26 މާޗް 2023 - 14:28

ނިޔޯން (މާޗު 26) - މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނު އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް، ޕެނަލްޓީ ޖަހާ ވަގުތު ގެންގުޅޭ އުކުޅުތަކާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު، އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން އާ އުސޫލުތަކެއް އިއުލާން ކޮށްފި އެވެ.
އާ އުސޫލްތަކާ އެކު ޕެނަލްޓީ ގައި ގޯލްކީޕަރުންގެ ދައުރު މިއޮތީ ވަރަށް ބޮޑަށް ކުޑަ ވެފަ އެވެ. ކީޕަރުންނަށް އޮތީ ހަމައެކަނި ގޯލް ލައިން މަތީ ހުރެ ބޯޅައަށް ހަރަކާތް ކުރުމެވެ. ޕެނަލްޓީ ޖަހަން ދާ ކުޅުންތެރިޔާގެ ސަމާލުކަން ހޯދަން ވާހަކަ ދައްކައި، ލަސް ކޮށް، އިހުތިރާމް ކުޑަކުރުމުގެ އަމަލެއް ނުހިންގޭނެ އެވެ. މީގެ އިތުރުން ގޯލް ފްރޭމާއި ގޯލް ދާގަނޑުގައި އަތް ލުމުގެ ފުރުސަތެއް ވެސް ކީޕަރުންނަކަށް ނޮންނާނެ އެވެ.
އައިއެފްއޭބީ އިން ބުނި ގޮތުގައި މި އުސޫލަށް އަމަލު ކުރަން ފަށާނީ މި އަހަރުގެ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ.
އާޖެންޓީނާ އިން މިދިޔަ އަހަރުގެ ވޯލްޑް ކަޕާއި އޭގެ ކުރީ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކުރިއިރު މާޓިނޭޒް، 30، ވަނީ އެޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދެ މުބާރާތުގައި ވެސް މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އޭނާ އެވެ.
އެހެން ނަމަވެސް ވޯލްޑް ކަޕުގެ ފައިނަލް ގައި ފްރާންސް އަދި ކުއާޓާ ފައިނަލް ގައި ނެދަލެންޑްސް އާ ދެކޮޅަށް ކުޅުނު މެޗާއި ކޮޕާ އެމެރިކާ ގެ ސެމީ ފައިނަލް ގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓައުޓް ގައި ޕެނަލްޓީ ޖަހަން އަންނަ ކުޅުންތެރިން މެންޓަލީ ބަލިކަށިކޮށްލަން މާޓިނޭޒް ބޭނުންކުރި އުކުޅުތަކަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެފަ އެވެ. އޭނާ ވަނީ ގޯލުގައި ހުރެ ނަށައި، ކުޅުންތެރިންނާ ވާހަކަ ދައްކައި ރުޅިއަރުވަން ވެސް މަސައްކަތް ކޮށްފަ އެވެ.
އައިއެފްއޭބީ އިން މި ބަދަލު ގެންނަން ނިންމުމާ އެކު ގިނަ ބަޔަކު ވަނީ މި އިސްލާހާ ދެކޮޅަށް ވާދަހަ ދައްކައި ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ބައެއް މީހުން ސޯޝަލް މީޑީއާގައި ހާމަކުރި ޝުއޫރުތަކަށް ބަލައިލާއިރު، ޕެނަލްޓީތަކަކީ ހުރަހެއް ނެތި ޖަހަން ލިބޭ އެއްޗެއް ނޫން ކަމަށާއި އާ އުސޫލުގެ ދަށުން ގޯލްކީޕަރެއް ނެތި ޕެނަލްޓީ ޖެހުވުން ވެސް ރަނގަޅު ވާނެ ކަމަށެވެ.
މީގެ އިތުރުން އޭސީ މިލާނަށް ކުޅޭ ފްރާންސްގެ ގޯލްކީޕަރު މައިކް މައިނާން ވެސް ވަނީ އައިއެފްއޭބީ ގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާގެ ޓްވިޓާ ގައި ކުރި ޕޯސްޓެއްގައި ބުނީ، 2026 ވަނަ އަހަރުގެ އާ ގަވައިދެއް ހަދައި ކީޕަރުންގެ ބުރަކަށިން ޕެނަލްޓީ ދިފާއު ކުރަން ޖެހޭ ގޮތަށް ވެސް އިސްލާހު ކޮށްފާނެ ކަމަށެވެ. އަދި ޕެނަލްޓީ ދިފާއު ކޮށްފި ނަމަ އިދިކޮޅަށް ނުސީދާ ހިލޭޖެހުމެއް ވެސް ދޭގޮތަށް އާ އިސްލާހެއް ގެނެސްފާނެ ކަމަށް ހިތްހަމަ ނުޖެހިފައި ހުރި މައިނާން ލިޔެފައިވެ އެވެ.