މިހާތަނަށް އެންމެ ގިނަ މީހުން ބެލި އިންޑިއާގެ ވެބް ސީރީޒްގެ ތާރީހީ ރެކޯޑު ބޮލީވުޑްގެ ބަތަލް، ޝާހިދު ކަޕޫރް އުޅޭ "ފަރްޒީ" އަށް، ލިބިއްޖެ އެވެ.

ޝާހިދާ އެކު، ވިޖޭ ސެތުޕަތީ ވެސް ފެންނަ މި ސީރީޒަކީ "ދަ ފެމިލީ މޭން" އުފެއްދި، "ރާޖްއެންޑްޑީކޭ" ޑައިރެކްޓުކޮށް އުފައްދާފައިވާ ސީރީޒެކެވެ.

"އޯމެކްސް މީޑިއާ" ގެ ދިރާސާއަކުން ދައްކާ ގޮތުގައި، "ފަރްޒީ" ސީރީޒް މިހާތަނަށް 37 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލައިފަ އެވެ.

އެ ހަބަރު އިންސްޓަގްރާމުގައި ޝެއާކުރަމުން ޝާހިދާއި ރާޖްއެންޑްޑީކޭ ވަނީ ލިބެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެމެޒޮން ޕްރައިމް ވީޑިއޯ ޕްލެޓްފޯމުގައި ރިލީޒްކުރި އެ ސީރީޒްގެ ފުރަތަމަ ސީޒަންގައި އަށް އެޕިސޯޑު ހިމެނޭއިރު، ސީރީޒްގެ ލީޑު އެކްޓަރުން ވަނީ ދެވަނަ ސީޒަނަކަށް ރިނިއު ކުރިކަން ކަށަވަރުކޮށްދީފަ އެވެ.