27 މާޗް 2023 - 06:25

މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގެ ކުރީގެ ޕޮލިސީގެ ދަށުން ކޮށްފައިވާ "ލެގަސީ ވެރިފިކޭޝަން" ތައް އަންނަ މަހުން ފެށިގެން އުވާލަން ނިންމައިފި އެވެ.
ޓްވިޓާއިން ބުނި ގޮތުގައި، އޭޕްރިލް މަހުން ފެށިގެން ލެގަސީ ވެރިފިކޭޝަންގެ ބްލޫ ޓިކް މާކުތައް ނަގާނެ އެވެ. އަދި ހަމައެކަނި ވެރިފައި އެކައުންޓްތަކުގެ ގޮތުގައި ފެންނާނީ އާ ސިޔާސަތުގެ ދަށުން "ޓްވިޓާ ބްލޫ" އަށް މަހު ފީ ދައްކާ ފަރާތްތައް އެކަނި ކަމަށް ވަނީ ބުނެފަ އެވެ.
ލެގަސީ ވެރިފިކޭޝަން ޕްރޮގްރާމް ހުއްޓާލަން ނިންމުމާ އެކު، ޓްވިޓާއިން ވަނީ ކުރީގެ ސިޔާސަތުގެ ދަށުން ވެރިފައި ކޮށްފައި ތިބި ފަރާތްތަކުން "ޓްވިޓާ ބްލޫ" އަށް ސަބްސްކްރައިބް ކުރަން އެދިފަ އެވެ.
"ޓްވިޓާ ބްލޫ" ސަބްސްކްރިޕްޝަންގެ ދަށުން ވެބުން ނަމަ، މަހަކު އަށް ޑޮލަރު ދައްކަން ޖެހޭއިރު، އައިއޯއެސް ނުވަތަ އެންޑްރޮއިޑް ޑިވައިސްތަކުން މަހަކު 11 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އަހަރަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ އެނުއަލް ޕްލޭނަށް ފައިސާ ދައްކައިފިނަމަ، 12 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.
ޓްވިޓާގައި ވެރިފައި ކުރަން ފައިސާ ދައްކަން ޖެހޭ އުސޫލު ފެށީ، ބިލިއަނަރު އީލޮން މަސްކު އެ ކުންފުންޏާ ހަވާލުވުމަށް ފަހު ގެނައި ބަދަލުތަކަށް ފަހު އެވެ. މީގެ ކުރިން، ބްލޫ ވެރިފިކޭޝަން މާކު ލިބެނީ، މަޝްހޫރު ސެލެބްރިޓީންނާއި، ސިޔާސީ ފަރާތްތަކާއި އަދި ނޫސްވެރިން ފަދަ މީހުންނަށެވެ. އެކަމަކު، މިހާރު ހަމަ ކޮންމެ މީހަކަށް ވެސް "ޓްވިޓާ ބްލޫ" ސަބްސްކްރިޕްޝަން ގަތުމުން އެކައުންޓު ވެރިފައި ކުރެވޭނެ އެވެ.