މެޗަށް ނުވަ ދުވަސް، ވެލެންސިއާ ޕްރެކްޓިސް ފަށައިފި
މެޗަށް ނުވަ ދުވަސް، ވެލެންސިއާ ޕްރެކްޓިސް ފަށައިފި

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި މި މަހު 31 ވަނަ ދުވަހު ކުޅޭ މެޗަށް ކުޑަތަން ވެފައި ވެފައިވަނިކޮށް ކްލަބް ވެލެންސިއާ އިން ރޭ ޕްރެކްޓިސް ފަށައިފި އެވެ.

ވެލެންސިއާ އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކޮށްގެންނެވެ. މިއީ އަށް އަހަރަށް ފަހު ވެލެންސިއާ އަށް ލިބުނު ފުރަތަމަ ތަށްޓެވެ.

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ވެލެންސިއާ ވާދަކުރަން ޖެހެނީ ބޫޓާންގެ ތިމްޕޫއާ އެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގު އޮންނާނީ ޖެނުއަރީ 31 ގައި ބޫޓާންގަ އެވެ. އަދި މާލޭގައި ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 7 ގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފުގައި ބައްދަލުކުރާނީ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގަ އެވެ.

ވެލެންސިއާ އިން ޕްލިމިނަރީ ބުރާއި ޕްލޭ އޮފް ބުރުން ކުރިހޯދައިފިނަމަ އެ ޓީމު އޭއެފްސީ ކަޕްގައި ވާދަކުރާނީ މާޒިޔާއާ އެއް ގްރޫޕެއްގަ އެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު އޭއެފްސީ ކަޕަށްދާ ޓީމުތަކުން ވަރަށް ވަރުގަދަ ކުރެ އެވެ. އެކަމަކު މި އަހަރު އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގައި ވެލެންސިއާ އަށް މާ ބޮޑު ކަމެއް ކުރެވިފައެއް ނުވެ އެވެ. އެ ޓީމުން ފަރިތަކުރުންތައް ރޭ ފެށިއިރު، މެޗާ ދެމެދު އޮތީ އެންމެ ނުވަ ދުވަހެވެ.

އެނގިފައިވާ ގޮތުގައި ޕްލިމިނަރީ ބުރުގެ މެޗަށް ވެލެންސިއާ ނުކުންނައިރު އެމެޗުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ވެލެންސިއާއާ ދެކޮޅަށް ޕްލިމިނަރީ ބުރުގައި ކުޅޭ ތިމްޕޫ އަންނަނީ މިދިޔަ މަހުގެ 20 އިން ފެށިގެން ފަރިތަކުރަމުންނެވެ.

މި އަހަރު ވެސް ވެލެންސިއާ އަށް ކޯޗުކޮށްދޭނީ ކުރީގެ ގޯލްކީޕަރު މުހައްމަދު އިގުބާލް އެވެ. އަދި އޭނާއާ އެކު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރީގެ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ވެލެންސިއާ ދޫކޮށް ދިޔަ ކުޅުންތެރިންނަށް ބަލާއިރު އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ. އަދި ހަސަން އަދުހަމް (ސަޑޭ) އާއި މުހައްމަދު އާރިފް (ބަކާ) ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ.

ވެލެންސިއާ އިން ވަނީ އާ ބައެއް ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ވިކްޓަރީ އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހައްމަދު ތަސްނީމް (ތައްތި) އާއި ގޯލްކީޕަރު ތޮލާލް ހަސަން އަދި ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް ހިމެނެ އެވެ. އަދި ބީޖީ އަށް މިދިޔަ އަހަރު ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި އިބްރާހިމް ހަމްދާން އާއި ނިއު އަށް މިދިޔަ އަހަރު ކުޅުނު މުހައްމަދު މުސްލިހު (މުއްޓި) ވެސް ވަނީ ވެލެންސިއާއާ ގުޅިފަ އެވެ.

ވެލެންސިއާގައި މިިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ހިމެނެ އެވެ.