25 މާޗް 2023 - 00:19

"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗާ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޖެންޑާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން މިއަދު ވަނީ އެ ފިލްމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހެ އެވެ. ފިލްމުގެ ދިގު މިނަކަށް ވާން ޖެހޭނީ ގާތްގަނޑަކަށް 90 މިނެޓެވެ.
އިއުލާނުގައި ބުނީ ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށެވެ. އަދި ފިލްމުގެ ލީޑު ރޯލުގައި ހަރަކާތްތެރިވާ މީހުންގެ ހަރަދު ހަމަޖައްސަން ވެސް ޖެހެނީ އެ މަސައްކަތާ ހަވާލުވާ ބައެކެވެ. އެކަމަކު ކުދި ރޯލުތަކަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އެ މަަސައްކަތާ ހަވާލުވާ ބަޔަކު ފިލްމު ޕްރޮމޯޓްކުރަން 30 ސިކުންތުގެ ޓްރައިލާއެއް ވެސް ތައްޔާރުކުރަން ޖެހެ އެވެ.
އެ މަސައްކަތަށް އެކަށީގެންވާ ބަޔަކު ކަނޑައެޅުމުގައި އެ މަސައްކަތުގެ އަގާއި އެ މަސައްކަތް ނިންމޭނެ މުއްދަތުގެ އިތުރުން ޓީމުގެ ގާބިލުކަމާއި މިނިސްޓްރީގެ މެންޑޭޓަށް ފެތޭ އިޖުތިމާއީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ފިލްމާއި، ޓްރެއިލާ އުފެއްދުމުގެ ތަޖުރިބާއަށް ބަލާނެކަމަށް އިއުލާނުގައިވެ އެވެ.
ފިލްމު އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ.