29 މާޗް 2023 - 11:36

ކޮލޯން (މާޗު 29) - ބެލްޖިއަމް އިން ޖަރުމަނާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 3-2 އިން ކާމިޔާބުކޮށްފި އެވެ.
ޖަރުމަންގެ ފަސްގަނޑުގައި ހޯދި މި މޮޅަކީ، ބެލްޖިއަމް އިން 69 އަހަރު ތެރޭ ޖަރުމަން ބަލިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބެލްޖިއަމް މޮޅުވީ 1954 ވަނަ އަހަރު އޭރުގެ ހުޅަނގު ޖަރުމަނު އަތުން 2-0 އިންނެވެ. އޭގެ ފަހުން ދެގައުމު ބައްދަލުކުރި 16 މެޗުގެ ތެރެއިން އެއް މެޗު އެއްވަރު ވިއިރު ބެލްޖިއަމް ވަނީ 15 މެޗުން ބަލި ވެފަ އެވެ.
ޖަރުމަނަކީ އަންނަ އަހަރުގެ ޔޫރޯ މުބާރާތް ބާއްވާ ގައުމު ކަމަށް ވެފައި، މި އިންޓަނޭޝަނަލް ބްރޭކުގައި ފެށި ކޮލިފައިން ގައި އެޓީމު ވާދައެއް ނުކުރެ އެވެ. އަދި ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ވަނީ 2-0 އިން ޕެރޫ ބަލިކޮށްފަ އެވެ.
ނަމަވެސް ބެލްޖިއަމް ވަނީ، މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެޓީމާ އަލަށް ހަވާލުވި ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އާއެކު ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން މިދިޔަ ހަފްތާ ސްވިޑެން ބަލިކޮށްފަ އެވެ. އެއީ ޔޫރޯ ކޮލިފައިން ގައި އެޓީމުން މި ބްރޭކުގައި ކުޅެން އޮތް ހަމައެކަނި މެޗެވެ.
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 10 މިނިޓު ތެރޭ ބެލްޖިއަމް އިން ވަނީ އެޓީމުގެ ކެޕްޓަން ކެވިން ޑިބްރޭނާގެ އެހީތެރިކަމާ އެކު ދެ ގޯލު ޖަހައި، ޖަރުމަން ހާސް ކޮށްލައިފަ އެވެ. ފުރަތަމަ ލަނޑު ހަވަނަ މިނިޓުގައި ޔަނިކް ކަރާސްކޯ ޖަހައިދީފައި ވަނިކޮށް ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. ނަމަވެސް އޭރިއާ ތެރެއިން ލުކާކޫ އަތުގައި ބޯޅަ ޖެހިގެން ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން 44 ވަނަ މިނިޓުގައި ފޯވާޑް ނިކްލަަސް ފުލްކްރޫގް ވަނީ އެޓީމަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.
ބެލްޖިއަމްގެ ތިންވަނަ ލަނޑު، މެޗުގެ 78 ވަނަ މިނިޓުގައި ޑިބްރޭނާ ކާމިޔާބު ކުރީ ލިއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުންނެވެ. ޖަރުމަނުން ޖެހި ދެވަނަ ގޯލު 87 ވަނަ މިނިޓުގައި ޖަހައިދިނީ ސާޖް ގްނަބްރީ އެވެ.