29 މާޗް 2023 - 09:09

ތިން އިރު ބަނޑުފުރާ ކާކަށް ނުލިބެ އެވެ. ކުޑަ ހަތަރު ކުދިންގެ ބޭނުންތައް ނުފުއްދެ އެވެ. އާއިލާގެ މީހަކާއި ރަށުގެ ބައެއް މީހުން ފޯރުކޮށްދޭ އެހީން އެންމެ ބޭނުންޖެހޭ ކަންކަން ކޮށްލަނީ އެވެ. މިއީ، އަމީލާ އަލީ (ކުދިންގެ ރައްކާތެރިކަމަށް އަސްލު ނަން ސިއްރުކޮށްފައި) އުޅޭ ނިކަމެތި ދިރިއުޅުމެވެ.

"ކުދިންނަށް ބޭނުންވާ ގިނަ ކަންކަން ނުވޭ. މި ހިޔާވަހިކަން ވެސް ނުލިބުނު ނަމަ ނޭނގޭ ވާނެ ގޮތެއް. އެރޭ މަގުމަތިވި ގޮތަށް ދެން ގޮތް ހުސްވެފައި ހުރީ," އަމީލާ ބުންޏެވެ.
"މަންމަގެ ގެއަށް ފުރަތަމަ ދިޔައީ. މަންމަ ވައްދަން ހުރީ އެކަމަކު [އާއިލާގެ އެހެން މީހަކު] ވައްދަން ބޭނުން ނުވީމަ މަންމައަށް ނުކެރުނީ," އަމީލާ ބުންޏެވެ.
ބޯވާރޭގައި ހުއްޓައި އޭނާ އާއި ދަރިންނަށް ކޮޓަރިއެއް ދެއްކީ އެ ރަށުގެ މީހެކެވެ. ގޮތެއް ލިބެންދެން އެތަނުގައި ބޭތިއްބިޔަސް އެއީ ކައްކައި ކެވޭ ގޮތަށް ހުރި ތަނެއް ވެސް ނޫނެވެ.
އަމީލާގެ ދިރިއުޅުމާ ބެހޭ ގޮތުން ހުއްޓާ ނުލައި ގަޑިއެއްހާ އިރު ދެއްކި ވާހަކަތަކުން އެނގޭ ގޮތުގައި ކޮންމެ ދުވަހެއް ނިމި ދަނީ އެތައް ވޭނެއްގަ އެވެ. މީހާ ވަށާލަނީ ސިކުނޑި ސުމަކަށް ދާވަރުގެ ކަންކަމެވެ.
ކިރުދަޅު ހުސްވެގެން އެންމެ ކުޑަ ކުއްޖާ ރޮއި ހަދާއިރު ކުރާނެ ކަމެއް ނެތެވެ. ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ނުކުރެވިގެން ކުދިން ސްކޫލަށް ނުފޮނުވި ބައިތިއްބަން ޖެހެ އެވެ.
"އެންމެ ޔުނިފޯމެއް ކުދިން އަތުގައި އޮންނަނީ. މެޝިނެއް ވެސް ނުހުރޭ. ދޮވެފައި ނުހިކޭ ދުވަހެއް ވީމަ މިއަދު ވެސް ސްކޫލަކަށް ނުފޮނުވުނު. [އާއިލާގެ އަންހެނަކު] ވަރަށް ރަނގަޅު, ބޭނުންވާ އެއްޗެއް ބުނެލީމަ ހޯދައިދޭ. އެކަމަކު އަބަދު ބުނާކަށް ނުކުރޭ, " އަމީލާ ބުންޏެވެ.
މަންމަ އާއި ބައްޕަ ވެސް ދުނިޔޭގައި އެބަތިއްބެވެ. އެކަމަކު ވަކިން ދިރިއުޅޭ އެ ދެ މީހުންގެ ނެތީ ހަތަރު ދަރިންނާ އެކު އަމީލާ ގެއަށް ވައްދާނެ ހިތްވަރެކެވެ.
ފިރިމީހާގެ ރަށުގައި އަމީލާ ދިރިއުޅެމުން ދަނިކޮށް އުފަން ރަށަށް ދަރިންނާ އެކު ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރުގެ ފަހުކޮޅު ބަދަލުކުރީ އެވެ. އޭނާ ދިރިއުޅެމުން ދިޔަ ތަނަކީ ކުދިންނަށް ރައްކާތެރި މާހައުލަކަށް ނުވާތީ އެވެ.
"ފިރިމީހާގެ އުޅުން ގޯސްވެގެން ކޮންމެވެސް ބަޔަކު ރިޕޯޓްކުރީ. މާހައުލު ގޯހޭ ކުދިންނަށް. އަޑު އިވިފައި އޮތީ އޭރު ވެސް ޖެންޑާއިން އެބައާދެއޭ ކުދިން ނަގަން. އަހަރެން ނުދާ ކަމަށް ވަންޏާ ވެސް ކުދިން ނަގާ ގޮތަށް އޮތީ. އެގޮތަށް ކުދިން ދޫކޮށްލަން ބޭނުން ނުވާތީ ކުދިންނާ އެކު އަހަރެން މި ރަށަށް އައީ," އަމީލާ ބުންޏެވެ.
ފިރިމީހާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތެވެ. ކައިވެނިކުރި އިރު އޭނާއަކީ އެ ކަހަލަ ކަމެއްގެ ތެރޭގައި އުޅޭ މީހެއް ކަން އެނގިފައި ނެތް ކަމަށް އަމީލާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތިން ކުދިންނަށް ބޭނުންވާ ކަންކަން ލިބޭ މިންވަރަކުން ފިރިމީހާ ކޮށްދިނެވެ. ރުކަށް އެރުމާއި ގަހަށް އެރުން ފަދަ މަސައްކަތްތައްކޮށްގެން މީހުން ދޭ އެއްޗަކުން ގެއަށް ސާމާނު ގެނެސްދެ އެވެ. ކައިރިކައިރީގައި ދެ މީހުންނަށް ހަތަރު ކުދިން ލިބުނު ފަހުން ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރީ އެވެ.
ހަގު އަނބި ވެސް އުޅުނީ އަމީލާ އެކު އެއް ގެއެއްގަ އެވެ. އޭނާއަށް ވެސް ދެ ކުދިން ތިބެ އެވެ.
އަމީލާ ބުނި ގޮތުގައި އެއްގެއެއްގެ ތެރޭގައި އުޅުނަސް އޭރު މާބޮޑު މައްސަލައެއް ނުޖެހެ އެވެ. އުނދަގޫވީ ހަރަދު ދެކޮޅު ނުޖެހި ހާލުގައި އުޅުން ޖެހުމެވެ.
"ނުވަ ކުދިން އެއް ގެއެއްގެ ތެރޭގައި އުޅުނީ. އެކޮޅުގައި ވެސް ވަރަށް ހާލުގައި އުޅުނީ. ލިބޭ ފަހަރާއި ނުލިބޭ ފަހަރު އާދޭ. އަހަރެންގެ ތިމާގެ މީހުން ރަށުން ފޮނުވާނެ ބައެއް އެއްޗެހި. އެހެން ފޮނުވިޔަސް ގިނަ ފަހަރު ދެކޮޅު ނުޖެހޭ," އޭނާ ކިޔައިދިނެވެ.
ޖެންޑާ މިނިސްޓްރީގެ އެހީގައި އަމީލާ އާއި ކުދިން ބޭތިއްބީ އޭނާގެ ބައްޕަގެ އާއިލާގެ ގެއެއްގަ އެވެ. އެކަމަކު މާގިނަ ދުވަހަކު އެގޭގައި ނުބޭތިއްބި އެވެ.
"އެ މީހުން ނުކުންނަން ބުނީމަ ވެސް ތަނެއް ނެތީމަ ނުނިކުމެވިފައި ހުރީ. ދެން އެހެންވިޔަސް އަސާސީ ހިދުމަތްތައް ފެން ވެސް ނުލިބެން ފެށީމަ ނުކުންނަން މަޖުބޫރުވީ," އޭނާ ބުންޏެވެ.
ގާތްތިމާގެ މީހުން ލަފާ ދިނީ މަންމަގެ ގެއަށް ބަދަލުވާށެވެ. އެކަމަކު ކޮއްކޮ އާއި ފިރިމީހާއާ ދެމެދު ކުރިން ޖެހިފައި އޮތް މައްސަލައެއްގައި މަންމަގެ ގެއަށް ވައްދަން ބޭނުން ނުވީ އެވެ.
އެ ހަމަނުޖެހުމުގެ ތެރޭގައި ހަތަރު ކުދިންނާ އެކު އެ ރޭ މަގުމަތިވި އެވެ. ވާރޭވެހެމުން ދިޔައިރު އޭނާއަށް ހިޔާވައްސެއް ފޯރުކޮށްދިން އާއިލާގެ މީހަކު ނެތެވެ. ބިން ފުރި ވަރަށް ހާލުގައި އާއިލާތައް ދިރިއުޅޭ އެ ރަށުގައި ތިބި އާއިލާގެ މީހުން ވެސް އެހީތެރިކަމެއް ފޯރުކޮށްދޭން އުޒުރުވެރިވާ އެތައް ސަބަބެއް ދެއްކި އެވެ.
"މަގުމަތީގައި ހުއްޓައި މިގޭ މީހުން ގެނައީ. ގޮތެއް ހަމަޖެހެންދެން މިގޭގައި ތިބެވޭނެ ކަމަށް ބުނީ. ކާންވެސް ދެނީ މި ގޭގެ މީހުން," އަމީލާ ކިޔައިދިނެވެ.
ކުޑަ ހަތަރު ކުދިންނަށް އިހުމާލުވެއްޖެ އެވެ؛ މި އިހުމާލުގެ ޒިންމާ ނަގާނެ އެއްވެސް ބަޔަކު ނެތެވެ.
ކުރިން އުޅުނު ރަށުން ކުދިން ބަދަލުކުރުމަށް ފަހު ހާލަތު މޮނިޓާކުރަން ޖެންޑާ އިން ނުދޭ ކަަމަށް އަމީލާ ބުންޏެވެ. ކައުންސިލުން އިސް ނަގައިގެން އޭނާއަށް ދާއިމީ ހިޔާވައްސެއް ހޯދުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.
ކައުންސިލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި ގޮތުގައި ބައްޕަގެ ގޯއްޗާއި މަންމަގެ ގެއިން އޭނާއަށް ޖާގައެއް ނެތުމަކީ ކަންބޮޑުވުމެކެވެ.
"އޭނަ ހާލުގައި ޖެހިގެން މަގުމަތިވެފައި ހުރީމަ އެތަނަށް ވައްދާފައި އިނީ. ވަރަށް ދަތިކޮށް އެ ތިބެނީ. ކައްކައި ކައި ހެދޭ ގޮތަށް ނޫން ތަން އިނީކީ. މައްސަލަ ހައްލުކުރަން މަންމަ ވެސް ބައްޕަ ވެސް ކައުންސިލަށް ގެނެސްފިން," އޭނާ ވިދާޅުވި އެވެ.
"ޖެންޑާއާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަން,"
މަންމައަކީ ވެސް ސިއްހީ މައްސަލަތަކެއް ހުންނަ މީހަކަށް ވާތީ އެ ގޯތީގައި ދެ ގެ ހުއްޓަސް ނުރުހުމުގައި ވެއްދޭކަށް ނެތެވެ. މަންމަ ދިރިނޫޅޭ ބައި ވަނީ ކުއްޔަށް ދޫކޮށްފަ އެވެ.
ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ މަންމަގެ އަމިއްލަ އިހްތިޔާރު އޮތް ނަމަ އެގެއަށް އަމީލާ ވައްދާނެ ކަން އޭނާގެ ވާހަކަތަކުން އެނގޭ ކަމަށެވެ. ދިމާވެފައި ވަނީ މަޖުބޫރީ ހާލަތެއް ކަމަށް ގަބޫލުކުރެވޭ ސަބަބުތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ބައްޕަގެ ގޯތިން އަމީލާއަށް ހައްގުވާ ބިންކޮޅެއް އެބައޮތެވެ.
"މަންމަ އާއި ބައްޕަ އެކުގައި ކައުންސިލަށް ގެންގޮސް ވެސް އެދިއްޖައިން ބިންކޮޅެއް ދައްކާށޭ. އޭރުން ވެސް އެތަނުގައި ބޯހިޔާވަހިކަމެއް ހޯދައިދޭން އެހީތެރިވެދޭނަމޭ. ބައްޕަގެ ގޯތި ހަތަރު ބަޔަކަށް ބަހާފައި އޮތް އިރު އޭނާގެ ބައި ވެސް ހިމެނޭ. އެ ބިންކޮޅު ކަނޑާލައި ރަޖިސްޓްރީކޮށްދޭނަމޭ ކޯޓުގެ ހުކުމް ގެނެސްދޭށޭ, އެކަމެއް ވެސް އަދި ނުވޭ،" އޭނާ ވިދާޅުވި އެވެ.
"ވަރަށް ދެރަކޮށް މިކަން ދިމާވެފައި އޮތީ."
އަމީލާއަށް ދިމާވެފައިވާ ހާލަތު ލުއިކޮށްދޭން ކައުންސިލުން ބޭނުންވިޔަސް އެކަމުގައި އަލި މަގެއް މިހާތަނަކަށް ނުފެނެ އެވެ. ޖެންޑާގެ އަޅާލުން މިހާރަށް ވުރެން ބޮޑަށް ލިބޭ ނަމަ ވެސް މިހާރު އެ ކުދިންނަށް ގޮތެއް ފެނިދާނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.
"ގާނޫނީ އެންމެ ބޮޑު ބާރެއް އޮންނަނީ ޖެންޑާއަށް. ކައުންސިލަށް އޮންނަނީ މަގު ފަހިކޮށްދިނުމާއި އިންތިޒާމްތައް ރާވައިދިނުން. އެކަމަކު ޖެންޑާ އާއި ފުލުހުންނާއި ކޯޓު ގުޅިގެން އެބަހުރި އޭނަ ބޯހިޔާވަހިކަމަކަށް ވެއްދޭނެ މަރުހަލާތައް ކުރިއަށް ގެންދެވެން," އޭނާ ވިދާޅުވި އެވެ.
އަމީލާ ބުނި ގޮތުގައި އޭނާ އިންތިޒާރުކުރަނީ ގޮތެއް ފެންނާނެ ދުވަހަކަށެވެ؛ އޭނާގެ އުއްމީދު ގުޅިފައި އޮތީ ލިބެން އޮތް ބިންކޮޅުގައި ނުވަތަ އެ ނޫން އެހީތެރިކަމަކުން ވެސް ހިޔާވައްސެއް ލިބި މިހާރުގެ އުޅޭ ނިކަމެތި ކަމުން އަރައިގަނެވޭނެ ގޮތެކެވެ.