27 މާޗް 2023 - 22:16

ހުރިހާ ނިންމުމެއް ވެސް ނިންމަނީ ސަރުކާރު ކުންފުނިތަކުގެ ހިއްސާދާރުންނާއި ދައުލަތާއި އާއްމުން ހިމާޔަތް ވާނެ ގޮތް ކަށަވަރު ކުރަން ކަމަށް، ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން އަމްރު އިއްޔެ ވަކިކުރި ގޮތާ ގުޅޭގޮތުން ވިލިމާލެ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓަށް ރައްދު ދީ، ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޯޑަށް މަތިކޮށްފައިވާ ހުރިހާ މަސައްކަތެއް ވެސް އަބަދު ކުރަނީ ގާނޫނާއި ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އުޝާމްގް ޓްވީޓުގައި ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރެއް ނޫން ކަމަށެވެ.
ގާނޫނުން އެ ބާރު ދީފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށް ކަމަށް ވާތީ، ކުންފުނިތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް، ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާއި ހިލާފަށް ސަރުކާރުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު މަގާމުން ވަކިކުރުމަށް ޕީސީބީ އަށް އެންގީ ރައީސް އޮފީހުންނެވެ. އެއާއެކު، އިއްޔެގެ ވަގުތެއްގައި ވަނީ އޭނާ ވަކިކޮށްފަ އެވެ.
ނަމަވެސް، ޕީސީބީގެ ބަޔާނުގައި ބުނީ އެ ބޯޑުން ހުރިހާ ކަމެއް ނިންމަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހުރިހާ ހިއްސާދާރުންނާއި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެކަން ކަށަވަރުވާނެހެން މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ކަމަށާއި ކުރިމަގުގައި ވެސް އެ ގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގަވައިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަން ވެސް މައުލޫމާތަކަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނީޓާކޮށް އިވެލުއޭޓްކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ މީހުން ވަކިކުރަނީ އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑުން ޑިސެމްބަރު 22، 2019 ގައި ފާސްކުރި އުސޫލާ އެއްގޮތަށެވެ،
އެއީ 2013 ވަނަ އަހަރު ޕްރައިވެޓައިޒޭޝަން ބޯޑު ފުރަތަމަ އެކުލަވައިލި ދުވަހުން ފެށިގެން އަމަލުކުރަމުން އައި މައިގަނޑު އަސާސްތަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށް ފަހު މިހާރު އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް އެ ބޯޑުން ބުންޏެވެ.