22 ޖެނުއަރީ 2017 - 12:53

ލަންޑަން (ޖެނުއަރީ 22) - ބޮޑު އަގުގައި ކުޅުންތެރިން ގަނެގެން ފައިސާގެ ބާރުން ފުޓްބޯޅަ ވަރުގަދަ ކުރުމުގެ ފުރުސަތު ޗައިނާއެކޭ އެއްގޮތަށް އިންޑިއާ އަށް ވެސް އެބައޮތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ޗައިނާ އިން ވަނީ ބޮޑު އަގުގައި މަޝްހޫރު ގިނަ ކުޅުންތެރިން އެ ގައުމުގެ ލީގަށް ގެނެސްފަ އެވެ. ޔޫރަޕަށް ޗައިނާގެ ބިރުބޮޑުވެފައިވާއިރު، ވެންގާ ބުނީ އިންޑިއާއާ މެދު ވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"އަހަރެން އުއްމީދުކުރަން އިންޑިއާ ވެސް ފުޓްބޯޅައިގައި ކުރިއަށް ޖެހިލާނެ ކަމަށް. އެއީ ފައިސާ އަށް ބަލާއިރު އިންޑިއާގެ ވެސް ބޮޑު އަގުގައި ކުޅުންތެރިން ގެނައުމުގެ ފެންވަރު އެބަހުރި. ދުރު ވިސްނުމަށް ބަލާއިރު މިއީ އިންޑިއާ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެއް،" އުމުރުން 67 އަހަރުގެ ވެންގާ ބުންޏެވެ.
އިންޑިއަން ސުޕަ ލީގު 2013 ވަނަ އަހަރު ތައާރަފްކުރި ފަހުން މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ އެ ގައުމުގެ ކްލަބްތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލަށް ކުޅުނު ޖޯން އާން ރީސޭ އާއި ލުއިސް ގާސިއާ، އިޓަލީގެ ޑިފެންޑަރު މާކޯ މަޓަރޭޒީ އަދި އުރުގުއޭގެ ފޯވާޑް ޑިއޭގޯ ފޯލާން ހިމެނެ އެވެ.
ވެންގާ ބުނީ ފެށުމަކަށް ބަލާއިރު ވެސް އިންޑިއާ އިން އޮތީ މިހާރު ރަނގަޅު ބިންގަލެއް އަޅާފައިކަމަށާއި ދެން އޮތީ ދުރު ރާސްތާ ޕްލޭނަކާ އެކު ކުރިއަށް ދިއުން ކަމަށެވެ.
"އަހަރެން ޖަޕާނުގައި މަސައްކަތްކުރިއިރު އެ ގައުމުގެ އެފްއޭ އަށް ލަފާދިނިން ފުޓްބޯޅައިގެ 20 އަހަރުގެ ޕްލޭނެއް ހަދައި ޔޫރަޕުގެ ލީގުތަކާ ޗެލެންޖްކުރަން އެކަމަކު އޭރު ޖަޕާންގެ ވިސްނުމެއް ނެތް އެގޮތަށް ކުރިޔަށްދާން،" ކުރިން ޖަޕާންގެ ނަގޯޔާ ގްރަމްޕަސް އަށް ކޯޗުކޮށްދިން ވެންގާ ބުންޏެވެ.
އޭނާ ބުނީ އިންގްލެންޑްގެ ފުޓްބޯޅަ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ވާދަވެރި ގައުމުތަކުން ތަފާތު އުފެއްދުންތެރި ބަދަލުތައް ގެންނަމުން އަންނަ ކަމަށެވެ.