28 މާޗް 2023 - 13:57

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކޮށްފައިވާތީ ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވީ ފުއްގިރި މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމާފައިވާ ނިންމުންތަކެކެވެ. އެއީ ބައެއް ހެކިތައް ބަލައިނުގަތުމަށް އެ މަނިކުފާނު ފަރާތްޕުޅުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލުން ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް، ފުއްގިރި މައްސަލާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން އަންނަ ހަފުތާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން ވަކީލުން އެދިވަޑައިގަތެވެ.
ދައުލަތުން ބުނީ އިސްތިއުނާފު ކޮށްފި ނަމަ އާންމު އުސޫލުން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މަޑުޖައްސާލާނެ ކަމަށެވެ. އެކަމަކު، ހައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ނަމަ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެން ދައުލަތުން ދެކޮޅު ނަހަދާނެ ކަމަށް ދައުލަތުން ބުންޏެވެ.
ޔާމީންގެ ވަކީލުން ވިދާޅުވިގޮތުގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމުން ނިންމީ މަތީ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް، އެ ނިންމުމަށް ވާސިލްވި ސަބަބެއް ބަޔާން ނުކޮށެވެ.
ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހިމެނެ އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވުމެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އާރަށް މައްސަލާގައި ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ މިހާތަނަކަށް ބަލައެއް ނުގަނެ އެވެ.