27 މާޗް 2023 - 06:32

ފައުޒާއަކީ ރީތި ކުއްޖެކެވެ. ރަށުގެ ނިސްބަތުން ތަނަވަސްކަން ލިބިފައިވާ ރަށުގެ އެންމެ ރީތި ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ފައުޒާ މާލެ އަށް ކިޔަވަން އައީ އެގޭ އެންމެން ވެސް މާލެއިން ކިޔަވާ މޮޅުވެފައި ތިބީމައި އޭނާ އަށް ވެސް އެންމެ ރަނގަޅު ތަޢުލީމު ދޭން އެގޭމީހުން ހިފާލާފައިވާލެއް ބޮޑުކަމުންނެވެ.
ފައުޒާއަކީ ސްކޫލުގައި ފާހަގަކުރެވޭ މޮޅު އަދި އަޚުލާގު ރަނގަޅު ކުއްޖެކެވެ. އޯލެވެލްއިން ރާއްޖޭގެ އެންމެ ފާހަގަކުރެވޭ މަތީވަނަ ހޯދައި، އޭލެވެލްއިން ވެސް އެންމެ ފުރިހަމަ މަތީވަނަ ހާސިލްކުރި އެވެ. އޭނާ ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. ނަމަވެސް ރާއްޖޭން ބޭރުގެ ޔުނިވާސިޓީއަކަށް ދިއުމުގެ ކުރީން އޭނާ ބޭނުންވީ މައިންބަފައިން ގާތަށް ކުޑަ ދުވަސްކޮޅަކަށް ޗުއްޓީ ހޭދަކޮށްލަން ދިއުމަށެވެ.
ކުޑައިރުން ފެށިގެން ވެސް މާލޭގައި ދުވަސްތައް ހޭދަކޮށްފައިވާ ފައުޒާ އަށް ރަށަށް ދެވުމުން ކުރެވުނީ އާދަޔާޚިލާފު އިހުސާސެކެވެ. އަބަދުވެސް ކޮންމެވެސް މީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އޭނާ ކިޔަވާ ނިމި މައިންބަފައިން ގާތަށް ދެވުމުން ލިބުނީ ހީނުކުރާވަރުގެ މިނިވަން ކަމަކާއި ލޯތްބެކެވެ. ރަނގަޅު ނަތީޖާ ހޯދާފައިވުމުން ރަށުމީހުންނާއި ރައްޓެހިން އޭނާ ބަލައިގަތީ ނުހަނު އުފަލުންނެވެ.
ކޮންމެ ދުވަހަކީ ވެސް ފައުޒާއަށް އުފާވެރި ދުވަހެކެވެ. ހަވީރުގެ ސައެއް ނުވަތަ ރޭގަނޑުގެ ކެއުމެއް ތިމާގެ މީހުންގެފަރާތުން ނުލިބޭ ދުވަހެއް ނުދެއެވެ. ރައްޓެހިންގެ ކޮފީތަކަކީ އޭނާއަށް ހިލޭ ލިބޭ ދަޢުވަތުތަކެވެ. އުފާވެރި ގާތް މާހައުލުގައި މީހުންގެ ތެރޭގައި އުޅެންފެށުމުން އެ އުމުރުގެ ފިރިހެންކުދިންނާ ވެސް ދިމާވެ ރަޙްމަތްތެރިކަން އުފެދިއްޖެ އެވެ.
އެންމެންގެ ތެރެއިން ވެސް ފައުޒާ އަށް ޚާއްސަ ގާތްކަމެއް އުފެދުނީ ރާއިންގެ ފަރާތުންނެވެ. ރާއިންއަކީ ކައިރި ރިސޯޓެއްގައި މަސައްކަތްކުރާ ޒުވާނެކެވެ. ދޭތެރެ ދޭތެރެއިން ޗުއްޓީ އަށް ރަށަށް އާދެއެވެ. ފައުޒާ އާއި ރާއިން ދިމާވީ ރައްޓެހިކުދިން ހަވީރު ބުރެއްޖަހާލަން ދިޔަ ދަތުރެއްގައި ރަށުގެ ތުނޑިންނެވެ.
"އެއީ ފަހުޒާތަ. އެ މަންޖެ މިހާރު ހާދަ ރީއްޗޭ." ރާއިން މިހެން ބުނީ އޭނާގެ ސައިކަލުގެ ފަހަތުގައި އިން އިއައްޓޭ ގާތުގަ އެވެ.
"ހޫން. ޗުއްޓީ އަށް އައިސްގެން އުޅެނީ. އަދި ކިޔަވަންދެޔޯ." އިއައްޓޭ އޮޅުން ފިލުވައިދިނީ އެއީ ރާއިން އަދި ދުވަހަކު ވެސް ރަށު ކުއްޖެއް ރީތިވެގެން އުޅެފައި ނުވާތީ އެ ދެ ކުދިން ގުޅުމަކީ ކޮންމެހެން ވެސް އޭނާ އެދޭ ކަމަކަށް ވާތީ އެވެ.
ރާއިން އާއި ފައުޒާގެ ފުރަތަމަ ބައްދަލުވުން ކޮފީއަކުން ހަމަޖައްސައިދިނީ އިއައްޓޭ އެވެ. ދެ ކުދިން ފޯނު ނަންބަރު ނަގައި، ސްނެޕުން ވާހަކަ ދައްކާ ގާތްކަން އިތުރުވަމުން ދިޔައެވެ. ފައުޒާ އަށް ރާއިން ނުހަނު ކަމުހިނގައްޖެ އެވެ. މި ހުރިހާ ދުވަހު ކިޔަވަން އުޅުނުއިރު ނުލިބޭ އުފަލެއް ފައުޒާ އަށް ރަށުން ލިބުނެވެ.
"އަހަރެން ބޭނުން ވަނީ އަވަހަށް ކައިވެނިކުރަން." ރާއިން ފައުޒާ ގެއްލެން ބޭނުންނުވާތީ ބުންޏެވެ.
"އެކަމަކު އަހަރެން އަދި ކިޔެވުން އޮތީ ކުރިއަށް. މަންމަމެން ވެސް ގަބޫލެއް ނުވާނެ." ފައުޒާ އޭނާ އަށް ހުރި ގޮންޖެހުން ހާމަކުރި އެވެ.
ރާއިން މައިންބަފައިން ގާތު ފައުޒާގެ ވާހަކަބުނުމުން އެ މީހުން ވަރަށް އުފާވި އެވެ. އަދި ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން އެދޭކަން ހާމަކުރި އެވެ. ނަމަވެސް ރާއިން އޭނާ އަށް ދިމާވެފައިވާ މައްސަލަ ކިޔައިދިނުމުން އެކަމާ އަޅާނުލުމަށާއި ދެ ފަރާތު މައިންބަފައިން އެއްބަސްވުމުން އެކަން ހަމަޖެހޭނެކަން ސާބިތު ކޮށްދިނީ މަހެއްގެ ތެރޭގައި ރަށުގައި ނުބާއްވާހާ ބޮޑު ކައިވެނި ހަފްލާއަކުންނެވެ.
ކައިވެނީގެ ކުރީކޮޅު ދެ ކުދިން އުޅުނީ ނުހަނު ލޯބިންނެވެ. ދަތުރުދިއުމާއި ރާއްޖެއިން ބޭރަށް ދިއުމާއި އެކުގައި ބުރުޖަހަން ދިއުމަކީ އެ މީހުން އެކީގައި ކުރި ކަންކަމެވެ. މިއީ ފައުޒާގެ ހަޔާތުގައި ދިމާވި އެންމެ އުފާވެރި ދުވަސްތަކެވެ. ކައިވެންޏަކީ މިހާ ބޮޑު އުފަލެއް ލިބޭ ކަމެއް ކަމެއް އޭނާއަށް ކުރިން އެނގުނު ނަމަ މާލޭގައި ކިޔަވާކަށް ހޭދަ ނުކުރީހެވެ.
ރާއިން ހުންނަނީ އަބަދު ވެސް ފައުޒާ ގާތުގަ އެވެ. ރާއިން އޭނާއާ ދުރަށްޖެހިލާ އެންމެ ވަގުތެއް ވެސް ނުވެއެވެ. މަންމަ ގެއަށް ދިޔަ ކަމުގައި ވިޔަސް ރައްޓެހިންނާއި އެކުގައި ވިޔަސް ރާއިން ހުންނަނީ އޭނާގެ ގާތުގައެވެ.
"އަންނާނަން މަންމަމެން ގެއަށް ގޮސްފައި. އެ މީހުން މާހަފަން ދައުވަތު ދީފައި އެބައޮތް." ފައުޒާ ތައްޔާރުވަމުން ބުނެލި އެވެ.
"ކީއްވެތަ އަބަދު އެ ގެއަށް ދާން ތިއުޅެނީ. ދާނެ ކަމެއް ނެތް." ރާއިން ހުރީ ހިތްހަމަ ނުޖެހިފަ އެވެ.
"އެކަމަކު އެ މީހުން ދެރަވާނެއެއްނު." ފައުޒާއަކަށް ނުގޮސް ހުންނަން ނުކެރިގެން ބުންޏެވެ.
"ފައު ހާދަވަރަކަށް ފިރިމީހާއާ ޖަދަލުކުރަނީ. ދަންޏާ ދޭ ދެން ނާންނަ ގޮތަށް." ރާއިން ބުންޏެވެ.
މިކަހަލަ ކުދިކުދި ކަންތައްތަކާ ރާއިންގެ ކަންތައް ވަރަށް ބޮޑުކޮށްލަ އެވެ. މިކަހަލަ ކޮންމެ ކަމެއްގައި އޭނާ ރާއިން ހިތްހަމަޖެއްސުމަށް ޓަކައި ރާއިން ބޭނުންވާ ގޮތަކަށް ދޫކޮށްލަނީ އެވެ.
މިކަހަލަ ކުދިކުދި ކަންތައްތައް ފިޔަވައި، ފައުޒާ ކަންބޮޑުވާ އެއްވެސް ކަމެއް ނެތެވެ. އޭނާ ރާއިންއާ އެކު އުޅެމުންދަނީ މަޖާ އަދި އުފާވެރި ދިރިއުޅުމެކެވެ. މި އުފާވެރި ދިރިއުޅުމަށް އެންމެ ބޮޑު އުފަލެއް ލިބުނީ އެއް އަހަރު ފަހުން އެ މީހުންނަށް ލިބުނު ލޯބިލޯބި އަންހެން ކުއްޖާ މި ދުނިޔެ އަށް ނޭވާ ލުމުންނެވެ.
އެ ތުއްތުތުއްތު ދަރިފުޅަށް ދެ މަސްވީތަނާހެން ފައުޒާ އަށް ގޮތްނޭނގޭ ބައްޔެއް ޖެހުނެވެ. މާލެއިން ފަރުވާކުރެވުނެވެ. ރާއްޖޭން ބޭރަށް ގެންދެވުނެވެ. ނަމަވެސް އެ ބަލީގެ މައްސަލައެއް ފެންނާކަށެއް ނެތެވެ.
ފައުޒާ ހިކެމުންހިކެމުން ގޮސް ކަށިގަނޑަކަށް ބަދަލުވެއްޖެ އެވެ. އޭނާގެ ރީތި ދެލޯ ވަޅުވަދެއްޖެ އެވެ. ލޯކައިރި ކަޅުވެ ދެލިގަނޑަކަށް ވެއްޖެ އެވެ. ޑޮކްޓަރަށް ދައްކާ ދައްކާ ރާއިން ވަރުބަލި ވެއްޖެ އެވެ. ނަމަވެސް ނަތީޖާއެއް ނުފެނުނެވެ.
"ރާއިން. ފައުޒާ ރަނގަޅެއް ނުވިއެއްނު. އެ ތުއްތު ކުއްޖާ ވެސް ބެލެނީކީ ނޫން." ރާއިންގެ މަންމަ ފުރަތަމަ ފަހަރަށް ޝަކުވާ ކުރި އެވެ.
ފައުޒާގެ ގޮތްނޭނގޭ ބަލި އިތުރުވާން ފެށީ އޭނާއަށް ދުނިޔޭގެ ވާނުވާ ވެސް ބައެއްފަހަރު ނޭނގޭ ވަރުވުމުންނެވެ. އަމިއްލަ އަށް ބޭސް ކާކަށް ނޭނގެ އެވެ. އަމިއްލަ އަށް ގައިން ސާފުވާކަށް ނޭނގެ އެވެ. އަމިއްލަ ނަފުސަށް އަޅާލާކަށް އޭނާ އެއްގޮތަކަށް ވެސް ހަނދާނެއް ނުހުރެއެވެ.
"ކޯންޗެއް ކާންހުރީ." ރާއިން ރައްޓެހިންނާ އެކު ބޭރުގައި އުޅެފައި ގެއަށް އައިސް އެހިއެވެ. އޭރު ގަޑިން ދަންވަރު ބާރަ ޖަހަނީ އެވެ.
"ފަރުމަސް ހަނާކޮށްފަ ރޮށި ހެދިން. ކާން ހަދާފަ ހުންނާނީ.؟" ފައުޒާ އޮށޯވެ އޮވެގެން ބުންޏެވެ. އޭނާއަށް ތެދުވާނެ ހިތްވަރެއް ނެތެވެ.
"މެންދުރު ވެސް ކެއީ އެ. ދޭބަލަ ނޫޑުލްސް ކޮޅެއް ހަދަން." ރާއިން އޮށޯންނަމުން ބުންޏެވެ.
ފައުޒާ މަޑުމަޑުން ކޮޅަށް ތެދުވި އެވެ. އަދި އިރުކޮޅަކު ފާރުގައި އަތްއަޅާލައިގެން ހުއްޓެވެ. އޭނާގެ ބޮލަށް އެނބުރުން އަރަނީ އެވެ. ހީވަނީ ބޮލަށް އެނބުރުން އަރާވަރުން ވެއްޓިދާނެހެންނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ނޫޑުލުސް ހަދައިފި އެވެ. އަދި ރާއިން އަށް ކާން ހަދައިދީފައި އޮށޯވެއްޖެ އެވެ. މިއީ މިހާރަކަށް އައިސް ރާއިންގެ އާދައެވެ. އޭނާއަކަށް މިހާރު ގޭގައި މަޑުކުރެވޭ ގޮތެއް ނުވެއެވެ. ގޭގައި އެންމެންނަށް ތައްޔާރު ކޮށްފައި ހުންނަ އެއްޗިހި ކެވޭ ކަމަކަށް ނުވެއެވެ. ރާއިންއަކަށް ފައުޒާ ވިހެއުމުގެ ތެރޭގައި ބޮޑު އޮޕަރޭޝަނެއް ކުރިކަމެއް ހަނދާންނެއް ނެތް ކަހަލަ އެވެ. އަދި ތުއްތު ކުއްޖެއް ބަލަހައްޓަމުންދާކަން ވެސް ނޭނގޭ ކަހަލަ އެވެ. އަބަދުވެސް ކައިރީގައި އައްޓަމަހެއްހެން ވިއްދާފައިހުރި ރާއިން މިހާރު ބަލަނީ ފައުޒާ ނުފެންނަ ހިސާބުގައި އުޅެންހެން ފައުޒާ އަށް އިހުސާސްވި އެވެ. ނަމަވެސް ޝަކުވާ ކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ.
"އަހަރެންގެ މަންމަ ގެނެސްދޭންވީނު. ނޫނީ މަންމަގެއަށް ފޮނުވަންވީނު. އަންހެންކުދިން ވިހައިގެން އުޅޭއިރު އޭނާގެ މަންމަގެ އެހީތެރިކަން ވަރަށް ބޭނުންވާނެ." ފައުޒާ މިހެން ބުނިއިރު އޭނާގެ ދެ ލޯ ހުރީ ރަތްވެފަ އެވެ. ހިފެހެއްޓޭތޯ ބަލަމުންދިޔަ ކަރުނަތައް މަޑުމަޑުން ފައިބަން ފަށައިފި އެވެ.
"މިހާރު ވިހައިގެން ތިން މަސްވީނު. އެހެންނޫނަސް މަންމަ ގެނައީމާ އަހަރެން ނިދާނީ ކޮންތާކު؟" ރާއިން ދެކޮޅު ހެދިއެވެ.
އާދައިގެ މަތީން ފައުޒާގެ މަންމަ ހެނދުނު ފައުޒާގެ ހާލު ބަލާލަން އައެވެ. މަންމަ އަންނަ ކޮންމެ ދުވަހަކު ވެސް ފައުޒާ ހުންނަނީ ގަޔަށް ބޮޑެތި ހެދުން ލައިގެން ބޮޑު ބުރުގާއެއް އަޅައިގެންނެވެ. އޭނާ އަށް އަންނަމުންދާ ބަދަލު މަންމަ އަށް ވީހާ ވެސް ބޮޑަށް ފޮރުވުމަށެވެ.
"ދަރިފުޅާ. ބޭސް ކެޔަސް ރަނގަޅެއް ނުވެއެއްނު. މަންމައާ އެކު ޑޮކްޓަރަށް ދައްކަން މާލެ ދާން ހިނގާ."
ރާއިންގެ ނުރުހުމާއި އޭނާގެ މިޒާޖު ހުންނަގޮތް ފައުޒާގެ މަންމަ އަށް އެނގޭތީ މި ހުރިހާ ދުވަހު އެއްޗެއް ނުބުނެ ހުއްޓަސް މިއަދަކު އޭނާއަކަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.
"ބޭސް ކަމެއްނު. އަދި ތިން މަސް އެބައޮތް ބޭސްކާން. އޭގެ ފަހުން ޑޮކްޓަރަށް ދައްކަން ދާނީ ރާއިންއާ އެކު." ފައުޒާ ހިތާ ދެކޮޅަށް މިހެންބުނީ ރާއިން ރުޅިއަންނާނެކަން އެނގޭތީ އެވެ. އަދި މަންމައާ އެކު ނުފޮނުވާނެކަން ޔަގީން ވެސް ވާތީ އެވެ.
ފައުޒާއަކީ ރާއިނަށް ހުރި އުނދަގުލަކަށް ވާހެން އޭނާ އަށް ވެސް ހީވާން ފަށައިފި އެވެ. އޭނާގެ ސިފަ ހުތުރު ވާވަރުން ރާއިނަށް ވެސް މިހާރު އުނދަގޫވެއެވެ. ފައުޒާ އަށް އަމިއްލަ އަށް ބޭސް ކާން ނޭނގޭތީ ރާއިން ބައެއް ފަހަރު ރުޅި އާދެ އެވެ.
"މިވަރު ކަމަކަށް ވެސް ފަރުވާ ނުބަހައްޓާ ނަމަ ރަނގަޅުވާނީ ކިހިނެއް؟" ރާއިން ހަޅޭއްލަވައިގަތެވެ. ފައުޒާ އަށް ރާއިންގެ މި މިޒާޖު ފެނުމުން ބިރުގަތެވެ.
ރާއިން މިހާރު ބޭނުންވަނީ އަނެއްކާ ވެސް ރިސޯޓަށް ދާށެވެ. ނަމަވެސް ފައުޒާ ދޫކޮށްފައި ދާން ވެސް އުނދަގުލެވެ. ރަށުގައި މަޑުކުރަން މަޖުބޫރުވިޔަސް ރިސޯޓުން ކެނޑިގެން ދުވަސްތަކެއް ވޭތުވެފައިވާތީ ކުރިން ހޯދާފައިވާ ހުރިހާ ފައިސާއެއް ވަނީ ހުސްވެފަ އެވެ.
"އަހަރެން މިދަނީ ރިސޯޓަށް. މިހުރީ ބޮޑު އަކުރުން ކާންވީ ބޭސްތައް މި ގަނޑުގައި ލިޔެފައި. ގަޑިން ގަޑިއަށް ބޭސްކާތި." ރާއިން އެންމެ ފަހުން ބުންޏެވެ.
"އަހަރެން މަންމަގެ އަށް ފޮނުވައިދީ." ފައުޒާ ބަލި އަޑަކުން ބުންޏެވެ.
"ނޫން. އޭރުން މަންމަމެން ބުނާނީ ބަލިވީމާ ފޮނުވާލީއެއްޔޭ. އަހަރެންގެ މަންމަމެން ގޯހެއް ނުވާނެ." ރާއިން އިންކާރުކުރި އެވެ.
"އަދި ބުނަން. މިފަހަރު އީދުގައި ބޭރަށް ނުނިކުންނާތި. އެހެންނޫނީ ރަށު މީހުންގެ ސުވާލުތަކުން ބޯފަޅައިގެންދާވަރު ވާނެ." ރާއިން ދަބަސް އަޅުވާލައިގެން ނިކުންނަމުން ބުންޏެވެ.
ރާއިން ފުރިފަހުން ހަފްތާއެއް ވީއެވެ. ގަޑިން ގަޑިއަށް ބޭސް ކެޔަސް ފައުޒާގެ ސިއްހަތަށް ހެޔޮ ބަދަލެއް ނާދެއެވެ. ދަރިފުޅުގެ ކަންކަން ބަލަހައްޓަނީ ވެސް އެ ތުއްތުކުއްޖާގެ މާމަ އެވެ. ފައުޒާގެ ކަމަކީ އަބަދުވެސް އޮތުމެވެ. އޭނާ އަށް މި ދިރިއުޅުން ބޮޑު ވޭނަކަށް ވެއްޖެ އެވެ. އޭނާ ދިރިހުންނާކަށް ބޭނުމެއް ނޫނެވެ.
ކިޔަވާ ނިމިގެން ރަށަށް އައީ ޗުއްޓީ ހޭދަކޮށްލާށެވެ. އޭނާގެ އުންމީދަކަށްވީ އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަކަށް ވާށެވެ. އެކަމަކު މިއަދު އޭނާ ވަނީ ވިހެއުމުގެ ތެރޭގައި ދިމާވި ކަމަކުން ކޮޅަށް ނުތެދުވެވޭވަރަށް ބަލިވެފަ އެވެ. އޭނާގެ އެންމެލޯބިވާ ފިރިމީހާ ވަނީ އޭނާ ދެކެ ފޫހިވެފަ އެވެ. އޭނާ ނުހަނު ލޯބިން ބެލެހެއްޓި ހަށިގަނޑުގައި އެއްވެސް ރީތިކަމެއް ނެތެވެ. އެކުގައި އުޅުނު ރަހުމަތްތެރިން ގުރޫޕް ހަދާފައި އަދިވެސް މަޖާނަގަން ދެއެވެ. އޭނާ އެ އޮތީ ބަލީގެ ދާނުގައި އެކަނިވެރި ކަމާ އެކުގަ އެވެ.
ދުނިޔެ މީ ހާދަ އަވަހަށް ބަދަލުވާ ތަނެކެވެ. އިއްޔެ ކިހާ އުފާވެރި ހެއްޔެވެ. ރީތިކަމާއި މުއްސަނދިކަމާއި ރަހުމަތްތެރިން އޭނާގެ ވަށާލި އެވެ. އުފަލާ މަޖަލުގައި އޭނާގެ ހަޔާތުގެ ކޮންމެ ދުވަހެއް ނޭނގި ހުއްޓާ ނިމިދިޔަ އެވެ. މިއަދު މިވަނީ ބަލިކަމާއި ފަގީރުކަމާއި އެކަނިވެރިކަމެވެ. އެންމެ ދުވަހެއް އެހާމެ ދިގެވެ.
ރާއިން ދިއުމުން ފައުޒާ މުޅިން އެކަނިވި އެވެ. ހަށިގަނޑުގައި އަޅާ ވޭނަކަށް އޭނާއަކަށް ކެތެއް ނުކުރެވެއެވެ. ބޯ އަނބުރައެވެ. ނުއެއް ކެވެއެވެ. ގަޔަކު ވަރެއް ނުހުރެ އެވެ. ރާއިން ލިޔެދީފައި ވާގޮތަށް ބޭސްކާން އުޅުނަކަސް އޭނާއަކަށް އެކަމެއް ނުކުރެވެ އެވެ. ބައެއްފަހަރު ކާން ނުޖެހޭ ބޭހެއް ވެސް ކެވިދާނެ އެވެ. ނޫނީ އެއްފަހަރާ ދެއިރުކާން ޖެހޭ ބޭސް ވެސް ކެވިދާނެ އެވެ.
"ދިރިއުޅުމުގެ މާނައެއް ނެތް." ފައުޒާ ބަދިގެއަށް ވަނެވެ. އަދި ގޭސް އުނދުނުން ގޭސް ދޫކޮށްލިއެވެ. އަދި އުނދުން ރޯކޮށްލާ މުޅިގެ އޭނާއާއި ދަރިފުޅާ އެކު ރޯކޮށްލަން ބޭނުންވި އެވެ. ގޭގައި އެއްވެސް މީހެއް ނެތުމުން މިއީ އޭނާއަށް އުނދަގޫ ކަމެއް ނޫނެވެ.
ގޭސް ދޫކުރަން ޖައްސާފައި އޭނާ ދިޔައީ ދަރިފުޅު ބަލައެވެ. މަރުވާނީ ދެމައިން އެކުގައި ކަމުގައި ނިންމައިފަ އެވެ. އޭރުން މި އަނިޔާވެރި ދުނިޔޭގެ ހިތިހަރަ އެ ތުއްތުތުއްތު ކުއްޖާ ކުރާކަށް ނުޖެހޭނެ އެވެ. އޭނާ ގޭސް އުނދުނުގެ ގޮބުގައި ހިފާ އުނދުން ރޯކުރަން އުޅުނެވެ.
"ފައުޒާ.." ކުއްލިއަކަށް އޭނާއަށް އަޑު އިވުނީ އޭނާގެ މަންމަ ގޮވާލި އަޑެވެ.
"މަންމަ.. މިގަޑީގައި." މަންމަ އައިސް އެތެރެއަށް ވަންނަތަން ފެނުމުން އޭނާ އަށް ބުނެވުނެވެ. އަދި ބާރަށް ރޮއިގަނެވުނެވެ.
"މަންމަ މިއައީ މި ދޭންވެގެން." ތައްޓަކަށް އަޅާފައި ހުރި ހަނާކުރިބޯވާ ދިއްކޮށްލަމުން މަންމަ ބުންޏެވެ.
"މަންމާ.." ފައުޒާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނާއަށް ރޮވެނީ އެވެ. ކުރެވެން މިއުޅުނީ ކީއްކަން ވެސް އިހުސާސްވީ އެ ވަގުތު އެވެ. އޭނާ މަރުވި ނަމަ މަންމަ ކިހާ ރޯނެކަން ވެސް ހަނދާންވީ ހަމަ އެ ވަގުތު އެވެ.
"ކީއްވެ ގޭސް ވަސް ދުވަނީ. ކުޑަމީހާ ގޮވައިގެން ބަދިގޭގައި ކީއްކުރަނީ." މަންމައަށް އެއްޗެއް ވިސްނުނީ ކަންނޭނގެ އެވެ. ވަށައިގެން ތަންތަން ބަލަން ފެށި އެވެ. ލީކުވަމުންދާ ގޭސްފުޅީގެ ގޭސް ބަންދުކޮށްލި އެވެ. އަދި ފައުޒާ ގައިގައި އޮޅުލައިގަތެވެ.
"މަންމަ ގާތަށް އަންނާށެކޭ ނުބުނަންތަ.؟ އަވަހަށް ހިނގާ ގެއަށް ދާން." މަންމަ ފައުޒާއަތުން ކުޑަކުއްޖާ އަތުލާ އުރާލަމުން ބުންޏެވެ. އަދި ފައުޒާގެ އަތުގައި ހިފާ ގެއަށް ގެންދަން އުޅުނެވެ.
"އެކަމަކު ރާއިން ރުޅި އަންނާނެ. އެހެންނޫނަސް ފޮށި ވެސް ތައްޔާރު ކުރަން ޖެހޭނެއެއްނު." ފައުޒާ ބަހަނާ ދައްކަމުން ދިޔައެވެ.
"ރާއިން ގާތު މަންމަ ބުނާނަމޭ. ފޮށި ބަހައްޓާ. އިހަށް ގެއަށް ގޮސްލާނީ." މަންމަ ބޭނުންވީ ފައުޒާ އެ ގެއިން ކޮންމެވެސް ގޮތަކުން ނެރެ މަންމަމެން ގެއަށް ގެންދާށެވެ. ފައުޒާ ގެއަށް ގެންދެވޭތޯ އޭނާ ކިހާ މަސައްކަތެއް ކުރިން ވެސް ކުރިހެއްޔެވެ؟ ފައުޒާ ބަސް ގަބޫލު ނުކުރީ އެވެ. ނަމަވެސް މިއަދު އޭނާ ހިފަހައްޓާނޭ އެއްވެސް ބާރެއް މި ދުނިޔެއަކު ނުހުންނާނެ އެވެ. އޭނާގެ އަންހެންދަރި އޭނާގެ ފުރާޅުގެ ދަށަށް ގެންދާނެ އެވެ.
ފައުޒާ ގެއަށް ގެނައިއިރު އޭނާގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންހެން ގޭގައި ތިއްބެވެ. އެންމެންގެ ލޮލުގައި ވެސް ވަނީ ކަރުނަ އެވެ. އެ މީހުންގެ ލޮލުގެ ކޮއިފަދައިން ބެލި އެ ރީތި ފައުޒާ އަށް ވެފައިހުރި ގޮތުން އެ މީހުންގެ ބަސް ވަނީ ހުއްޓިފަ އެވެ.
"މީހަކާ އިނަސް އާއިލާ މީހުންނާ ދުރުވާކަށް ނުވާނެ. އޭރުން ތިމާ އަށް ކިތަންމެ ބޮޑު ގެއްލުމެއް ވެސް ވެދާނެ." ތުއްތަ އައިސް ފައުޒާގެ ގައިގައި އޮޅުލައިގަތެވެ.
"އިންޑިޔާ އަށް ފުރަން ޓިކެޓް ލިބިއްޖެ. މަންމަ އާއި ތުއްތަ އަވަހަށް ފައުކޮ ގޮވައިގެން ފުރާ." ދޮންބެ އައިސް ކުޑަކުއްޖާ އުރާލި އެވެ. ގޭތެރެއިން ލިބުނީ ފައުޒާ އަށް އަބަދު ވެސް ލިބޭ ލޯތްބާއި ކުލުނެވެ.
"ފައުޒާ އަށް ތިގޮތަށް ފުރައިގެނެއް ނުދެވޭނެ އަހަރެންގެ ހުއްދަ ނުހޯދާ." ރާއިން މިހެންބުނީ ފައުޒާގެ ފޯނަށް ގުޅައިގެންނެވެ. ފައުޒާގެ ފޯނު ކަނޑާލީ އޭނާގެ ބައްޕަ އެވެ. އަދި ބައްޕަ ދުނިޔޭގައި ހުރިހާ ދުވަހަކު ފައުޒާ އަށް ފަރުވާކުރުމަށް ހުރަސް އެޅޭނެ އެކަކު ވެސް ނުހުންނާނެ ކަމަށް ބުންޏެވެ.
އިންޑިޔާ އަށް ގޮސް ރަނގަޅަށް ޓެސްޓްތައް ހެދުމުން އެނގުނީ ފައުޒާގެ ލޭގެ ބައެއް ސެލްތައް މަދުވާކަމެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބަދަލުތައް އަންނަ ކަމެވެ. އަދި ހަ މަސް ދުވަހަށް ކާން ދީފައި ހުރި ބޭހަކީ އެ ބައްޔާ ނުގުޅޭ ބޭސްތަކެއްކަމުން އޭނާ އަށް މާ ބޮޑުވަރުވީ އެވެ. އޯގާތެރިވެ އަޅާލަންޖެހޭ އެންމެ ގާތް މީހުން އޭނާ އަށް އަޅާނުލުމާއި އާއިލާ މީހުންނާ ދުރުގައިވުމުން އޭނާގެ އަމިއްލަ ނަފުސު ދެކެ ވެސް ފޫހިވީ އެވެ.
ރަނގަޅު ފަރުވާ ކުރެވުމުން ފައުޒާ ރަނގަޅު ވެއްޖެ އެވެ. އަހަރެއްގެ ތެރޭގައި އޭނާގެ ހަށިގަނޑަށް އައި ބަދަލު ވެސް މުޅިހެން ރަނގަޅު ކުރެވުނެވެ. އޭނާ އެންމެ ދެކެން ބޭނުންވި ހުވަފެން ކަމުގައިވާ ޑޮކްޓަރުކަން ކިޔެވުމުގެ ވިސްނުން ދޫކޮށްލާ ގޭގައި އިނދެގެން އޮންލައިންކޮށް ވިޔަފާރީގެ ދާއިރާއިން ކިޔަވަން ފެށި އެވެ. ތުއްތު ތުއްތު ދަރިފުޅު ބަލަމުން ގޭގައި އަމިއްލަ ވިޔަފާރިއެއް ކުރަމުން ދިޔަ އެވެ.
"ފައުޒާ އަހަންނަށް މާފުކުރޭ،" ރާއިން ބުންޏެވެ.
"ދަރިފުޅުގެ ބައްޕަ ކަމަށް ވީތީ މާފުކޮށްފިން. އެކަމަކު ދެން ތި ހަޔާތަކަށް ނުދާނަން. އަހަރެންގެ އަގު ވަޒަން ކުރަން ނޭނގުނު މީހަކަށް ދެވަނަ ފުރުސަތެއް ނުދެވޭނެ." ރާއިން އެނބުރި ދިޔަ އެވެ. އޭނާ ދުވަހަކު ވެސް ރާއިން ފެންނަ ހިސާބަކަށް ވެސް ނުދާނެ އެވެ.
ހަޔާތުގައި ނިވެމުންދިޔަ ހުޅުކޮޅު ނިއްވާލަން ދޫކޮށްލި މީހަކަށް އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟