ބެޑްމިންޓަން އެސޯސިއޭޝަނުން 18.87 މިލިއަން ރުފިޔާގެ ބަޖެޓެއް
ބެޑްމިންޓަން އެސޯސިއޭޝަނުން 18.87 މިލިއަން ރުފިޔާގެ ބަޖެޓެއް

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ މި އަހަރުގެ ބަޖެޓަށް 18 މިލިއަން ރުފިޔާ ފާސްކޮށްފި އެވެ.

މި އަހަރުގެ ގައުމީ ސްޕޯޓްސް އެވޯޑްސް ގައި އެންމެ ރަނގަޅު ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ވެސް ހޮވުނު ބެޑްމިންޓަން އެސޯސިއޭޝަނުން، މި އަހަރަށް ފާސްކުރި ޖުމްލަ އަދަދަކީ 18،873،891.84 (އަށާރަ މިލިއަން އަށް ލައްކަ ހަތްދިހަ ތިން ހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށްޑިހަ ހަތް ލާރި) އެވެ.

ހޮނިހިރު ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އާއްމުކުރި އަހަރީ ކަލަންޑަރުގައި ރާއްޖޭގެ ލެވެލްގައި 13 މުބާރާތެއް ބާއްވަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން މާލޭގައި ބާއްވާ ބައިނަލްއަގުވާމީ ތިން މުބާރާތެއް ވެސް ހިމެނެ އެވެ. މުޅިން އަލަށް މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖެއް މެއި މަހަށް ވަނީ ތާވަލްކޮށްފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކަކާ އެކު ކޮންމެ އަހަރަކު ވެސް ބާއްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު ޖޫން މަހު ބާއްވަން ހަމަޖެހިފައި ވެއެވެ. އަދި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގެ ނަމުގައި އޮގަސްޓު މަހު މުބާރާތެއް އޮންނާނެ އެވެ.

ހަމަ އެއާ އެކު ގައުމީ ބެޑްމިންޓަން ޓީމުން މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސްގައި ވެސް ވާދަކުރާނެ އެވެ.

އޮގަސްޓް 25 އިން ސެޕްޓެމްބަރު 3 އަށް މަޑަގަސްކަރައިގައި އައިއޯއައިޖީ ބާއްވަން ތާވަލްކޮށްފައި ވާއިރު އޮތްއިރު އޭޝިއަން ގޭމްސް ތާވަލްކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޫބަރު މަހުގެ 8 އަށް ޗައިނާގެ ހަންގްޒޫގަ އެވެ.

ގޭމްސްތަކަށް ތައްޔާރުވާން ރާއްޖޭގެ ބެޑްމިންޓަންގެ ގިނަ ތަރިންތަކަކަށް ވަނީ ތަމްރީނުތަކަށް ސްކޮލާޝިޕްގެ ފުރުސަތު ލިބިފަ އެވެ. އެގޮތުން ސަތާރަ އަހަރުން ދަށުގެ ބެޑްމިންޓަން ޓީމްގެ ޝުބާ މުހައްމަދު ޝަރީފް އާއި މުހައްމަދު ސާލިމް އަބްދުލް ސަމަދަށް ވަނީ ބެންކް އޮފް މޯލްޑިވްސް އިން ދޭ ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ލިބިފަ އެވެ. އަދި ސީނިއާ ޓީމުގެ ތަރިންކަމަށްވާ ފާތިމަތު ނަބީހާ، އާމިނަތު ނަހާބާ، ނިބާލް އަހުމަދު، މުހައްމަދު އަޖުފާން ރަޝީދު، ޒަޔާން ޒަކީ އަދި އަހުމަދު ތޯއިފް އަށް ވަނީ ކުޅިވަރު މިނިސްޓްރީ އިން ކުރިއަށް ގެންދާ އަރުތަ ޕްރޮގްރާމްގެ ދަށުން ތަމްރީންވުމުގެ ފުރުސަތު ދީފަ އެވެ.