28 މާޗް 2023 - 14:15

ލަންޑަން (މާޗު 28) - އިންގްލެންޑުގެ ޗެލްސީ އަށް ނިމުނު ސީޒަނުގައި 149 މިލިއަން ޑޮލަރުގެ ގެ ގެއްލުމެއް ވެފައިވާކަން ކްލަބުގެ އަހަރީ މާލީ ރިޕޯޓުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޗެލްސީ ހިންގަމުން އައީ ކުރީގެ އޯނަރު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗެވެ. ނަމަވެސް ރަޝިއާ އިން ޔޫކްރޭނަށް އަރައި ކުރަމުން ގެންދާ ހަނގުރާމައާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ފިއްތުންތަކާ އެކު އަބްރަމޮވިޗަށް ޗެލްސީ ވިއްކާލަން މަޖުބޫރުވި އެވެ.
އެގޮތުން އެޅި ފިޔަވަޅުތަކާ ގުޅިގެން އުނދަގޫ ހާލަތަކަށް ވެއްޓުނު ޗެލްސީ އެންމެ ފަހުން އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްކޮށް ހުރެގެން ހިންގާ ކޮންސޯޓިއަމަށް މިދިޔަ މެއި މަހު ވިއްކާލީ 5.4 ބިލިއަން ޑޮލަރަށެވެ.
މާލީ ގެއްލުމާ ގުޅިގެން ޗެލްސީގެ މިހާރުގެ ވެރިން ބުނަމުން ދަނީ މިއީ އަބްރަމޮވިޗް ޗެލްސީ ހިންގި ދުވަސްވަރު އިނގިރޭސި ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. މި މުއްދަތުގައި ޗެލްސީ އަށް މެޗު ޓިކެޓް ވިއްކުމާއި ކްލަބުގެ ޖޯޒީ ފަދަ ތަކެތި ވިއްކުމުގެ އިތުރުން ކުޅުންތެރިންނާއި ސްޕޮންސަރުންނާ އެކު ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރުމުން ވެސް ކްލަބް މަހުރޫމްވި އެވެ.
ޗެލްސީ އިން ބުނާ ގޮތުގައި މިއާ ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކްލަބަށް މާލީ ދަތިކަން ފޯރާނެ އެވެ. އެގޮތުން 2.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހަދަން ނިންމާފައިވާ ޗެލްސީގެ އާ ސްޓޭޑިއަމްގެ މަސައްކަތް ފެށުން ވެސް ލަސްވުން އެކަށީގެންވެ އެވެ.
މި ސީޒަނަށް އެކަނި ވެސް ޗެލްސީގެ އާ ވެރިން ވަނީ ކުޅުންތެރިން ގަންނަން 740 މިލިއަނެއްހާ ޑޮލަރު ހޭދަ ކޮށްފަ އެވެ. އަދި ކުރު މުއްދަތެއްގައި ޗެލްސީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކިކޮށް، ބްރައިޓަންގެ ކޮންޓްރެކްޓުގައި ހުރި ގްރަހަމް ޕޮޓާ ގެންނަން ފީއެއްގެ ގޮތުގައި 26.3 މިލިއަން ޑޮލަރު (21.5 މިލިއަން ޕައުންޑް) ހަރަދު ކޮށްފައި ވާކަމަށް ރިޕޯޓް ކުރެ އެވެ.
އެހެން ނަމަވެސް މި ސީޒަން ގައި ޗެލްސީގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށް ވެފަ އެވެ. ލީގުގައި ބާކީ 11 މެޗު އޮތްއިރު އަދި މޮޅު ވެވުނީ 10 މެޗުންނެވެ. ލީގު ތާވަލުގައި ޗެލްސީ އޮތީ 10 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އޮތް ކަމަކު ބާކީ ހުރިހާ ކަޕް މުބާރާތްތަކަކުން ވަނީ ކަޓައިފަ އެވެ.
ޗެމްޕިއަންސް ލީގަކީ ކްލަބްތަކުގެ މާލީ ހާލަތަށް އެންމެ ބޮޑަށް ފައިދާ ކުރާ އެއް މުބާރާތެވެ. އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ޗެލްސީ އަށް އޮތް ހަމައެކަނި ގޮތަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.
ހަމަ އެއާ އެކު ކްލަބުގެ ހިންގުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އަށް ފައްތަން ޗެލްސީ އަށް މި ސީޒަނަށް ފަހު މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ވެސް ޖެހޭނެ އެވެ. އޭގެ ތެރޭގައި މޭސަން މައުންޓާއި ކޮނޯ ގަލަގާ ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
މި ސީޒަނަށް ފަހު ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ ޗެލްސީއާ ގުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ނަޕޯލީ އަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ވިކްޓާ އޮސީމެން ގެންނަން ވެސް ޗެލްސީ އިން ޝައުގުވެރިވާކަމަށް މީޑިއާތަކުން ހާމަ ކުރެ އެވެ. އިޓަލީގެ ރިޕޯޓްތައް ބުނާގޮތުން ނަޕޯލީ އިން އޮސީމެން ވިއްކާނީ 150 މިލިއަން ޕައުންޑަށް ވުރެ ކުޑަ ނޫން އަގަކަށެވެ.