24 މާޗް 2023 - 07:36

ރޯދައިގެ ލަފުޒީ މާނައަކީ މަނާވެގަތުމެވެ. ނުވަތަ ހިފަހައްޓާލުމެވެ. އިސްތިލާހީ މާނައަކީ ފަޖުރުލީއްސުރެ އިރުއޮއްސެންދެން ކެއުންބުއިމާއި އެ ނޫން ވެސް ރޯދަ ގެއްލޭ އެހެންކަންކަމުން ދުރުހެލިވެގެން ހުރުމެވެ. މިކަން މިގޮތަށް ކޮށްފި ނަމަ ޝަރުއީ ހަމައިން ބަލާއިރު ރޯދަ ހިފީ ކަމަށް ބެލެވޭނެ އެވެ. ނަމަވެސް ރޯދައިން ހާސިލުކުރަން ބޭނުންވާ މަގުސަދަށް ބަލާއިރު މި ފާހަގަކުރި ދޫކޮށްލުންތަކަށް ވުރެ އިތުރު ދޫކޮށްލުންތަކެއް (ރޯދަހިފުމެއް) އޭގައި ހިމެނިގެން ނޫނީ ހަގީގީ މަގުސަދު ހާސިލު ނުވެވޭނެ އެވެ.
އެހެނީ މާތް ﷲ ހުރިހާ އަޅުކަންތަކެއް ޝަރުއު ކުރެއްވުމުގެ ހިކުމަތަކީ އިންސާނުން ތަގުވާވެރިވެ، ނަފްސު ތަޒުކިޔާކޮށް، އަހުލާގީ ގޮތުން މަތީ ހަރުފަތްތަކަކަށް ދިއުމެވެ. ރޯދަ ފަރުލު ކުރެއްވީ ތަގުވާވެރިވުމަށްޓަކައި ކަމުގައި ﷲ ބަޔާން ކުރައްވަ އެވެ. (އަލްބަގަރާ 183). އެހެންކަމުން ރޯދައިގެ ސަބަބުން މީހާގެ ސުލޫކު ތަހުޒީބު ނުކުރެވޭ ނަމަ ރޯދައިގެ ހަގީގީ މަގުސަދު ގެއްލިގެން އެބަދެ އެވެ. ރޯދައާ ބެހޭގޮތުން އައިސްފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ނަބަވީ ހަދީސްފުޅުތަކުން އެނގެނީ ރޯދައިގެ ޝަރުއީ ހުކުމްތައް ފިޔަވައި އޭގައި ސުލޫކީ މަގުސަދުތަކެއް ހާސިލުކުރުން ވެސް ހިމެނޭ ކަމެވެ.
ރޯދައިން ހާސިލުކުރަންޖެހޭ ފާހަގަ ކުރެވޭ އެއް ސުލޫކަކީ ކައުނުގެ ހަރަކާތްތަކާއި ވަގުތުތަކަށް މީހާ ތަބާވެ، އެ އަށް ހުރުމަތްތެރިކޮށް ހިތުމެވެ. ރޯދަ ހިފަން ޖެހެނީ ހަނދުމަހުގެ މަސްތަކުން ކުރެ މަހެއްގައި ކަމަށް ވާތީ އެއީ ތަފާތު މޫސުމްތަކުގައި ތަފާތު ދިގުމިނުގެ ދުވަސްތަކުގައި އެކި ފަހަރު ކުރަން ޖެހޭ ކަމަކަށް ވެދެ އެވެ. އަދި މި ކަމަށް ބޯލެނބުމުގައި ފަގީރެއް، މުއްސަންޖެއް މޮޅު މީހެއް ދެރަމީހެއް ތަފާތުވުމެއް ނެތެވެ.
ދެވަނަ ސުލޫކަކީ ކުށްތަކުން ސަލާމަތްވުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ރޯދައަކީ އައްޑަނައެކެވެ. އެބަހީ އެންމެހައި ކުށްތަކުން މީހާ ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެންކަމުން އިންސާނާ އުފައްދަވާފައިވަނީ ޖިސްމާނީ ޝަހުވަތްތައް ފުއްދުމަށް ނޫން ކަން އެހެން ނަމަވެސް ރޫހާނީ ގޮތުން މީހާ މަތީ ދަރަޖައަކަށް ވާސިލުވުމަށް ކަން ގަބޫލު ކުރަން ޖެހެ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބިންމަތީގެ ޝަހުވަތްތަކާ ހަނގުރާމަކޮށް ޝަހުވަތްތަކުގެ އަޅަކަށް ނުވެ އެންމެހައި ކުށްތަކުން ސަލާމަތްވާން ރޯދަ އަށް ހުންނަ އިރު މަސައްކަތް ކުރަން ޖެހެ އެވެ.
ތިންވަނަ ސުލޫކަކީ އަމިއްލަ ނަފްސު ހިސާބުކޮށް، އިސްލާހު ކުރުމެވެ. ރޯދަމަހަކީ އެ މަހުގައި އެންމެހައި ޝައިތާނުންތައް ކަސްތަޅު އެޅޭ މަހެކެވެ. އެކަމަކު، އިންސާނާ އަށް އޭނާގެ ނަފްސުލް އައްމާރާ (ނުބައި ކަންތަކަށް އަމުރު ކުރާ ނަފްސު) ލިބިގެންވެ އެވެ. ވީމާ ކުށަށް އަރައިގަތުމަކީ ވެދާނެ ކަމަކެވެ. ނަމަވެސް އިންސާނާ އަށް ލިބިފައިވާ ބާރުތަކުގެ އެހީގައި އަދި އިންސާނާއަށް ﷲ ދެއްވާފައިވާ އިހުތިޔާރުގެ ދަށުން އޭނާގެ އަމިއްލަ ނަފްސު ހިސާބު ކުރެވިދާނެ އެވެ. އަމިއްލަ އަށް އަމިއްލަ ނަފްސު ކުށްވެރިކުރާ (ނަފްސުއްލައްވާމާ) ގެ ދަރަޖަ އަށް ނަފްސު ގެންދެވިދާނެ އެވެ. އަދި އެ އަށް ފަހު އެ ނަފްސު އިސްލާހު ކުރުމުގެ އަޒުމް ވަރުގަދަކޮށް ކުރާ މަސައްކަތުން ހިތްހަމަޖެހޭ ނަފްސަކަށް (ނަފްސުލް މުތުމައިންނަ އަށް) ތިމާގެ ނަފްސު މަތިވެރި ކުރެވިދާނެ އެވެ. މިއީ މުހިންމު ސުލޫކެކެވެ.
ހަތަރުވަނަ ސުލޫކަކީ ހަށިގަނޑާއި ނަފްސު އެތެރެފުށުންނާއި ބޭރުފުށުން ބެލެހެއްޓުމަށްޓަކައި ފާރަވެރިވުމެވެ. ނުވަތަ ގާޑުކުރުމާއި މޮނީޓަރު ކުރުމެވެ. އޮޅިގެން ނުވަތަ ހަނދާން ނެތިގެން ނަމަވެސް ރޯދަ ގެއްލޭ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ފާރަވެރިވެ ހުރުމެވެ. ހަމަ އެފަދައިން އަތާއި ފަޔާއި ދޫ ފަދަ ގުނަވަންތަކުން ކުރެވިދާނެ އެންމެހައި ކުށްތަކާ މެދު ފާރަވެރިވުމެވެ. އެހެނީ ރޯދަ އަށް ހުންނައިރު، ހަޑިހުތުރު އެއްޗެތި ކިޔައި މީހުންނާ ޒުވާބުކުރުން ކީރިތި ރަސޫލާ ﷺ ވަނީ މަނާކުރައްވާފަ އެވެ. އެހެން މީހަކު ތިމާއާ މެދު އެފަދަ ކަމެއް ކޮށްފި ނަމަ ތިމަން މި ހުރީ ރޯދައަށޭ ބުނެ އެކަމުން ދުރުހެލިވާން އަންގަވަ އެވެ. އެ ސުލޫކު ނުބެހެއްޓޭ ނަމަ ކީރިތި ރަސޫލާ ބަޔާން ކުރައްވަނީ ކެއުންބުއިން ދޫކޮށްލައިގެން ހުރުމުގެ ބޭނުމެއް ނެތް ކަމުގަ އެވެ. ބައެއް ރޯދަވެރިންނަށް ހަމައެކަނި ކަރު ހިއްކުމާއި ބަނޑުހައިވުން ނޫން ކަމެއް ނުލިބި ދިއުމަކީ ވެދާނެ ކަމެއް ކަމުގަ އެވެ.
ފަސްވަނަ ސުލޫކަކީ މާތް ﷲ މުރާގަބާ ކުރުމެވެ. އެ ބަހީ ތިމާގެ އަމަލުތައް ﷲ ބައްލަވާ ވޮޑިގެންވާކަން ދަނެގެން އެކަމަށް ވިސްނައިގެން ހުރުމެވެ. ރޯދަ އަށް ހުރެ ކެއުމާއިބުއިމާއި އެ ނޫން ވެސް ޝަހުވަތްތައް އަދި ނުރަނގަޅު އަމަލުތައް ދޫކޮށްލަނީ ހަމައެކަނި ﷲ އަށް ކަމަށް ވާތީ ކޮންމެ ތަނެއްގައި އަދި ކޮންމެ ހާލެއްގައި ތިމާ ވިއަސް ﷲ އެކަން ދެނެވޮޑިގެންވާނެ ކަން އަދި ބައްލަވައި ވޮޑިގެންވާނެކަން ގަބޫލު ކުރުމާއެކު އެ ކަންކަމުން ދުރުހެލިވާން ޖެހޭނެ އެވެ.
ހަވަނަ ސުލޫކަކީ ކެތްތެރިކަން ދަސްކުރުމެވެ. ރޯދައަކީ ތަގުވާގެ މަދަރުސާ އެކެވެ. ކެއުމާއިބުއިން އަދި އެހެން ޝަހުވަތްތަކަށް ކެތްކުރަން ދަސްކޮށްފި ނަމަ ދެން އެހެން ކަންކަމުގައި ވެސް ކެތް ކުރެވޭނެ އެވެ. ވީމާ ކެތްކުރަން ދަސްކުރަން ޖެހެ އެވެ.
ހަތްވަނަ ސުލޫކަކީ މުސްލިމު ޖަމާއަތާއި ތިމާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމެވެ. ހުރިހާ މުސްލިމުން އެއްމަހެއްގައި އެއް ފަރާތަކަށް އަދި އެންމެން ވެސް ފަޖުރުލީއްސުރެ އިރުއޮއްސެންދެން ރޯދަ އަށް ހުރުމުން މުސްލިމުންގެ އެއްގޮތްކަން ފެނި އެއްބައެއް ކަމުގެ އިހުސާސްތައް ކުރަން ޖެހެ އެވެ.
އަށް ވަނަ ސުލޫކަކީ ކީރިތި ޤުރުއާނާ ދޯޅުވުމާއި ދުއާކުރުން ގިނަކުރުމެވެ. ރަމަޟާން މަހަކީ ޤުރުއާން ބާވައިލެއްވި މަހެވެ. އެހެންކަމުން އެ ފޮތް ކިޔަވައި، އެ ފޮތުން އިރުޝާދު ލިބި ގަންނަން މި އަށް ވުރެ ވަކިން ރަނގަޅު މައްސަރެއް ނުވެ އެވެ. ހަމަ އެފަދައިން ދުއާކުރަން ބަލާއިރު ވެސް ރަމަޟާންމަހުގައި ދުއާ އިޖާބަ ކުރެވޭ ވަގުތުތައް ގިނަވުމާއެކު އޭގެ ބޭނުން ހެޔޮގޮތުގައިހިފަން ޖެހެ އެވެ. ރޯދަވީއްލާ ވަގުތާއި ލައިލަތުލްގަދުރި ވިލޭރެ އާއި އާންމުކޮށް ރޭގަނޑުގެ ވަގުތުތައް އެއީ ހާއްސަ ވަގުތުތަކެވެ.
ނުވަވަނަ ސުލޫކަކީ ދީލަތިވެ، ހެޔޮ ފޯރުވުމުގެ އާދަ ނަފްސުގައި އަށަގެންނެވުމެވެ. ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާ އަށް ކުރެވޭ އިހުސާސްތަކުން އިބުރަތް ލިބިގަނެ، ފަގީރުންނައި މިސްކީނުން އުޅޭނެ ގޮތް ތަސައްވުރު ކުރުމެވެ. އަދި ނަތީޖާއެއްގެ ގޮތުން ހެޔޮ ފޯރުވާ އުޅުމެވެ.
މިފަދަ ސުލޫކުތައް ރޯދައިގެ ތެރެއިން ދަސްނުކުރެވޭ ނަމަ ރޯދަ އަށް އުނިކަން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރޯދަ އިން މި ސުލޫކުތައް ދަސްކުރަން ކޮންމެ މުސްލިމަކު ވެސް ސަމާލުވާން ޖެހޭނެ އެވެ.