28 މާޗް 2023 - 16:56

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މެންދުރުފަހު ޖެއްސި މަތިންދާބޯޓެއްގެ ފުރޮޅު ފަޅައިގެން ގޮސް، ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
"ފަސިންޖަރުންނާއި ކްރޫއިން ތިބީ ސަލާމަތުން،" އެ ކުންފުނިން ޓްވީޓްކޮށްފައިވެ އެވެ.
ރާއްޖޭގެ އޭވިއޭޝަނާ ގުޅޭ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ޓްވީޓްކުރި ގޮތުގައި، ފުރޮޅު ފަޅައިގެންދިޔައީ މެންދުރުފަހު 2:40 ހާއިރު ޖެއްސި ފްލައިދުބާއީގެ ބޮއިން 737 ގެ ބޯޓެއްގެ އެވެ.
ރަންވޭ ބަންދުކުރީ ބޯޓު ޓޯކޮށްގެން ހެންގަރަށް ގެންދެވެންދެން އެވެ. އެއާޕޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލަފާކުރެވޭ ގޮތުން ހަވީރު 5 އާއި 5:30 އާ ދެމެދުގެ ވަގުތެއްގައި ރަންވޭ ހުޅުވާލެވޭނެ ކަމަށެވެ.
ރަންވޭ ބަންދުކުރުމުން ވަރަށް ގިނަ ފްލައިޓްތަކެއް ވަނީ ޑައިވާޓްކޮށްފަ އެވެ.