22 ޖެނުއަރީ 2017 - 13:58

އީވް ގާމެންޓްސް އިން އެޑިއުކޭޝަން މިނިސްޓްރީ އަށް 240 ޑަސްބިން މިއަދު ހަދިޔާކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ބަހައްޓަން ހަވާލުކުރި މި ޑަސްބިންތަކާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އީވްގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު މުސާއިދެވެ.
ޑަސްބިންތަކާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ ދަރިވަރުން އުޅޭ މާހައުލު ސާފުތާހިރުކޮށް ބެހެއްޓުމުގެ އާދަ އެ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ދުޅަހެޔޮ ސިއްހަތަކަށް ފައިދާހުރި ރަނގަޅު ކާނާއެކު އެ މީހެއްގެ ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ވެސް ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އީވް ގާމެންޓުގެ ފަރާތުން ހަދިޔާކުރި ޑަސްބިންތަކަކީ ދަރިވަަރުންގެ އުޅުން ވަކި ގޮތަކަށް ބައްޓަން ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެެވެ.
އީވް ގާމެންޓްސްގެ ޑިރެކްޓަރު މުސާއިދު ވިދާޅުވީ މިއީ ދަރިވަރުން ދިރިއުޅޭ މާހައުލު ސާފުކޮށް ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށެވެ.
އީވް ގާމަންޓުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހަދިޔާކުރި ޑަސްބިންތަކުގެ ފައިސާގެ ޖުމްލަ އަދަދަކީ 475،000ރ. ކަމަށް މިނިސްޓްރީން ބުންޏެވެ.