ނާގަލްސްމަން ވަކިކޮށް ބަޔާނުން ޓުޗެލް ގެންނަނީ: ރިޕޯޓް
ނާގަލްސްމަން ވަކިކޮށް ބަޔާނުން ޓުޗެލް ގެންނަނީ: ރިޕޯޓް

ޖަރުމަނުގެ ބަޔާން މިއުނިކުން އެ ޓީމުގެ ކޯޗުގެ މަގާމުން ހޫލިއަން ނާގަލްސްމަން ވަކިކުރަން ނިންމާފައިވާ ކަމަށާއި އެ މަގާމަށް ގެނައުމުގެ ފުރުސަތު އެންމެ ބޮޑީ ޗެލްސީގެ ކޯޗުކަމުން މި ސީޒަނުގެ ކުރީކޮޅު ވަކިކުރި ތޯމަސް ޓުޗެލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނާގަލްސްމަންގެ ކޯޗުކަމުގައި ބަޔާން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވީ ނަމަވެސް ޖަރުމަން ލީގުގައި ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. މިއީ 11 އަހަރު ތެރޭ ލީގުގައި ބަޔާންގެ ނަތީޖާތައް އެންމެ ދަށްކޮށް ދާ ފަހަރެވެ.

މިދިޔަ ހަފުތާގައި ބެޔާ ލެވަކޫސަން އަތުން 1-0 އިން ބަލިވެ އެ ޓީމު އޮތީ، އެއް ވަނައިގައި އޮތް ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ދެ ވަނައިގަ އެވެ. އެ މެޗަށް ފަހު ބަޔާނުގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިޒިޗް ވަނީ ޓީމުގެ ކުޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ބެލެވިފައި އޮތީ ކޯޗު ބަދަލުކުރިޔަސް ކުރާނީ ސީޒަން ނިމުމުން ކަމަށެވެ. ސަބަބަކީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި އިންޓަ މިލާން އަދި ޕީއެސްޖީ ފަދަ ވަރުގަދަ ޓީމުތައް އަތުން ހޯދި ނަތީޖާ ރަނގަޅުވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނާގަލްސްމަން ވަކިކޮށް ޓުޗެލްއާ ޓީމު ހަވާލުކުރިކަން ބަޔާން އިން މިއަދު ރަސްމީކޮށް ބުނާނެ އެވެ. ބެލެވޭ ގޮތުގައި ބަޔާނުގެ ވިސްނުމަކީ އިންޓަނޭޝަނަލް ބްރޭކަށް ފަހު އޭޕްރިލް 1 ވަނަ ދުވަހު ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަށް އާ ކޯޗާ އެކު ތައްޔާރުވުމެވެ.

ޑޯޓްމަންޑުގެ ކުރީގެ ކޯޗު ޓުޗެލް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު މި ސީޒަނުގެ ކުރީކޮޅު ނަތީޖާ ދަށްވުމުން އޭނާ ވަކިކުރީ އެވެ. ޕީއެސްޖީ އަށް ވެސް ކުރިން ކޯޗުކޮށްދިން ޓުޗެލް ވަނީ އަނިޔާގެ ސަބަބުން ވަރަށް ކުރިން ކުޅުން ހުއްޓާލައި ކޯޗިން ފަށައިފަ އެވެ. އޭނާ ވަނީ ނާގަލްސްމަން އަށް އޮގްސްބާގުގައި ކޯޗުކޮށްދީފަ އެވެ. އަދި އޭނާގެ ދަށުން ސްކައުޓެއްގެ ގޮތުގައި ވެސް ނާގަލްސްމަން މަސައްކަތްކުރި އެވެ.

ބަޔާނާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި ހަންސީ ފްލިކް ޖަރުމަން ގައުމީ ޓީމާ ހަވާލުވުމުން ބަދަލުގައި، 2021 ގައި ގެނައި ނާގަލްސްމަން އަކީ އުމުރުން 35 އަހަރުގެ އުއްމީދީ ކޯޗެވެ. އޭނާ ވިދާލީ އާރްބީ ލީޕްޒިގުގަ އެވެ.