ވަކިވަކި ނަތީޖާ އަށް ބަލާއިރު ކުރިއެރުންތަކެއް ވަނީ ހޯދާފައި: އެޑިޔުކޭޝަން
ވަކިވަކި ނަތީޖާ އަށް ބަލާއިރު ކުރިއެރުންތަކެއް ވަނީ ހޯދާފައި: އެޑިޔުކޭޝަން

ދަރިވަރުންގެ ވަކިވަކި ނަތީޖާތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޯ ލެވެލް ނަތީޖާ އޭގެ ކުރީ އަހަރަށް ވުރެ ރަނގަޅު ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ވަކިވަކި ކެންޑިޑޭޓުންގެ ނަތީޖާއިން ކުރި އެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް މުޅި ރާއްޖޭގެ ނިސްބަތަށް ބަލާފައި، މި އަހަރުގެ ނަތީޖާ ކުރީ އަހަރަށް ވުރެ ކާމިޔާބުކަން އެނގޭނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ސެންޓަރުތަކުގެ އެނަލިސްތައް ނިމި ރިޕޯޓް ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޯވަރޯލްކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެބަ ދައްކާ. އެކަމަކު އަދި ފައިނަލް ޖަވާބެއް ދޭން އަވަސް. މިއަދުގެ ވަގުތެއްގައި އޯ ލެވެލް އިމްތިހާނުގެ ފައިނަލް ރިޕޯޓު ނިންމަން މި މަސައްކަތް ކުރަނީ،" ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފަ އެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ނަތީޖާ ސްލިޕް ދޫކުރާނެ އެވެ.

އޯ ލެވެލްގެ ގަދަ 10 ގައި 2015 ވަނަ އަހަރު 500އެއްހާ ދަރިވަރުން ހިމެނުނެވެ. އަދި ރާއްޖޭގެ 40 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ބޭއްވި ކެމްބްރިޖް އޯ ލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި 7028 ދަރިވަރުން ބައިވެރިވި އެވެ.