27 މާޗް 2023 - 12:35

އެޕޮއިންޓްމަންޓް ޔަގީންކުރުމަށް ފަހު ޑޮކްޓަރަށް ދައްކާ މީހުންނާއި ނުދައްކާ މީހުންގެ ތަފާސްހިސާބު އާއްމުކުރަނީ އާއްމުންނަށް މައުލޫމާތު ދިނުމަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ކޮންމެ ދުވަހަކު ވެސް، އޭގެ ކުރީ ދުވަހު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކި މީހުންނާއި ނުދައްކާ މީހުންގެ އަދަދު ހާމަކުރެ އެވެ. އެ މައުލޫމާތުތައް އާއްމުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު، ހާލަތަކަށް މާ ބޮޑު ބަދަލެއް ނާންނާތީ އެކަމާ އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ފާޑުކިޔާފައިވެ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޕޮއިންޓްމަންޓް ކޮންފާމް ކުރުމަށްފަހު ޑޮކްޓަރަށް ދެއްކި މީހުންނާއި ނުދައްކާ މީހުންގެ އަދަދުތައް ހާމަކުރަނީ އާއްމުންނަށް މައުލޫމާތު އޮޅުންފިލުވައި ދިނުމަށް ކަމަށެވެ.
ނަމަވެސް، އެ މައުލޫމާތުތައް އާއްމުކުރުމުގައި ސީދާ މަގުސަދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އާއްމުކުރާ މައުލޫމާތުތަކަށް ފާޑުކިޔާ މީހުން ބުނާގޮތުގައި އައިޖީއެމްއެޗުން ފަސޭހައިން އަދި އަވަހަށް އެޕޮއިންޓްމަންޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ، ގިނަ މީހުން ބަލަނީ އައިޖީއެމްއެޗުން އެޕޮއިންޓްމަންޓް ހެދުމަށް ފަހު ވެސް އަމިއްލަ ހޮސްޕިޓަލް ނުވަތަ ކްލިނިކްތަކަށް ދެއްކޭތޯ އެވެ.
"ހިދުމަތް ހޯދަން ކިއުގައި ތިބި އަދަދުތައް ހާމަކޮށްލަބަލަ." އައިޖީއެމްއެޗަށް ރައްދު ދެމުން މީހަކު ކުރި ޓްވީޓެއްގައިވެ އެވެ.
އެ ނަމްބަރުތައް އާއްމުނުކޮށް، ހޮސްޕިޓަލްގެ ހާލަތު ބަދަލުކުރުމަށް އެއްވެސް މަސައްކަތެއް ކުރޭތޯ ވެސް އެއްބަޔަކު ސުވާލު ކޮށްފައިވެ އެވެ.