ޕަޕުއާ ނިއު ގިނީ އަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު
ޕަޕުއާ ނިއު ގިނީ އަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު

ޕޯޓް މޮރެސްބީ (ޖެނުއަރީ 22) - ޕަޕުއާ ނިއު ގިނީ އަށް ރިކްޓާ މިންގަނޑުން 8 ގެ ބާރު މިނުގައި މިއަދު އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފި އެވެ.

ސުނާމީގެ އިންޒާރު ދީފައި ވަނީ ޕަޕުއާ ނިއު ގިނީގެ އަވަށްޓެރި ޕެސިފިކުގެ ގައުމުތަކަށެވެ.

ބިންހެލުން އައިސްފައި ވަނީ ޕީއެންޖީގެ ބޫގަންވިއު އައިލެންޑުގެ ހުޅަނގުން 25 މޭލު ދުރުން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބުނެފަ އެވެ. ބިންހެލުމުގައި ބޫގަންވިއު އައިލެންޑަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ 1-3 ފޫޓުގެ އުސް ރާޅު އުފެދިދާނެ ކަމަށާއި އަދި އެ ރާޅުތައް ޕީއެންޖީގެ އައްސޭރި ފަށުގެ ހިސާބުތަކުގެ އިތުރުން ސޮލޮމަން އައިލެންޑަށް ވެސް އަރައިފާނެ ކަމަށެވެ. އަދި އަވަށްޓެރި އެހެން ގައުމުތަކަށް ވެސް ކުދި ރާޅު އެރުން އެކަށީގެންވާ ކަމަށް ޕެސިފިކް ސެންޓަރުން ބުނެފައިވެ އެވެ.

"ބިން ހެލުން އައީ 150 ކިލޯ މީޓަރު އަޑިން ނަމަވެސް އެއީ ބާރުގަދަ ބިންހެލުމަކަށް ވާތީ ބިމުން މައްޗަށް ވެސް އަސަރު ކުރާނެ،" ޖިއޯ ސައެންސް އޮސްޓްރޭލިއާގެ ސީސްމޮލޮޖިސްޓް ސްޕިރޯ ސްޕިލިއޯޕޫލޮސް ވިދާޅުވި އެވެ.

ޕީއެންޖީ އަށް ވަނީ މިދިޔަ ޑިސެމްބަރު މަހު މެދުތެރޭ ވެސް 7.9 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފަ އެވެ. އެ ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ސޮލޮމަން އައިލެންޑްސް އަށް 2013 ވަނަ އަހަރު ރިކްޓާ މިންގަނޑުން 8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 10 މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް އިމާރާތެއް ވެއްޓި އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.