26 މާޗް 2023 - 13:46

މިއުނިކް (މާޗު 26) - ބެޔާން މިއުނިކްގެ ސްކޮޑަކީ ޔޫރަޕުގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ސްކޮޑު ކަމަށާއި މި ސީޒަން ގެ ހުރިހާ ތަށްޓެއް ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށް އެޓީމުގެ ހެޑް ކޯޗުގެ މަގާމާ އިއްޔެ ހަވާލުވި ތޯމަސް ޓުޗެލް ބުނެފި އެވެ.
ހޫލިއަން ނާގެލްސްމަން މަގާމުން ވަކި ކުރުމަށް ފަހު ކުރިން ޗެލްސީ އަށް ކޯޗު ކޮށްދިން ޓުޗެލް، 49، އާ ބެޔާންގެ ކޯޗުކަން ހަވާލު ކުރީ 2025 ގެ ޖޫން މަހުގެ ނިޔަލަށެވެ. ޓުޗެލް ބުނީ ކޮންޓްރެކްޓުގެ މުއްދަތަކީ އޭނާއަށް މުހިއްމު އެއްޗެއް ނޫން ކަމަށާއި، ލިބިފައިވާ މުއްދަތުގެ ތެރޭގައި ކުލަބާއި ސަޕޯޓަރުންގެ އިތުބާރު ހޯދައި މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.
"މޮޅު ވުމަކީ ބެޔާންގެ ޑީއެންއޭ ގައި ވާ ކަމެއް. އަހަރެންނަށް ޔަގީން މި ސީޒަންގެ ހުރިހާ ތަށްޓެއް ކާމިޔާބު ކުރެވޭނެ. އިންގްލެންޑާއި ޕެރިސް [ފްރާންސް] ގައި ވެސް ބެޔާން އަކީ ވަރަށް މަތީ ކްލަބެއް. އެއްވެސް ބަޔަކު ބެޔާނާ ދެކޮޅަށް ކުޅެން ބޭނުމެއް ނުވޭ. ކްލަބުގެ ވަރުގަދަކަމާ މެދު ޝައްކެއް ނެތް،" ޗެލްސީ އާއި ޕީއެސްޖީ އަށް ކޯޗު ކޮށްދީފައިވާ ޓުޗެލް ބުންޏެވެ.
"އަހަރެންނަށް މާ މުހިއްމެއް ނޫން [ކޮންޓްރެކްޓުގެ މުއްދަތު]، މުއްދަތާ މެދު އަހަރެން ހިތްހަމަ ޖެހޭ. ކަންކަން ރަނގަޅަށް ހިނގައްޖެ ނަމަ އިތުރު ކުރަން މަސައްކަތް ކުރާނެ. އަދި މަސައްކަތާ މެދު ހިތްހަމަ ނުޖެހޭ ފަރާތެއް ހުރިއްޔާ އެކަން ބަދަލުވާނެ. އިތުބާރު ހޯދަން އަހަރެން މަސައްކަތް ކުރާނަން."
ޖަރުމަން ލީގުގައި މިވަގުތު ބެޔާން އޮތީ ލީގު އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ އެއް ޕޮއިންޓް މަދުން، ލީގުގެ ދެ ވަނައިގަ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ބެޔާން އެންމެ ފުރަތަމަ ކުޅޭނީ ވެސް ލީގުގައި ޑޯޓްމަންޑާ ދެކޮޅަށެވެ. ޓުޗެލް ވަނީ ޕީއެސްޖީ އަށް ކޯޗު ކޮށްދިނުމުގެ ކުރިން ޑޯޓްމަންޑަށް ކޯޗު ކޮށްދީފަ އެވެ.
ޑޯޓްމަންޑާ ދެކޮޅަށް ކުޅުމަށް ފަހު ދެން އޮތީ ޖަރުމަން ކަޕް ގެ ކުއާޓާ ފައިނަލް ގައި ފްރެއިބާގާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެއާ އެކު އަންނަ މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ގައި ބެޔާން ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ޓުޗެލް އަކީ ޗެލްސީގެ ކޯޗެވެ. ކުއާޓާ ފައިނަލް ގައި ޗެލްސީ ވެސް ވާދަ ކުރާއިރު އެޓީމު ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ބެޔާނާއި ޗެލްސީ އަށް ވެސް ކުއާޓާގެ މެޗް ކާމިޔާބު ކުރެވިއްޖެ ނަމަ ސެމީ ފައިނަލް ގައި މި ދެޓީމު ކުރިމަތިލާން ޖެހޭނެ އެވެ.