28 މާޗް 2023 - 07:16

ރަށުގެ ކުދިބޮޑު އެންމެންހެން އަތިރިއަށް އެއްވެފައި އޮތީ އެރަށުގެ ތިންމީހަކު ބިޑިއަޅުވައިގެން ފުލުހުން ގެންދާތީއެވެ. އުމުރުން ދުވަސްވީ ތިންފިރިހެނުން ބިޑިއަޅުވައިގެން ގެންދިޔައިރު އެމީހުންނަށް ކުރިއަށް ދެވެނީ މަޑުމަޑުންނެވެ. ގައިބާރުދެރަވެ މުސްކުޅިވީދުވަހު އެމީހުން އުމުރުދުވަހަށް ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހަޔާތުގެ ދުވަސްތައް ހޭދަކުރަން މަޖުބޫރުކުރުވީ ކޮން ވިޔާނުދާ ކަމަކުންބާވައެވެ؟
***
އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ދުނިޔެމައްޗަށް ދައްކަމުންދިޔަ ރީތި ކުލަތައް އެހާމެ ހިތްގައިމެވެ. މަޑުއޮރެންޖު ކުލައިން ރަތްކުލައަށް ބަދަލުވަމުން ދިޔަ އުދަރެހުގެ ނަލަކަމުން އެންމެ ބޮޑު އުފަލެއް ލިބުނީ ނަރީމާއަށެވެ. ޒަމާންތަކެއްވާންދެން އުންމީދު ކުރަމުންދިޔަ ނައީމުގެ ލޯބީގެ "އާނ" ބަސް ލިބުމުންނެވެ. ނައީމުގެ ފަރާތުން ހުށަހެޅުނު ފުރަތަމަ ބައްދަލުވުމުގެ އިންތިޒާރުގައި ރަށުގެ ތުނޑީގައި ނައީމާގެ ފޮނި އިންތިޒާރުގައިވެސް ރީތި ކުލަޖައްސަމުން ދާކަހަލައެވެ. ދެފަސްބެދޭ ހިސާބުގައި ހިނގާލަ ހިނގާލަ ހުރި ނަރީމާ އިރުއިރުކޮޅާ ދެކޮޅު ބަލާލައެވެ. ނައީމު ފެނުމުން އޭނާއަށް ވާނީ ކިހިނެތްބާވައެވެ؟
ނައީމަކީ ރަށުގައި އުޅޭ ހުރިހާ އަންހެން ކުދިންހެން ބޭނުންވާ ރީތި ފިރިހެނެކެވެ. އޭނަގެ ހެދިހުރި އިސްކޮޅާ ފިރިހެންވަންތަ ހަށިގަނޑަކީ ކޮންމެ އަންހެން ކުއްޖަކުވެސް ހިތްކިޔާނެ ސިފަތެކެވެ. އޭނާގެ ހުންނަ މަޒާ މިޒާޖާއި ހިތްހެޔޮކަމަކީ މީހުންގެ ހިތްތައް ފަތަހަކުރާ އުކުޅުތަކެވެ. ރަށަށް ފޮނުވާލި ސިޔާސީ ކުށްވެރިއެއްގެ އާއިލާއިން އޭނާއަށް ލިބުނު ފުރުސަތުގައި އިންޑިޔާގެ އަލީގަޅުގައި ކިޔެވުމުގެ ފުރުސަތުލިބުމުން އެކަން ނުހަނު ރަނގަޅަށް އޭނާ ނިންމިއެވެ. ރަށުގެ ގާޒީއަކަށް ނައީމު އައިފަހުން އަދި އަހަރެއްވެސް ނުވެއެވެ. މާލެއިން ވަޒީފާ ލިބުނުކަމުގައި ވިޔަސް ނައީމު ބޭނުންވީ ރަށުގައި ވަޒީފާ އަދާ ކުރާށެވެ. ރަށުމީހުންނަށް ޚިދުމަތްކުރާށެވެ. ރަށުގެ އެންމެން އޭނާއަށް ކުރާ ޤަދަރަކީ އޭނާގެ މޮޅުކަމާއި އޯގާތެރިކަމާއި މާތް އަޚުލާގުގެ ސަބަބުން ކުރާ ޤަދަރެކެވެ.
ނަރީމާގެ ހިތުގެ ރަސްގެފާނުގެ ގޮތުގައި ނައީމު ހުރީކީ އޭނާ ކިޔަވައިގެން މޮޅުމީހަކަށް ވެގެން އައީތީއެއްނޫނެވެ. މާ ކުރިންވެސް އެކުގައި ކިޔަވަން އުޅުނުއިރުވެސް އޭނާ ނައީމަށް ޚާއްސަ އިއްޒަތަކާއި ޤަދަރެއް ދީފައިވެއެވެ. ނައީމު ގުރޭޑް 7 ގައި އުޅުނުއިރު ނަރީމާ އުޅުނީ 3 ގައެވެ. އޭރުވެސް އޭނާއަށް ނައީމުގެ ކޮންމެ ކަމަކަށް ތަރުހީބު ދެވެއެވެ. ނައީމު ކިޔަވައިގެން އައިއިރު އަދި މާ ހިތްގައިމެވެ.
"ހާދަ ލަސްވީ." ނައީމް އައިސް މަޑުކޮށްލުމުން ނަރީމާއަށް ޝަކުވާ ކުރެވުނެވެ.
"ކުޑަކޮށް އަނދިރިވެލަންދެން މަޑުކޮށްލީ. މީހަކަށް ފެނިއްޖެނަމަ އަހަރެމެން ބަދުނާމު ކޮށްލާނެއްނޫންތަ؟" ނައީމް ހިނިތުންވެލަމުން ބުންޏެވެ.
އެދެކުދިން ތުނޑީގެ ވެލިގަނޑުގައި އަރަމުންދާ ހަނދުގެ ރީތި އަލީގައި އެތަށް ވާހަކަތަކެއް ދެއްކިއެވެ. ކުޑައިރުގެ މަޖާ ހަނދާންތަކެވެ. ކިޔަވަންއުޅުނުއިރު ދިމާވި ހެއްވާ ވާހަކަތަކެވެ. ކުރިމަގަށް ކުރަމުންދާ އުންމީދެވެ. ހަރުދަނާ ހަޔާތަކަށް ކުރަމުންދާ ތަސައްވަރުތަކެވެ. ދޭތެރެ ދޭތެރެއިން ކޮށްލާ ސަމާސާތަކެވެ. މިއިން ކޮންމެ ކަމެއްގައި ނަރީމާގެ ހިތް ނައީމަށްޓަކައި ފިދާވެއެވެ. ނައީމުގެ ވާހަކައިން އޭނާއަށް ދޭހަވީ ނައީމުގެ ހިތުގައިވެސް އެންމެ ކުރިން ފަށައިގެން ބިންވަޅުނެގިފައިވަނީ ނަރީމާކަމެވެ.
ނަރީމާއަކީވެސް ރަށުގެ އެންމެ ރީތި އަންހެން ކުދިންގެ ތެރެއިން ހޮވާލެވޭ މުރާލި ކުއްޖެކެވެ. ނަސަބުގެ ގޮތުން އެންމެ ރަނގަޅު، ވިޔަފާރިވެރި، ރަށުގެ އިޖުތިމާއީ ކަންކަމުގައި ނަގާކިޔާ އާއިލާއެއްގެ ކުއްޖެކެވެ. އަދި އެއީ ރަށުގެ ގިނަ އާއިލާތަކުން ނަރީމާގެ ކައިވެންޏަށް އެދޭ އަންހެން ކުއްޖެކެވެ.
"އަހަރެން މި ގޮތަށް ސިއްރުން ބައްދަލުކުރާކަށް ނޭދެން. މީހަކަށް ފެނިއްޖެނަމަ އަހަރެމެންގެ މި މާތް ގުޅުމަށް ނުބައި ނަމެއް ދީފާނެ. އަހަރެން ބޭނުންވަނީ ކައިވެނި ކުރަން." ނައީމު ބުންޏެވެ.
"އެކަމަކު އަދި މައިންބަފައިންނަށްވެސް އަންގަންވާނެ. އެމީހުން ނުގަބޫލުނުވިޔަސް ކައިވެނީގެ ވަލީމާގެ ކަންކަން ކުރެވެންދެން ބައްދަލުނުވެ ތިބެންވީ؟" ނަރީމާ ބޭނުންވަނީ އަބަދުވެސް ނައީމުގެ އަތުތެރޭގައި ވާށެވެ. އޭނާގެ ގާތުގައި ހުންނާށެވެ.
ބަގީޗާއަކަށްވެސް ބަހާރު މޫސުން އައިސް މާތައް ފޮޅޭއިރު އެހުންނަ ރީތި އަސަރުތައް އެމީހުންގެ ދިރިއުޅުމަށްވެސް ގެނުވައިފިއެވެ. ކޮންމެ ދުވަހަކު ނިދަނީ ދެމީހުން މެދުގައި ބަދަލުކުރެވޭ ލޯބީގެ ސިޓީ ކިޔަމުންނެވެ. ހޭލެވެނީ މަގުމަތިން ނަމަވެސް އެކަކު އަނެކަކާ ބައްދަލުވެލާނެ ކަމުގެ އުންމީދުގައެވެ.
ނަރީމާ އެންމެ އުފާވީ ނަރީމާގެ ކައިވެންޏަށް އެދި ނައީމުގެ މައިންބަފައިން އެގެއަށް އައީމައެވެ. އެމީހުންނަށް ނަރީމާގެ އާއިލާއިން ބެހެއްޓި ގާތްކަމާއި އިހުތިރާމް ނަރީމާއަށް ފެނުމުން ނައީމާމެދު އޮތްލޯބި އިތުރުވެގެން ދިޔައެވެ. ނައީމާ ބައްދަލު ނުކުރެވޭތީ އޭނާ ހީވަނީ ދީވާނާ ވެފަހުންނަހެންނެވެ. މީހުންގެ ފާޑުކިޔުމަށް ނައީމު މިގަންނަ ބިރުން ބައެއްފަހަރު ނަރީމާ ރުޅިވެސް އާދެއެވެ.
"އަހަރެމެންނަކީ ލޯބިވެރިން. ބަގީޗާގައި މިނިވަންކަމާއެކު އުދުހޭ ކޮކާތަކެއްހެން ލޯބީގެ ދުނިޔޭގައި އަހަރެމެންވެސް އުދުހެވެންވާނެ. މިރޭ ތުނޑިއަށް ދާންހިނގާ." ކައިވެނީގެ ވަލީމާ ބާއްވާ ގިޑިގެ ހަދަންތިބި މީހުންކައިރީގައި ނައީމު އުޅެނިކޮށް ކުޑަކުއްޖެއްގެ އަތަށް ދީފައި ނަރީމާގެ ނޯޓެއް ނައީމަށް ފޮނުވިއެވެ.
"މިރޭގެ އިޝާގެ ފަހުން ތުނޑިއަށް ދާން ބަލާ ދާނަން." ފެންތައްޓެއް ބޭނުންވެގެން އައީ ކަމަށް ހަދާފައި ނައީމު ސިއްރުސިއްރުން ނަރީމާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
އެ ދެ ޒުވާނުންގެ ލޯބީގެ މެހެފިލްތަކަށް ބޭނުންވެ ހިތްއެދި ގޮވަނީކީ ހަމައެކަނި ނަރީމާއެއް ނޫނެވެ. ނައީމުގެވެސް ހަޔާތުގެ ކޮންމެ ސިކުންތަކީ ނަރީމާގެ ހިޔާލުތަކުގައި ހޭދަވާ ވަގުތުތަކެވެ. ނަމަވެސް ރަށުގެ މީހުންގެ ނުބައި ބަސްތަކުން ސަލާމަތްވެގެން ހުރުމަކީ އޭނާ އަބަދުވެސް ވިސްނާ ކަމަކަށްވާތީ އެ ދެމީހުން ބައްދަލު ކުރުމަށް ޖެހިލުންވަނީއެވެ. ރަށުގެ ރައްޔިތުންގެ މައްސަލަތައް ބަލާ ހުކުން ކުރަންހުރި ގާޒީއަކު ފާޅުގައި ލޯބީގެ މާތައް ފޮޅުވަން ނިކުންނާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އޭނާގެ ޒުވާން ހިތުގައިވެސް ޖަހަނީ ލޯބީގެ ވިންދެވެ. ލޯމަރާލާއިރު ފެންނަނީ ނަރީމާގެ ރީތި ރީތި މޫނެވެ. އެކަނިވާއިރު ނަރީމާ އޭނާއަށް ގޮވާލާހެންވެސް ހީވެއެވެ.
އިރުއޮއްސި އިޝާއަށް ގޮވިއިރުވެސް ނަރީމާ ހުރީ ގޭތެރޭގައި ހިނގާލަ ހިނގާލައެވެ. ނައީމާ ބައްދަލުވުމަކީ އޭނާއަށް ދުނިޔެ ލިބުންކަހަލަ ކަމެކެވެ. އެ ޒުވާނާގެ ކޮންމެ ހަރަކާތަކީ އޭނާއަށް ދިރުމެއް ގެނެސްދޭ ކަމެކެވެ. އެ ރީތި އަތުން ފިރުމާލުމަކީ އޭނާގެ ގައިން ހީބިހިނަގާ އަސަރުތަކެއް ގެނުވާކަމެކެވެ. އިޝާ ނަމާދުނިމި އެތައް އިރެއްވީފަހުން ނައީމު އޭނާ ބަލާއައެވެ.
އަނދިރި މަގުތަކުގައި އެ ދެލޯބިވެރިން ހިނގާފައި ވަލުތެރެއާއި ދިމާލަށް ދިޔައީ މި ބައްދަލުވުން ސިއްރުކުރާށެވެ. ނަރީމާގެ އަތުގައި ހިފައިގެން ނައީމު ދިޔައީ ކޮޅުކޮޅަށް ލޯ އެއްލާ ފާރަވެރިވެސް ވަމުންނެވެ. ލޯބީގެ އުފާވެރި އިހުސާސާ ބޭޒާރުވުމުގެ ބިރާ އެކުވެގެން އަންނަ އިހުސާސަކީ އާދަޔާ ޚިލާފު ލޯބީގެ އަސަރުތަކެއް އެކުލެވޭ ކަމެކެވެ.
"މާދަމާ ހަވީރު ޖެހިގެން އޮތް ފަޅުރަށަށް ދާން ތައްޔާރުވޭ. އަލީ އަންނާނެ ނަރީ ބަލާ. އަހަރެމެންގެ ލޯބީގެ ވާހަކައިގާ ތަފާތު ސޮފްހާތައް ލިޔަންވާނެ." ނައީމު ނަރީމާގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ.
"އެކަމަކު ދެ ދުވަސްފަހުން ކައިވެނި އެބައޮތެއްނު." ނަރީމާގެ އެދުމަކީ ނައީމުއާއިއެކު އެކަނިވެލުން ކަމުގައިވިޔަސް އޭނާވެސް ބިރުގަނެއެވެ.
"އަލީ އަހަރެމެން ލާފަ ދާނެ ތަންކޮޅެއް ފަހުން ބަލާ އަންނަން. އެކަކަށްވެސް ނޭނގޭނެ އަހަރެމެން އެރަށަށް މާދަންރޭ ދާނެކަމެއް އަދި ދިޔަކަމެއްވެސް. ބައެއްފަހަރު ލޯބީގެ މަންޒިލް ތަފާތުވެސް ކޮށްލަންވާނެ." ނައީމު ނަރީމާ ގަޔާ ކައިރިކޮށްލިއެވެ.
ކުއްލިއަކަށް އެމީހުންގެ ކުރިމައްޗައް އަރާ ހަމަކުރީ ކުރުނބާ ގާޑިޔަލެއް ހިފައިގެން އައި އެ ރަށު އިދުރީސްގޯތި އާދަނެވެ. އެއީ ވައްކަމުގެ މައްސަލައެއްގައި ގޭ ބަންދުގައި ހުކުންކޮށްފައި ހުރި މީހެކެވެ. ނައީމުގާޒީ ފެނުމާއިއެކު އާދަނު ހިނގުން ބާރުކޮށްލިއެވެ.
"އާދަނާ! ކަލޭގެ ހުކުން އަދި ނުނިމެއެއްނު. ތީ ކޮންތާކުން އެޅި ކުރުނބާތަކެއް. ވަގުރުކު އެޅީދޯ." ނައީމު ބުންޏެވެ.
"އާދަނާ! ކަލޭގެ ހުކުން އަދި ނުނިމެއެއްނު. ތީ ކޮންތާކުން އެޅި ކުރުނބާތަކެއް. ވަގުރުކު އެޅީދޯ." ނައީމު ބުންޏެވެ.
"ނޫ...ން. ކާފަ ދަނޑުން އަޅައިގެން މިއައީ." އާދަނަށް ވާހަކަދެއްކެނީ އުނދަގުލުންނެވެ.
"ކަލޭ ތިހެދީ ދޮގެއްކަން މާދަން އެނގޭނެ." ނައީމު ބޭނުންވީ އޭނާގެ ލޯބީގެ ބައްދަލުވުން ސިއްރުކުރާށެވެ. އާދަނަށް ބިރުދައްކާލުމުން އެމީހުން ފެނުންވާހަކަ ނުދައްކާނެކަން އޭނާއަށް އެނގެއެވެ.
ނައީމު އާދަނަށް ބަލަން ހުއްޓެވެ. އާދަނު ހެދީ ދޮގެއްކަން ނައީމަށް އެނގޭކަން އާދަނަށް އެނގެއެވެ. ވީމާ އޭނާގެ ސަލާމަތެއް ނެތެވެ. އަދިވެސް ކޯޓުގައި އޭނާގެ އެހެން މައްސަލައެއް އެބައޮތެވެ. އޭގެ ހުކުމުގެ ބާރުވެސް އޮތީ ނައީމުގެ އަތުގައެވެ.
"އަހަރެން މީހެއްގާތު ނުބުނާނަން ގާޒީމެން ފެނުނުވާހަކައެއް." އާދަނު ބޭނުންވީ މި ކަމުން ސަލާމަތްވާށެވެ. މި މައްސަލަ ނުބަލާ ހިންދާލާށެވެ.
މިރޭގެ މިދިމާވި ހާދިސާއިން އެ ދެލޯބިވެރިންގެ ވިސްނުން ބަދަލުވިއެވެ. މި ބައްދަލުވުން އިތުރަށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ގެއަށްގޮސް ކައިވެނީގެ ކަންކަން ތައްޔަރުކުރާ މީހުންނާއިއެކު އެކަމުގައި އުޅުނެވެ. ނައީމު ދޭތެރެ ދޭތެރެއިން ނަރީމާއަށް މައްލަވަކޮށްލާ ސަމާސާކޮށްލާ ހަދާލައެވެ.
"ހަނދާންކުރާތި އަލީ އަންނައިރު މީހަކަށް ނޭނގޭގޮތަށް އެ ޑިންގީއަށް އަރަން. އަހަރެން ހުންނާނީ ހުރިހާ އިންތިޒާމެއް ހަމަޖައްސާފަ." މާބޮޑަށް ދަންވެފައިވާތީ ގެއަށްދަމުން ނަރީމާގެ ކަންފަތްބުޑުގައި ނައީމު ބުންޏެވެ.
ދަތުރަށް ތައްޔާރުވެގެން ނަރީމާ އަތިރިއަށް ނިކުތީ އިރުއޮއްސުނު ފަހުންނެވެ. މިދަތުރުދާން އޭނާ ވަރަށް ބޭނުމެވެ. ނަމަވެސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި އުފެދެމުން ދިޔައެވެ. ނަމަވެސް އޭނާ ބިރުގަންނަންވީ ކީއްވެހެއްޔެވެ؟ ނައީމަކީ ދެދުވަސްފަހުން އޭނާގެ ފިރިމީހާއެވެ. ރަށަކީ ނައީމުގެ ބައްޕައަށް ވަރުވާއަށް ލިބިފައިވާ ރަށެވެ. އެ ރަށަށް އެއްވެސް މީހަކަށް ނައީމުގެ ހުއްދައާއިނުލާ ނޭރޭނެއެވެ. ވީއިރު އެރަށަކީ އަމާންރަށެކެވެ. ނަރީމާއަށް ދެވުނުއިރު އަލީ އޭނާގެ އިޝާރާތަކަށް ތުނޑީގައި ހުއްޓެވެ. ނައީމަށްވެސް އެމީހުން ތިބިތަނަށް އާދެވުނީ އެވަގުތެވެ.
"އަހަރެން ކޮންމެހެންވެސް މަޑުކުރަން ޖެހިއްޖެ. އަންހެނުންގެ މަންމަ ގޮވައިގެން ކުއްލިގޮތަކަށް ފުރަންޖެހުނީ. ހުރިހާކަމެއްވެސް ހުންނާނީ ތައްޔާރުކޮށްފައި." ނައީމު ފެނުމުން އަލީ ދެރަވެލާފާ ބުންޏެވެ.
"އެންމެ ރަނގަޅު. ދެމީހުންކުރެ އެކެއްގެ ފުރާނަދިޔަޔަސް މީހެއްގާތު އަހަރެމެން ދިޔަތަނެއް ނުބުނާތި." މި ކައިވެނީގައި ހަޑިވާހަކައެއް ހިމެނޭކަށް ނައީމެއް ނޭދެއެވެ. އަލީ ވަޢުދުވެފައި ސަލާންގަލާން ކުރުމަށްފަހު ދިޔައެވެ.
10 މިނިޓެއްހާއިރުގެ ކުރު ދަތުރެއްގައި އެ ދެ ޒުވާން ލޯބިވެރިންނަށް ފަޅުރަށަށް ދެވުނެވެ. ހަމަހިމޭން ރަށުގައި ހަނދުވަރުގެ ރިހިއަލިން ރަސްކަން ކުރަމުންދިޔައިރު ދޭތެރެދޭތެރެއިން އިވޭ ދޫނި ސޫފާސޫފީގެ އަޑާއި ރާޅު ޖަހާއަޑު ފިޔަވާ އެއްވެސް ހިލަމެއް އެ މާހައުލަކު ނުވެއެވެ. ރީތި ތަރިތަކުގެ ބެބުޅުމާއި ފިނިފިނި ވައިރޯޅީގެ ހިތްގައިމުކަމުގައި މަޑުމަޑު ދޮންވެލިގަނޑުގައި އެދެމީހުން ހިނގާފާ ދިޔައެވެ. އެމީހުން ގޮސްވަނީ ދެފަސްބެދޭ ހިސާބުގައި އަލީ ތައްޔާރުކޮށްދީފައި ހުރި ޓެންޓަށެވެ. އެތަނުގައި އެކިވައްތަރުގެ މޭވާއާއި ކާނެބައެއް ތަކެއްޗާއި އަދި ފެން ހުއްޓެވެ. ޓެންޓް ބަލާލާފައި ނައީމް ނިކުތީ ބޭރަށެވެ. ނަރީމާގެ އަތުގައި ހިފަހައްޓައިގެން ހުރެ އެ ރީތި ދޮންވެލި ގަނޑުގަނޑުމަތީގައި އޭނާ އިށީނެވެ.
"ކިހާ އަމާން އަދި ރައްކާތެރި. އެއްވެސް މީހަކަށް އަހަރެމެން ކޮބައިކަމެއް ނޭނގޭނެ." ނައީމް ހިންހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ނަރީމާގެ މޫނަށް ބަލާލިއެވެ. އޭނާއަކަށް އެއްޗެއް ނުބުނެވުނެވެ. އަދި ނަރީމާގެ އެ ރީތި މޫނަށް ބެލުމުގައި އިރުކޮޅެއް ހޭދަވިއެވެ. އޭނާގެ ބޮޑު ދެލޮލާއި ރީތި ތުންފަތުގައި ހުރި އަސަރުތަކަކީ އެހެންރޭރެއާއި ތަފާތު އަސަރުތަކެކެވެ.
"އަސްލުވެސް. ކީއްވެޔޯ މާ ފާޑަކަށް ތިބަލަނީ. އަނެއްކާ އަހަރެންނަކީ އިންސާނެއް ނޫންކަމަށް ހީކުރަނީތަ؟" ނަރީމާ އިސްޖަހާލަމުން ބުންޏެވެ. ނައީމު ބަލާލާގޮތުން އޭނާގެ އެތެރެހަށީގައި ބުނެދޭން ނޭނގޭ އިހުސާސެއް އުފެދެއެވެ.
"ނޫން. ނަރީއާއެކު އަބަދުވެސް މިހެން ހުރެވޭނެ ނަމައޭ މި ހިތަށް އަރަނީ." ނައީމް އަތްނަގާ ނަރީމާގެ މޫނަށް އެޅިފައިހުރި އިސްތަށިކޮޅު ރަނގަޅު ކޮށްލިއެވެ. ދުވަހަކުވެސް ނުކުރެވޭ އާދަޔާ ޚިލާފު އިހުސާސަކުން އޭނާގެ ލޯ މެރުނެވެ. ނަރީގެ މި އާދައިން ނައީމަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ ނަރީމާގެނެސް ގަޔާކައިރި ކޮށްލިއެވެ. ނަރީމާ ލޯ ހުޅުވާލާ ނައީމަށް ބަލާލެވުނެވެ.
"މަންމާ...." ކުއްލިއަކަށް އޭނާއަށް ހަޅޭއްލަވައި ގަނެވުނީ އެމީހުންނާ މާދުރުނޫން ހިސާބަކުން ގަސްތަކުތެރޭގައި ބޮޑު އަލިފާންގަނޑެއް ފެނުމުންނެވެ. އޭގެ ހުޅުގަނޑު މާ މައްޗަށް އަރާފައިވެއެވެ.
ނައީމު އަވަސް އަވަހަށް ތެދުވިއެވެ. އަދި ނަރީމާގެ އަތުގައި ހިފައިގެން އެ ދިމާއަށް ދިޔައެވެ. އޭނާގެ ބައްޕަގެ ރަށެއްގައި މިކަހަލަ ކަމެއް ހިނގަންވީ ކީއްވެހެއްޔެވެ؟ އަނެއްކާ ބަޔަކު އޭނާއަށް ފާރަލަނީ ބާވައެވެ؟ ނޫނީ ގަސްދުގައި މި ރަށުގައި ބަޔަކު ރޯކޮށްލީ ބާވައެވެ؟ އެމީހުންނަށް އެތަނަށް ދެވުނުއިރު ތިންމީހަކު ކުނަލެއް އަޅައިގެން އަލިފާންގަނޑު ކައިރީގައި އިނެވެ. އެއީ އޭނާ ދަންނަ ރަށުމީހުންނެވެ. އެމީހުން ބޮޑު އުވަވަޅެއް ދަވަނީއެވެ. ބައިވަރުގަލާއި ލަކުޑި އަޅައިގެން ކުރާ މި މަސައްކަތް އަދިހަމަ ފެށީއެވެ.
" ކަލޭމެން ތި މަސައްކަތް ކުރަނީ ހުއްދަވެސް ނުހޯދާތަ؟" ނައީމު އެހިއެވެ.
"ރަށުގެ ހުރިހާ މަޤާމަކާއި އަދި ގުދުރަތީ ގޮތުން އެންމެންނަށްލިބެންޖެހޭ ފައިދާވެސް ލިބެނީ ކަމޭމެންނަށް. ތަނެއް ރާނާލަން އުވަވަޅެއް ދެވުމަކީ ކަލޭ އެހާ ކަންބޮޑުވާ ކަމަކަށް ވެގެންނުވާނެ." ކުރީދުވަހު ފެނުނު އާދަނު ނިކުމެ ބުންޏެވެ.
ކުއްލިއަކަށް ނަރީމާ ހުރިތަނުން ތެޅިގަނެވުނެވެ. އޭނާގެ ފައިގާ ދިޔާއެއްޗެއް ހޭކޭތީއެވެ. އޭނާ ފައި ހިއްލާލާފައި ބަލާލިއެވެ.
"ލޭ.. ބައިވަރު ލޭ ތަކެއް." ނަރީމާ ބިރުންހުރެ ބުންޏެވެ.
ނައީމު ވަށައިގެން ރަނގަޅަށް ބަލާލިއެވެ. މުޅިތަނުގައި ވަނީ ލެޔެވެ. އުވަވަޅުގެ އަނެއް ފަރާތުގައި ދެތިން ތެއްޔާ މަސްގޮޑިއާއި ވަޅި ހުއްޓެވެ. ފަޅާލާފައިވާ ބޮޑު ތިން ވެލާ އޮތެވެ.
"އެކަމަކު ތީ ކުށެއްނު. އަހަރެމެންގެ ރަށެއްގައި ހުއްދަ ނުހޯދާ މަސައްކަތްކުރިއަސް އަހަންނަށް މާފުދެވިދާނެ. އެކަމަކު ރާއްޖޭގެ ގާނޫނު މަނާކުރާކަމެއް ކަލޭމެންތިކުރަނީ. އަސްލު ބުނަންޏާ ފަރުފަރުން ގާނެގުމަކީވެސް މިހާރު ކުށެއް،" ނައީމް ބުންޏެވެ.
"ކަލެއާއިހެދި މިހާރު އުޅެން އުނދަގޫވެއްޖެ." ފަހަތުން އައިމީހަކު ނައީމުގެ ބުރަކަށީގައި އަޅާ ކޮއްޕާލިއެވެ. ނުވިސްނާހުރި ނައީމު އުވަވަޅުގެ ތެރެއަށް ވެއްޓިއްޖެއެވެ. ބާރު ހަޅޭކެއްގެ އަޑާއެކު ނައީމުގެ ގައިގާ އަލިފާންހިފައިފިއެވެ. ދެންތިބިމީހުން އޭނާ ވަޅުން ސަލާމަތް ކުރެވޭތޯ ބެލިއެވެ. ނަމަވެސް އެ ފުންވަޅުގަނޑާއި ކައިރިވާކަށް އެކަކަށްވެސް ނުކެރުނެވެ. ނަރީމާގެ ލޮލުގެ ކުރިމަތީގައި އޭނަގެ ފުރާނަހާ ލޯބިވާ ބައިވެރިޔާ އަނދާ އަޅިއަށްވެއްޖެއެވެ. ހަޅޭއްލެވުން ފިޔަވާ އޭނާއަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. ހުރިހާކަމެއްވެސް ހިނގީ ހިނދުކޮޅެއްގެ ތެރޭގައެވެ.
ގިސްލަ ގިސްލާފައި ރޮމުންދިޔަ ނަރީމާ ހުރީ ހޭބުއްދި ފިލާފައެވެ. އޭނާއަށް ހަޅޭއްލަވަނީއެވެ. މޮޔައެއްހެން ތެޅި ފޮޅެނީއެވެ.
"އެއީ ގަސްދުގައި ކުރިކަމެއް ނޫން." އާދަނު ބިރުން ހުރެ ބުންޏެވެ.
"އެކަމަކު ނަރީމާ އެނބުރިގޮސް އަހަރެމެން އެންމެން ޖަލަށްލާނެ." އެމީހުން ބިރުގަތެވެ.
އާދަނު ބާރުބާރަށްގޮސް ނަރީމާ އަތުގައި ހިފިއެވެ. ގަދަހަދަމުންދިޔަ ނަރީމާ އަލިފާންގަނޑާ ކައިރިއަށް ގެނެވޭތޯ ބެލިއެވެ.
"ދޫކުރޭ.. އަހަރެން ދިޔަދީ." ނަރީމާ ރޮމުން ހަޅޭއްލަވަމުން ދިޔައެވެ.
ނުވިސްނާހުރި ނައީމު އުވަވަޅުގެ ތެރެއަށް ވެއްޓިއްޖެ އެވެ. ބާރު ހަޅޭކެއްގެ އަޑާއެކު ނައީމުގެ ގައިގާ އަލިފާން ހިފައިފި އެވެ. ދެން ތިބި މީހުން އޭނާ ވަޅުން ސަލާމަތް ކުރެވޭތޯ ބެލި އެވެ. ނަމަވެސް އެ ފުންވަޅުގަނޑާ ކައިރިވާކަށް އެކަކަށް ވެސް ނުކެރުނެވެ. ނަރީމާގެ ލޮލުގެ ކުރިމަތީގައި އޭނަގެ ފުރާނަހާ ލޯބިވާ ބައިވެރިޔާ އަނދައި އަޅިއަށް ވެއްޖެ އެވެ. ހަޅޭއްލެވުން ފިޔަވާ އޭނާއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ހުރިހާ ކަމެއް ވެސް ހިނގީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
ގިސްލަ ގިސްލާފައި ރޮމުންދިޔަ ނަރީމާ ހުރީ ހޭބުއްދި ފިލައިފަ އެވެ. އޭނާ ހަޅޭއްލަވަނީ އެވެ. މޮޔައެއްހެން ތެޅި ފޮޅެނީ އެވެ.
"އެއީ ގަސްދުގައި ކުރިކަމެއް ނޫން." އާދަނު ބިރުން ހުރެ ބުންޏެވެ.
"އެކަމަކު ނަރީމާ އެނބުރި ގޮސް އަހަރެމެން އެންމެން ޖަލަށް ލާނެ." އެ މީހުން ބިރުގަތެވެ.
އާދަނު ބާރުބާރަށް ގޮސް ނަރީމާ އަތުގައި ހިފި އެވެ. ގަދަހަދަމުން ދިޔަ ނަރީމާ އަލިފާންގަނޑާ ކައިރިއަށް ގެނެވޭތޯ ބެލި އެވެ.
''ދޫކުރޭ.. އަހަރެން ދިޔަ ދީ." ނަރީމާ ރޮމުން ހަޅޭއްލަވަމުން ދިޔަ އެވެ.
އާދަނު އެހެންމީހެއްގެ އެހީއާ އެކު ނަރީމާ ގަދަބާރުން ގެނެސް އުވަވަޅަށް ކޮށްޕާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނަރީމާވެސް އެ އުވަވަޅުގައި އަނދައިފިއެވެ. އެ ދެލޯބިވެރިންގެ ނިމުން އެމީހުންގެ ފަޅުރަށުގައި އުވަވަޅެއްގައި ވިއެވެ. ކައިވެނީގެ ހަފްލާއަށް ޖޯޝާފޯރީގައި ތައްޔާރުވަމުންދިޔަ އެކަކަށްވެސް އެ ދެލޯބިވެރިންނަށް ވީގޮތެއް ނޭނގުނެވެ. ރަށުތެރޭގައި ތަފާތުވާހަކަތައް ދެކެވުނެވެ. އެދެކުދިންނާ ޖިންނި އަވަލީއެވެ. މޫދުގައި ގެނބިގެން މަރުވީއެވެ. ދޮންހިޔަލައާއި އަލިފުޅުގޮތަށް މާވަރަކަށް ފުންމާލީއެވެ.
މައިދަތަގޮވައިގެން ފުރި އަލީ އިންޑިޔާގައި މައިދައިތަގެ ފަރުވާ ނިންމާފައި އައިއިރު ހުރީ މަހެއްވެފައެވެ. އެ ދެކުދިން ގެއްލުނީކަން ފިޔަވާ އެކަން އެނގޭ އެކަކުވެސް ނެތެވެ. ނަމަވެސް އަލީ ވަޢުދުވެފައިވާގޮތަށް އެދެކުދިން އެ ފަޅުރަށަށް އެރޭ ދިޔަވާހަކަ އެކަކު ގާތުވެސް ނުބުނެއެވެ. އެ ދެކުދިންނަށް ވީގޮތް ހޯދުމަށް އެފަޅުރަށަށް އޭނާ ދިޔައެވެ. އޭނާ ޖަހައިދިން ޓެންޓް ހުރީ ބާވެ ހަސްނެތިފައެވެ.
ރަށުތެރެ ހޯދާ ބެލިއިރު އުވަވަޅު ދެވިތަން ފާހަގަވާން ހުއްޓެވެ. އޭނާއަށް އެތައްކަމެއް ޝައްކުވިއެވެ. ނަމަވެސް އުޅެއުޅެވެސް އެކަން އޭނާއަކަށް އެނގޭނެ އެއްވެސް ގޮތެއް ނުވިއެވެ. އެމީހުންދިޔަ ޑިންގީގެ ނިޝާނެއްވެސް ނެތެވެ.
ދުވަސްތައް ބަދަލުވެ އަހަރަތަކެއް ފާއިރުވީއިރު ނައީމުގެ ވާހަކަވެސް ތާރީޚުގައި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެއީ ކުޑަކުދިން ލޮއްސަން ކިޔާ ވާހަކައަކަށް ވެފައެވެ. އަތިރިމަތީގައި މުސްކުޅި ދެތިން މީހެއް ރޯދަކުރުކުރަން އޮތެވެ. އެކުދިންގާތުގައި ޒުވާން ދެކުއްޖަކު ފޯނުން ވީޑިއޯތަކެއް ބަލަމުން ދިޔައެވެ. އެމީހުން ބަލަމުން ދިޔައީ ރަށެއްގެ ވަލުތެރޭގައި ވެލާތަކެއް ފަޅަމުން ދިޔަ ވީޑިއޯއެކެވެ.
"ނައީމުއާއި ނަރީމާ އުވަވަޅަށް ވައްޓާލިރޭ އަހަރެމެންވެސް ތިހާގިނަ ވެލާފެޅިން." އާދަނަށް މިހެންބުނެވުނު އަޑު އަލީއަށްވެސް އަދި ގާތުގައި ތިބި ކުދިންނަށްވެސް އިވުނެވެ. އަލީ ވަގުތުން ފުލުހުންނަށް ގުޅިއެވެ. އަދި ފުންމައިގެން ތެދުވެ މުސްކުޅި އާދަނުގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ކަންވީގޮތް އޮޅުންފިލުވަން އެދެފިއެވެ. ފުލުހުންގެ ތަހުގީގާއި އަލީގެ ހެކިބަހާއެކު އާދަނުމެންނަކަށް އިތުރަކަށް އޮޅުވައެއް ނުލެވުނެވެ. އެމީހުންނަށް ގަސްތުގައި މީހަކު މެރުމުގެ ހުކުމް އައެވެ.
"ކީއްވެ ކުރިން ނުބުނީ އެ ކުދިން އެ ފަޅުރަށަށް ދިޔަވާހަކަ." ފުލުހުން ޢަލީއާއި ސުވާލުކުރިއެވެ.
"އެއީ ސިއްރުކުރަން ވެފައިވާ ވަޢުދެއް. ނައީމު ބުނެފައި އޮތީ އެކެއްގެ ފުރާނަ ދިޔަޔަސް ނުބުނަން. އެކަމަކު އާދަނު އެމީހުން މަރާލީކަމަށް އެއްބަސްވީއިރު އެކުދިން އެތަނަށް ދިޔަކަން އެވަނީ ހާމަވެފައި." ޢަލީ ކަރުނަ ފޮހެލިއެވެ. ނައީމަކީ އޭނާ އެންމެ ލޯބިވާ އަދި އިތުބާރުކުރާ ރަހްމަތްތެރިޔާއެވެ. މި ސިއްރު ފަޅާ އެރުމުން އޭނާއަށް އުނދަގޫވިއެވެ. އެކަމަކު އަނިޔާވެރި ގާތިލަށް ސަޒާ ލިބުމުން ހިތްހަމަ ޖައްސާލިއެވެ.
-- ނިމުނީ --