25 މާޗް 2023 - 08:59

ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގްރޫޕް ގުޅިގެން ބ. ފަރެހުގައި ހެދި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފި އެވެ.

މަތީ ފެންވަރުގެ އެ ރިސޯޓަށް 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ހޭދަކޮށްފައި ވެ އެވެ.

އެ ރިސޯޓް ހެދުމުގެ މަސައްކަތް 2017 ވަނަ އަހަރު ފަށައި އެއްކޮށް ނިންމީ 2019 ވަނަ އަހަރު އެވެ. އެކަމަކު، މިހާތަނަށް ރިސޯޓް ނުހުޅުވަ އެވެ.
މިއީ ބ. އަތޮޅުގައި ތިން އަހަރު ފަހުން ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެ އަތޮޅުގައި މިހާރު ވެސް ދުނިޔޭގެ ލަގްޒަރީ ބްރޭންޑްތަކުގެ ރިސޯޓުތައް ހިންގަ އެވެ. އޭގެ ތެރޭގައި އަނަންތާރާ ކިވާހަށް، ކޮކޯ ޕާމް ބޮޑު ހިތި، ފޯ ސީޒަންސް ލަނޑާ ގިރާވަރު، ނޯޓިލަސް އާއި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް ހިމެނެ އެވެ
އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓްގައި ގާތްގަނޑަކަށް 170 ކޮޓަރި ހުރެ އެވެ. އެ ރިސޯޓްގައި ހަތަރު ކޮޓަރި އާއި ތިން ކޮޓަރީގެ ވިލާތައް ހަދާފައިވެ އެވެ. އަދި "އަވާނީ ސްޕާ" އާއި "އަވާނީ ކިޑްސް ކްލަބް" ގެ އިތުރުން ބޮޑު ސްވިމިން ޕޫލަކާއި ޕޫލް ބާއެއް ހުންނާނެ އެވެ.
މިއީ މައިނާ ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ހަ ވަނަ ރިސޯޓެވެ. އެއީ އެ ބްރޭންޑްގެ ދަށުން ބ. އަތޮޅުގައި ހުޅުވާ ދެ ވަނަ ރިސޯޓެވެ. އެ އަތޮޅުގަިއ އޮންނަ އަނަންތާރާ ކިހާވަކަކީ ވެސް މައިނާ ހޮޓެލްސްގެ ދަށުން ހިންގާ ރިސޯޓެކެވެ.
ފަރެހަކީ 12.4 ހެކްޓަރުގެ ރަށެކެވެ.
މައިނާ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސް ފޯ އޭޝިއާ ޓްރެވަލް ނިއުސް އޭޝިއާ އަށް ވިދާޅުވީ، އަވާނީ ފަރެސް އަކީ ރާއްޖޭގައި އާންމުކޮށް ހިންގާ ރިސޯޓުތަކަށް ވުރެ ތަފާތު ޑިޒައިނަކަށް ހަދާފައިވާ ތަނެއް ކަމަށެވެ
އަވާނީ ފަރެސް މޯލްޑިވްސް އަކީ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ 61 ރަށުގެ ތެރެއިން އެއް ރަށެވެ.