22 ޖެނުއަރީ 2017 - 10:26

މި އަހަރުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށާއި އޭޝިއާގެ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދުމުގެ އުއްމީދުގައި ރާއްޖޭގެ އެއް ވަނަ ދުުވުންތެރިޔާ ހަސަން ސާއިދު ތަމްރީން ހެދުމަށް ޖެމެއިކާ އަށް ފުރައިފި އެވެ.
ހުކުރު ދުވަހު ފުރި ސާއިދު ޖޫން މަހުގެ ނިޔަލަށް ޖެމެއިކާގެ ވެރިރަށް ކިންގްސްޓަނުގައި ހުންނަ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ހަދާނެ އެވެ. އަހަރުގެ ފުރަތަމަ ބޮޑު މުބާރާތް ކަމަށްވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ ޖުލައި މަހު އިންޑިއާގެ ރާންޗީގަ އެވެ. އަދި ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ އޮގަސްޓް މަހު ލަންޑަނުގަ އެވެ. މީގެ އިތުރުން އޭޝިއަން ގްރޯން ޕްރީ އިން ވެސް ސާއިދަށް ފުރުސަތު ހޯދައިދިނުމަށް އެސޯސިއޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެސޯސިއޭޝަނުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ވޯލްޑް ޗެމްޕިއަންޝިޕަކަށް އެތުލީޓަކު ނުވަތަ އެތުލީޓުންތަކެއް ކޮލިފައިކުރުމާއި އޭޝިއާގެ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދުން ކަމަށެވެ. އަދި ސާއިދު ވެސް ޖެމެއިކާ އަށް ފުރީ އެއީ އޭނާގެ ވެސް އަމާޒުކަމަށް ކަނޑައަޅައި އެކަމަށް މަސައްކަތްކުރަން ކަމަށް ތޮލާލް ވިދާޅުވި އެވެ.
"ވަރަށް އުފާވޭ އެސޯސިއޭޝަނުން ކަނޑައަޅާ އަމާޒަށް ވާސިލްވުމަށް އެތުލީޓުން އަމިއްލަ އަށް އަމާޒް ކަނޑައަޅައި އެކަމަށް ގަދައަޅައި މަސައްކަތްކުރާތީ،" ތޮލާލް ވިދާޅުވި އެވެ.
ވޯލްޑް ޗެމްޕިއަންޝިޕަށް އެތުލީޓުން ކޮލިފައިވާނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބާއްވާ މުބާރާތްތަކުގައި އެތުލީޓުން ދުވާ ޓައިމިން އިންންނެވެ. ސާއިދަށް ޖެމެއިކާގެ މުބާރާތްތަކާއި އޭޝިއަން ޗެމްޕިއަންޝިޕުގައި އެ ފުރުސަތު ލިބޭނެ އެވެ.
ސާއިދުގެ އިތުރުން ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ ޒުވާން އެތުލީޓުން ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ކޮލިފައިކުރުމަކީ ވެސް އެސޯސިއޭޝަނުގެ އަމާޒެކެވެ. އަދި މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި އެ ކުދިން ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް ވެސް އެސޯސިއޭޝަނުން އުއްމީދުކުރެ އެވެ. ތޮލާލް ވިދާޅުވީ މާލޭގައި ތިބި ބައެއް އެތުލީޓުން ވެސް ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި ރަނގަޅު ވާދައެއް ކުރާނެ އުއްމީދުކުރާ ކަމަށެވެ.
ސާއިދުގެ އަނެއް ޓާގެޓް ކަމަށްވާ އޭޝިއާ މުބާރާތެއްގެ ފައިނަލުގައި ދުވުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ އޭޝިއަން ޗެމްޕިއަންޝިޕެވެ. އޭނާ ވަނީ ޗައިނާގެ ވޫހާންގައި 2015 ވަނަ އަހަރު ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައިވާ ދުވުންތެރިޔާ ޖެމެއިކާގައި ފުރިހަމަކުރަނީ އިންޓަނޭޝަނަލް އެތުލެޓިކްސް އެސޯސިއޭޝަނުން ދީފައިވާ ސްކޮލަޝިޕެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން 2012 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ފޮނުވި ނަމަވެސް އޭނާގެ ޓައިމިން ރަނގަޅުވުމާ އެކު ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަނުން އަންނަނީ ކޮންމެ އަހަރަކު ވެސް އޭނާ އެތުލެޓިކްސް އެސޯސިއޭޝަން މެދުވެރިކޮށް ތަމްރީނަށް ފޮނުވަމުންނެވެ.