27 މާޗް 2023 - 10:58

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ބަންގްލަދޭޝް ގައުމީ ޓީމުގައި ހިމަނަން މަސައްކަތްކޮށް ނާކާމިޔާބުވި، ނައިޖީރިއާ ފޯވާޑް އެލެޓާ ކިންގްސްލީ، 33، ބަންގްލަދޭޝް ގައުމީ ޓީމުގައި ހިމެނި ރަސްމީ މެޗެއް ކުޅެފި އެވެ.
ހޮނިހިރު ދުވަހު ސީޝެލްސް އަތުން 1-0 އިން ބަންގްލަދޭޝް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ކިންގްސްލީ ވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ބަންގްލަދޭޝްގެ ޖާޒީގައި ކުޅެފަ އެވެ. އޭގެ ކުރިން މި މަހު ސައުދީ އަރަބިއްޔާ ގައި ބަންގްލަދޭޝް ގައުމީ ޓީމު ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން ކުޅުނު ނުރަސްމީ މެޗެއްގައި މަލާވީއާ ދެކޮޅަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
ކިންގްސްލީ މިހާރު ކުޅެމުން އަންނަނީ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑަށެވެ. އުފަން ގައުމު ކަމަށްވާ ނައިޖީރިއގެ ކްލަބްތަކަށް ކުޅުމަށް ފަހު އޭނާ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ ކްލަބްތަކަށް ކުޅެމުންނެވެ.
ފުޓުބޯޅަ ކުޅެން ބަންގްލަދޭޝް އަށް ބަދަލުވެ، ކިންގްސްލީ ވަނީ މާ ގިނަ ދުވަހެއް ނުވެ، އަހަރެއް ތެރޭ އެ ގައުމުގެ އަންހެނަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް ކިންގްސްލީ އަށް ބަންގްލަދޭޝްގެ ރަށްވެހިކަން ލިބުނީ 2021 ވަނަ އަހަރެވެ.
އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގައި ކިންގްސްލީ، ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުވުމުގެ އުންމީދުގައި އެ ގައުމުގެ ފެޑެރޭޝަނުން ވަނީ މުބާރާތަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި އޭނާ ހިމަނައިފަ އެވެ. ނަމަވެސް ފީފާ ކްލިއަރެންސް ނުލިބޭތީ ފައިނަލް ސްކޮޑުގައި ހިމެނުމުގެ ފުރުސަތެއް ނުލިބުނެވެ.