކަށް ނުވާނެ." ނުހާގެ އޯގާތެރި ބަސްތަކުން ލޫތަށް ހިތްވަރު ދިނެވެ.
ފަތިހުގެ މަޑު ދަނބުކުލަ އުދަރެސްމަތީން ފާއްދާލާ އާ ދުވަހަކަށް އުދަރެސް ދޮންކުރަމުން ދިޔައިރު ވެސް އެ ދެ ކުދިން ތިބީ އެކުގަ އެވެ. ލޫތަށް މިއިން ދުވަހަކު ވެސް ނުލިބޭ ލުޔެއް ނުހާ އާއި ވާހަކަ ދައްކާލުމުން ލިބުނެވެ.
"މިއަދު މާލެ ނުދައްޗޭ. އަހަރެން ބޭނުން ނުހާއާ އަދި ބައްދަލު ކޮށްލަން." ލޫތު ނިދަން ދިއުމުގެ ކުރިން ބުންޏެވެ.
"އަހަރެން މާދަން ނޫން އަނެއް ދުވަހުން ފުރަންޖެހޭ. ދުބާއީގެ ބޮޑު ކުންފުންޏަކުން ވަޒީފާ ލިބިއްޖެ. ލޫތުމެން ފައިސާގައި އުދުހުނަސް އަހަރެމެން ޖެހޭނީ ބުރަ މަސައްކަތް ކުރަން." ނުހާ ހިނިތުން ވެލި އެވެ. އެއީ ތަފާތު ހިނިތުންވުމެކެވެ.
މާލެ ދިޔަ ގޮތަށް ނުހާ އުޅުނީ ފޮށިތައްޔާރު ކުރާށެވެ. އޭނާ އިރުއިރުކޮޅާ ފޯނަށް ބަލާލަ އެވެ. ހީވަނީ ކޮންމެވެސް މުހިއްމު ފޯނުކޯލަކަށް އިންތިޒާރު ކުރާހެންނެވެ.
"ދަރިފުޅު ދެން ނިކުންނަން އުޅޭ. އެހެންނޫނީ މާ ލަސްވެދާނެ." ހަސަންމަނިކު ހުރީ ނުހާ ފުރާތީ އުފަލުންނެވެ. އޭނާގެ ހުވަފެން ސީދާ ވީތީ އެވެ. އޭނާ ބޭނުންވީ ނުހާ އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ދިރިއުޅުމެއް އުޅޭށެވެ. މަންމައާ ސަލާން ކޮށްލުމަށް ފަހު އޭނާ ފޯނަށް ބަލާލި އެވެ. އުންމީދުކުރި ފޯނުކޯލު ނައުމުން އޭނާ ފޯނު ނިއްވާލި އެވެ. އަދި ދިރިއުޅުމުގެ ދަތުރުގައި ދާންހުރި މިސްރާބަށް ދިއުމަށްޓަކައި މި ވަގުތު ދާންވީ މަންޒިލަށް ދިއުމަށް ކާރަށް އަރަން ދިޔަ އެވެ.
"ނުހާ... މަޑުކޮށްލާ." ކުއްލިއަކަށް ނުހާއާ އަރާ ހަމަކުރީ ލޫތެވެ. ލޫތު ފެނުމުން ހަސަންމަނިކު ހައިރާންވި އެވެ. ނުހާ ލޮލުގެ އިޝާރާތުން ލޫތާއި އެކަނި ވާހަކަ ދައްކާލަން ބޭނުން ކަމަށް ބުންޏެވެ.
"ނުހާ.. އަހަރެން ނުހާ އަށް ވަޒީފާ ދޭނަން. ނުހާ އަށް މިހާރު ލިބެން ހަމަޖެހިފައިވާ މުސާރައިގެ ދެ ގުނަ ދޭނަން. އަހަރެންގެ ބައްޕަގެ ކުންފުނީގައި މަސައްކަތްކުރަން އާދޭ." ލޫތު މިހެން ބުނިއިރު އޭނާ މިކަމަށް ބޭނުންވާވަރު ހާމަވެއެވެ.
"އެކަމަކު މިހާރު މާ ލަސްވެއްޖެ." ނުހާ ކާރަށް އަރަން އުޅުނެވެ.
"ހަސަންމަނިކުބޭ. ނުހާ ގާތު ބުނޭ އަހަރެން ބައްޕަ ވެސް ބޭނުންވަނީ ނުހާ އަހަރެމެންގެ ކުންފުނީގައި މަސައްކަތް ކުރާށޭ." ލޫތު ނުހާގެ ބައްޕަ ގާތަށް ދިޔަ އެވެ.
"ނޫން. ނުހާގެ ހުވަފެންތަކުގެ ހުރަހަކަށް ވާކަށް ބޭބެ ނެތިން. އާދޭ ދަރިފުޅާ." ހަސަންމަނިކު ނުހާ އަށް ބުންޏެވެ.
"ބައްޕާ. ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރުމަކީ އަހަންނަކަށް ވެސް ފަސޭހަ ކަމެއް ނޫން. ބޭނުން ވަނީ ކިޔަވައިގެން ހުރި މިންވަރަށް އެކަށޭނެ ވަޒީފާއެއްނު." ނުހާ ސިއްރުސިއްރުން ލޫތަށް ބަލާލި އެވެ. ލޫތުގެ ލޮލުގެ ވިދުމުން ނުހާ އަށް ފުންއަސަރުތަކެއް ކުރިއެވެ.
ކުޑައިރުން ފެށިގެން ވެސް މިހާތަނަށް އޭނާ ލޫތު އާއި ވާހަކަދައްކަން ކިހާ ބޭނުންވި ހެއްޔެވެ؟ ލޫތުގެ ގާތްކަން ހޯދަން އޭނާ ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ ނުހާގެ ނިންމުމަށް ލޫތު ވަރަށް އުފާކުރި އެވެ. އަދި މާދަމާ ވަޒީފާ އަށް ނިކުތުމުގެ ލިޔުން ދީފައި މިރޭ ބައްދަލުކުރަން އެދި އޭނާ ދިޔަ އެވެ.
ނުހާ ގެއަށް ވަނުމުން ހަސަންމަނިކު އޭނާގެ ފޮށި އެތެރެއަށް ވެއްދި އެވެ. ސިޓިންރޫމު ސޯފާގައި ހަމަޖެހިލައިގެން އިން ނުހާ ފޯނުގެ ނޯޓުގައި މިއަދުގެ ތާރީޚު ނޯޓުކޮށްލި އެވެ. އަދި ހިނިތުން ވެލި އެވެ.
"ވަރަށް ދެރަކަމެއް ތިކުރީ. އެ މީހުންގެ ވަޒީފާއަކަށް ދިއުމަކީ ބައްޕަ އެދޭކަމެއް ނޫން،" ހަސަންމަނިކު ބުންޏެވެ.
"ކީއްވެ؟ ބައްޕަ އެ މީހުންގެ ވަޒީފާގައި އުޅެން ރަނގަޅު. އަހަރެން އެހާ ބޮޑު މުސާރައަކަށް ދާކަށް ބައްޕައަކަށް ކަމަކު ނުދިޔަ. ބައްޕަ އަށް އެނގޭތަ މީ ހާދަގިނަ ފައިސާއެކޭ. އަނެއްކާ މަންމަމެން ގާތު ހުރެގެން." ނުހާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
"ބަލާ. މި އަތް ފެނޭތަ؟" މީ އެ މީހުން ގާތު މަސައްކަތް ކުރީމަ ލިބޭ އަނިޔާ." ހަސަންމަނިކު އޭނާގެ ބުރިވެފައިވާ އަތް ނުހާއަށް ވަރަށް ގާތުން ފެންނާނެހެން ދައްކާލި އެވެ.
އެ އަތަށް ލިބުނު އައިބަކީ ނަސީމު ދިން އަނިޔާއެކެވެ. ކަޅުދަބަހެއްގައި ތިން މިލިއަން ރުފިޔާ ހިފައިގެން ދިޔަ ހަސަންމަނިކުގެ އަތްބުރި ކޮށްލީ އަނބުރާ ގެންނަން ޖެހޭ "ޕީސް" ނުގެނެވުނީމަ އެވެ. އަބަދު ވެސް އެކަހަލަ ޑީލްތައް ނިންމަން ދަނީ ހަސަންމަނިކު އެކަނި ކަމަށް ވީތީ އެ ދުވަހު އޭނާ އަށް ދޯކާއެއް ލިބުނީ އެވެ. ފައިސާ ހަވާލުކުރި އަދަދަށް ބަލާދިޔަ މުދާ މަދުވީ އެވެ. އެކުގައި ސިއްރު މަސައްކަތްކުރާ އެންމެންގެ ކުރިމަތީގައި އޭނާގެ އަތް ކުޑަހުޅުން ބުރިކޮށްލީ ކޮށިވަޅިއަކުން ކީހާ ފަދަ ގޮތަކަށެވެ. ހޯސްލާފައި ލޭ އަންނަމުންދިޔަ އަތް ކެކިކެކިހުރި ތެޔޮގަނޑަކަށް ލީ ހަސަންމަނިކުގެ އަތުގައި މަދުވި ޕީސްތައް ވާނެ ކަމަށް ދެކޭތީ އެވެ. އެ ދުވަހު އެ ވީ ތަދާއި ރުއިރުއިމާއި ނުކުރާ ކުށެއްގެ މައްޗަށް އެ ތަންފީޒުވީ ހުކުމުގެ ބޭއިންސާފުން އަނިޔާގެ ޝިކާރައަކަށްވީތާ ތިން މަސްފަހުން ހަސަންމަނިކުގެ ކުށެއް ނެތްކަން ނަސީމަށް އެނގުނެވެ. އޭގެފަހުން ނަސީމު އޭނާ އަށް މުސާރަ އިތުރުކޮށް، އިތުރަށް ގާތް ކުރުވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ކުރެހުނު ފާރުގަނޑު އަދިވެސް އޮތީ ރޮލާ އެވެ. އެ ފާރުގަނޑު ލަކުނަކަށް ވެސް ނުވެމެ ލޭހިލިހިލިލާ ހުއްޓެވެ.
"އެއީ މާޒީ. ބައްޕަ ވެސް ވިސްނާނުލާތީ ވީގޮތް،" ނުހާ ގޮތް ދުލެއް ނުކުރިއެވެ.
ހަސަންމަނިކަށް ހީވީ މީހަކު ތޫނު ކަނޑިއަކުން ޖަހާ އޭނާގެ ކަރު ބުރިކޮށްލިހެންނެވެ. ނަސީމު ކަހަލަ ނުރައްކާތެރި މީހެއް ގާތު އޭނާގެ މުޅި ހަޔާތް ވޭތުކުރީ ލިބޭ ފައިސާކޮޅަށެވެ. އެ ފައިސާއިން އޭނާ ދަރިފުޅު ރާއްޖޭން ބޭރުގެ ޔުނިވަސިޓީގައި ކިޔަވައިދިނީ މި ގުލާނުކުރުމުން މިނިވަން ވާށެވެ. އެކަމަކު އަމިއްލަ ލޭ ވެސް އޭނާއަށް ރަހުމު ނުކުރީތީ ޒަހަރު ފުޅިއެއް ބޯލުން ވެސް އޭނާ އަށް ރަނގަޅެވެ.
ނުހާ ވަޒީފާ އަށް ނިކުތުމުން ނަސީމު ވެސް އޭނާއަށް ކީ ހޫނު މަރުހަބާއެކެވެ. އޭނާ ޒަމާނީ ފައިސާގެ މުއާމާލާތަށް ނުހާ ނުހަނު ފަރިތަ އެވެ. ލޫތުއާ އެކު އޭނާ ހޭދަކުރާ ކޮންމެ ވަގުތެއް އެ ދެ މީހުންނަށް ވެސް ނުހަނު ހާއްސަ އެވެ. އެކުގައި އުޅެން ފެށުމުގެ ސަބަބުން ލޫތުގެ މިޒާޖަށް ވެސް ހެޔޮ ބަދަލުތައް އަންނަން ފެށިއެވެ. ޕާޓީ ކުރުން މަދުވެ ވިޔަފާރީގައި ވަގުތުތައް ހޭދަކުރަން ފެށި އެވެ. އެ ދެ މީހުންގެ މަސައްކަތުން ފަހުގެ ވިޔަފާރީގެ އުކުޅުތައް ވިޔަފާރި ތެރެއަށް ވަދެ ކުންފުނީގެ ފައިދާ އިތުރުވި އެވެ.
"ކުންފުނީގެ ފައިދާ ވަރަށް ބޮޑުވެއްޖެ. ލޫތު ވެސް މިހާރު އަންނަނީ ހަރުދަނާވަމުން. ނުހާ ބޭނުން ކަމެއް ބުނޭ." ނަސީމު އެދުނެވެ.
"މި ވިޔަފާރީގައި މޮޑާން ޓްރާންސެކްޝަންތައް ތައާރަފުކޮށް ސިންގަޕޫރުގެ ބޭންކުގައި ވެސް ފައިސާ ބަހައްޓަންވީ. އޭރުން ސަރުކާރުން ވެސް ކުންފުނީގެ ފައިސާ އަށް ނުފޫޒު ފޯރުވުން ކުޑަވާނެ." ނުހާ ބުންޏެވެ.
ނުހާގެ އެދުމުގެ މަތީން ވިޔަފާރީގެ ގިނަގުނަ ކަންކަން އޭނާކުރުމުގެ ބާރު ނަސީމު ނުހާ އަށް ދިނެވެ. އެއީ އާއިލީ ގާތްކަމާއި އޭނާގެ ކުޅަދާނަކަމާއި އަދި ލޫތު ވެސް އިސްލާހު ވާ ތަން ފެންނާތީ އެވެ.
"ނުހާގެ އުފަން ދުވަސް މުޅިން އަހަރެންނަށް ހުސްކޮށްލަދީ." ލޫތު މިހެން ބުނީ ނުހާ އަށް ފޮނުވި މެސެޖެއްގަ އެވެ.
އޭނާ ނުހާއާ ހެދިއުޅޭ ވަރު ނުހާއަށް އެނގެ އެވެ. ނުހާ ރުޅިއައިސްފި ނަމަ އޭނާގެ މިޒާޖަށް އެ އަންނަ ބަދަލު ވެސް އޭނާއަށް އެނގެ އެވެ. ކުރިން ދުވަހަކު ނުހާ ރުޅި އައުމުން ލޫތު ވަނީ އޯވަޑޯޒް ވާވަރަށް ޕާޓީ ޑްރަގްސް ނަގަން އުޅެފަ އެވެ. އެކަން އެނގިގެން އެކަން ހުއްޓުވީ ނަސީމެވެ. ނަސީމު ވެސް ނުހާއަށް ބަރޯސާވެފައި ވަނީ ވަރަށް ބޮޑަށެވެ.
"ކީއްކުރަން. ޖިން ހުންނާނެއެއްނު. އަހަންނަކީ ލޫތުގެ ކާކު؟" ނުހާ ބޭނުންވީ ލޫތުގެ މީހަކަށް ވާށެވެ. އޭގެ ކުރީން ޖިން އޭނާގެ ހަޔާތުން ބޭރުކޮށްލާށެވެ.
"ޖިން ބަހައްޓާ. އެއީ ވިޔަފާރިއެއްކަން ނުހާއަށް އެނގެއެއްނު." ލޫތު މި ސުވާލަށް ޖަވާބު ދިނީ ނުހާ ގާތަށް އައިސް ހުރެގެންނެވެ.
"އެކަމަކު ވެސް... އޭނާ ފެނުނަސް އަހަރެން ލޫތު ދެކެ ރުޅި އާދޭ. އެއްވެސް އަންހެނެއް އޭނާ ލޯބިވާމީހާ އެހެން އަންހެނަކާ އެކު ވާކަށް ނޭދޭނެ. އަހަރެން ގޮތް ނިންމައިފިން. ޖިން ދޫކޮށްލަން ނުކެރެންޏާ އަހަރެން ދަނީ." ނުހާ ރުޅިއައެވެ.
"ނުހާ.. އެހެން ނުހަދާ. ޖިން ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނެތް. އެކަމަކު އޭނާޔާ އެކު އުޅުމަކީ ވެސް ބޮޑު ވޭނެއް. ނުހާގެ އޯގާތެރި ކަމާނުލާ އަހަންނަކަށް ނޫޅެވޭނެ." ލޫތު ރޮމުން ދިޔައެވެ.
"އެހެންވީ އިރު ކުރީ ދުވަހުވެސް އޯވާޑޯޒްވާން އުޅުނުގޮތަށް އެކަން ކުރަންވީނު. ދުނިޔޭގެ ކަންކަމާއި ކުރިމަތިލާން ނުކެރޭ ފިރިހެނުން މަށަކަށް ކަމަކުނުދޭ." ނުހާ ނިކުމެގެން ދިޔައީ އެވެ.
ނުހާ ނިކުމެގެން ދިޔަ މަންޒަރު ބަލަން އޭނާ އަށް ހުރެވުނީ ގޮތްހުސްވެފައިވާ މައްޔިތެއްހެންނެވެ. ނަމަވެސް ނުހާ ދަމުން ބުނި ޖުމްލަ އޭނާގެ ސިކުނޑީގައި ހަރުލާފައިވެ އެވެ. އޯވަ ޑޯޒްވާވަރަށް ޕާޓީ ޑްރަގްސް އަޅާފައި ބޯންވީ އޭނާއެއް ނޫނެވެ. އެކަން ވާން ޖެހޭނީ ޖިންއަށެވެ. ޖިން އޯވާޑޯޒްކޮށްލީ ލޫތެވެ. އޭނާގެ ކުއްލި މަރަށް ޝައްކުތަކެއް ކުރެވިގެން ތަހުގީގު ހިންގި ފުލުހުންނަށް ހެކިބަސް ދިނީ ނުހާ އެވެ.
"ލޫތު އަބަދު ވެސް ބޭނުންވީ ޖިންގެ ކިބައިން ސަލާމަތް ވާން. އަބަދުވެސް ބުނާނެ ކޮންމެވެސް ދުވަހަކުން ޖިން މަރާލާނެ ކަމަށް. އޭނާގެ ކޮޓަރި ތެރެއިން ހޯދި ހެކިތައް އަޅުގަނޑު މި ދަންނަވާ ހަގީގަތަށް ފުދޭނެ." ފުލުސް އޮފީހުގައި ނުހާ މި ހެކިބަސް ދިނީ ލޫތުގެ ވެސް ކުރިމަތީގަ އެވެ.
"ނުހާ.. ނުހާ ކީއްވެ ފުލުހުންނަށް އެއްބާރުލުން ދިނީ. މީ އަހަރެން.. އަހަރެމެންގެ ލޯތްބަށްޓަކައި ކުރިކަމެއް ނޫންތަ؟ ޖިން ކުރިމައްޗަށް ވެސް އަރަން ނޭދޭ ކަމަށް އަބަދު ވެސް ބުނަނީ ނުހާއެއްނު." ލޫތު ހުރީ ފެންކަޅި ވެފަ އެވެ.
"ކަލޭތީ ހާދަ ނުބައި އަންހެނެކޭ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ޖަލުގެ ތޭރިތަކަށް ދާކަށް ނުޖެހޭނެ. އަހަރެން ދަރިފުޅު ސަލާމަތް ކުރާނެ ވަރަށް އަދި ފައިސާ އެބަހުރި." ނަސީމު ނުހާ އަށް ބުންޏެވެ.
"ނަސީމުގެ ރުޅިގަނޑު ދެކެ ބިރުގަންނާނީ އަހަރެންގެ ބައްޕަ. މަށެއް ނޫން. މިހާރު ޖިންގެ އާއިލާ އަންނާނެ މާލެ. އެ މީހުން ފަރާތުން ކަލެއަކަށް ނޭވާ ލިޔަ ވެސް ނުދޭނެ. އަދި ބުނަން. ފޯނުގެ ޑާޓާ ޖައްސައިފަ އެކައުންޓު ބަލާލާ. ތި އެކައުންޓަކު އެންމެ ފައިސާއެއް ވެސް ނުހުންނާނެ. ހުރިހާ ފައިސާއެއް ވާނީ ސިންގަޕޫރުގެ ބޭންކަކަށް ބަދަލުކޮށްފައި. ލޫތު އާއި ކަލޭ ޖިންގެ އާއިލާއިން ސަލާމަތްވާން ބޭނުންނަމަ މި ފައިސާގެ މުއާމަލާތަށް ރުހޭ. އަހަރެން ފުލުސް އޮފިސަރު އެއްބަސް ކުރުވާ ކަލޭމެންގެ ޖަލަށް ނުދާވަރު ކޮށްދޭނަން. މޮޔަ ލޫތު ގޮވައިގެން ފަގީރެއްގެ ހާލުގައި ދިރިއުޅެންދޭ." ނުހާ ވާހަކަދެއްކީ ވަރަށް ހަރުކަށިކޮންނެވެ.
ނަސީމުގެ ކުންފުނީގެ އެކައުންޓް ބަލާލި އެވެ. އެންމެ ފައިސާއެއް ވެސް ނެތެވެ.
"އަހަރެމެން ނުހާއަށް ކިހާ ހެޔޮކޮށް ހިތިން. މިހާބޮޑު ނިކަމެތިކަމެއް ދޭކަށް ހެޔޮވެސް ނުވާނެއެއްނު،" ގޮތް ހުސްވެގެން ނަސީމަށް ބުނެވުނެވެ.
"ނޫން. ކަލޭ ބައިވަރު މީހުންނަށް އަނިޔާވެރިވަމުން ދިޔައީ އިލާހީ ދަރުބާރުގައި ކަލެއާ މެދު ކަންތައްވާނެ ގޮތެއް އިހުސާސް ވެސް ކުރުމެއްނެތި. އަހަރެންގެ ބައްޕަ ނޯކަރަކަށް ހަދައިފަ އޭނާގެ ގުނަވަންތައް ބުރިކޮށްފައި މަދު ފައިސާ ކޮޅެއްދީގެން ބައްޕައާއި އަދިވެސް އެނޫން ނިކަމެތީން ގުލާނު ކުރުވައިގެން މުއްސަނދިވަމުން ދިޔައީ ކޮންމެ ރެއަކު އަހަރެމެން ރޮއްވަމުން. އަހަރެމެންގެ ބަދު ދުއާ އަބަދުވެސް ކަލޭގެ މައްޗަށް އައީ ކުރަމުން. ލޫތަށް އެ ލިބުނީ ކަލޭގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ ސަޒާ. މިއަދު ކަލޭހާ ނިކަމެތި މީހެއް މާލޭގައި ނުހުންނާނެ. ދެން ހުޅުމާލޭގައި ހުރި ދެ ގެ ބެންކަން ދޭން ތައްޔާރުވޭ." ނުހާ ނިކުމެގެން ދިޔައީ އެވެ.
އޭނާ ނިދި ގުރުބާން ކޮށްގެން ކިޔެވީ މި ދުވަހަށެވެ. ރައްޓެހި ކުދިން މަޖާކުރިއިރު އޭނާ ތަފާތު ފޮތްތައް ކީ މި މުއްސަނދި އަދި ބާރުގަދަ ނަސީމު ކުޑަކަކޫމައްޗަށް ތިރިކުރާށެވެ. އޭނާގެ ބައްޕަ އަށް ދިން އަނިޔާގެ ބަދަލު ހޯދާށެވެ. ގުދުރަތީ ގާނޫނުގައި މުއްސަނދި އަނިޔާވެރިންގެ ހިތި ނިމުން ތަންކޮޅެއް ލަސްވީ ކަމުގައި ވިޔަސް ބުއްދިވެރި ސިކުނޑިއަކުން އެ ޒާލިމުން ބަލިކޮށް ގިސްލާވަރު ކޮށްލެވޭނެކަން ސާބިތުކޮށްދޭށެވެ.
އޭނާ ދިރިހުރީ މި ބަދަލު ހިފާށެވެ. އާއެކެވެ. ބަދަލު ހިފުމަކީ ބައެއްފަހަރު ދިރުމެއް ވެސް ވާ ކަމެކެވެ.
ނިމުނީ