27 މާޗް 2023 - 14:21

ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީނަށް އެންގެވީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމަށެވެ.
އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށްފަހު އަންނަ ބުދަ ދުވަހުގެ ހެނދުނު އެ މައްސަލާގެ ޝަރީއަތް ފަށަން އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ގޮތް ވެސް ޔާމީންގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން މާދަމާ ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ.
ޔާމީން 11 ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފަށް ހުށަހަޅާފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.