ކޮވިޑާއި ހުން ޖެހޭ މީހުން އިތުރުވަނީ
ކޮވިޑާއި ހުން ޖެހޭ މީހުން އިތުރުވަނީ

މި ދުވަސްވަރު ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ކޮވިޑްގެ ކޭސްތައް ވެސް މައްޗަށް ގޮސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާގައި ރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު ކުރީ ހަފުތާގެ އަދަދުތަކަށް ވުރެ ގިނަ ކަމަށެވެ.

އެންމެ ފަހުން އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު ލޮލު ރޯގާ އާއި ފާނަބަސަންދާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިނގުން ވަނީ އިތުރުވެފަ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން ޖެނުއަރީ މަހު 29،307 މީހުން ރިޕޯޓްކޮށްފައިވެ އެވެ. މިދިޔަ މަހު މި އަދަދު ވަނީ 30،628 އަށް އަރާފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަރިދަފުސް ރޯގާ އާއި ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން އާންމުކުރި ކޮވިޑުގެ ތަފާސް ހިސާބުން ދައްކަނީ އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.

މި މަހުގެ 19 އިން 25 ގެ ނިޔަލަށް 16 މީހަކަށް ކޮވިިޑް ޖެހިފައިވެ އެވެ. އޭގެ ކުރީ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ 11 މީހަކެވެ. މި މަސް ފެށުނު އިރު ޕޮޒިޓިވް ކޭސްގެ އަދަދަކީ 6 އެވެ.

ރާއްޖެއިން މިހާތަނަށް 185،771 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ 311 މީހަކު ވަނީ މަރުވެފަަ އެވެ.