އެ ސިއްރު ކަށްވަޅުގައި...
އެ ސިއްރު ކަށްވަޅުގައި...

ދަތުރަށް ފަށަންވާއިރަށް ތައްޔާރުކުރަންޖެހޭ ބައިވަރު އެއްޗިހި އެބަހުއްޓެވެ. އަދި ހުރީ އެއްވެސް އެއްޗެއް ބަންދު ނުކުރެވި އެވެ. މާދަމާ ހެނދުނު ފުރަން ހަމަޖެހިފައިވާއިރު އެ ހުރިހާ އެއްޗެއް ބަންދުކުރަން ވެސް ހުރީ ހަފީޒާ އެކަންޏެވެ. ތިން ކުދިން ލިބިފައި ހުރި ކަމުގައި ވިޔަސް އެ ކުދިންނަކީ އަދި ކުޑަކުދިންނެވެ.

ދޮށީކުއްޖާ މާލޭ ސްކޫލެއްގެ ގްރޭޑް ފަހަކަށް ބަދަލުކުރެވޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ދެން ތިބި ދެ ކުދިން އަދި ޕްރީ ސްކޫލް ނުނިމޭތީ އެ މީހުން މާލޭގެ ސްކޫލެއްގައި ކިޔަވަން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާ ފިރިމީހާ އަރީފަކީ މަޝްހޫރު ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހަކަށްވާތީ ރަށުން އެންމެ ފުރަތަމަ ދަރިންނަށް ކިޔަވައިދޭން މާލެ ފުރާ މީހަކަށް އޭނާ ވާތީ ހަފީޒާ ހުރީ ނުހަނު އުފަލުންނެވެ.

"ކީއްކުރަން މާލެ ދަނީ. އެތަނުގައި ދަރިފުޅު ދަންނަ މީހަކު ހުރީއެއް ނޫން. ކަމެއް ދަމެއް ބޮޑުވިޔަސް އެހީވާނެ އެކަކު ވެސް ނުހުންނާނެ. އަރީފް ހުންނާނީ ރިސޯޓްގައި،" ހަފީޒާގެ މަންމަ ބުުންޏެވެ.

"ކުދިންނަށް މޮޅު ތައުލީމެއް ދޭންޖެހޭނެ. ރަށުން ކިޔަވައިގެން އެ ކުދިން މޮޅުބަޔަކަށް ނުހެދޭނެ،" ހަފީޒާ ބުންޏެވެ.

ދުވަސްވަރަކީ ފޯނުގެ ޒަމާނެއް ނޫނެވެ. އެހެންކަމުން ހަފީޒާ އަށް މާލެ ގޮސްފައި ކަންތައް ކުރަންވީގޮތް ލިޔެފައިވާ ސިޓީ ގެއަށް ދެވެންދެން އަތުގައި ބޭއްވި އެވެ. އޭނާ ހުންނަން ފިރިމީހާ ހަމަޖައްސައިދީފައިވާ އެޑްރެސް ޑްރައިވަރަށް ދިނުމުން އޭނާ އަށް ވަރަށް ފަސޭހައިން އެ ގެއަށް ދެވުނެވެ. ގެއަށް ދެވުނުއިރު ދިގުމުއްދަތަކަށް އެ ގެ ނަގައިގެން އިމާރާތް ކޮށްފައިވާ މީހާ އޭނާއާ ދިމާވިއެވެ. މުޅި އިމާރާތް ކުއްޔަށް ދިނުމަށް ހަދާފައިވާއިރު އެ މީހާ އުޅެނީ އެ ގޭގެ ތިރީބައިގަ އެވެ.

"އަހަންނަކީ އުމަރު. އުނދަގޫ ކަމެއް ދިމާވާ ނަމަ ބުނޭ. ކޮންމެ ދުވަހަކު ވެސް ހަވީރު އަހަރެން ގޭގައި އުޅޭނަން،" އުމަރު ހަފީޒާގެ އެއްޗިހިތައް މައްޗަށް ގެންގޮސްދެމުން ބުންޏެވެ.

ގެއަކީ ރަށުގެ މާހައުލާ މުޅިން ވެސް ތަފާތު ޑެކު އަޅައިގެން ހަދާފައިވާ ކުޑަކުޑަ ގެއެކެވެ. އެންމެ ކޮޓަރިއަކާއި ސިޓިންރޫމެކެވެ. ކައްކާ ކެވޭގޮތް ވެސް ހުންނަނީ ސިޓިންރޫމުގަ އެވެ. ފުރަތަމަ ހަފްތާ ހަފީޒާ އުޅެންޖެހުނީ ވަރަށް ބުރަކޮށްނެވެ. އަރީފް އައިކަން އެއީ އޭނާގެ ނަސީބެވެ. ކުދިން ސްކޫލަށް ވެއްދުމާއި ފޮތްފަންސުރު ހަމަކުރުމާއި ޔުނީފޯމުތައް ހޯދުން އޭނާ އަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ސްކޫލު ފެށި ކަންކަން ހަމައަކަށް އެޅުމުން އަރީފް ތިން ހަފްތާ ފަހުން އަންނާނެ ކަމަށް ބުނެ ރިސޯޓަށް ދިއަ އެވެ.

ކޮންމެ ދުވަހެއް ވެސް ހަފީޒާ އަށް ވަނީ ފޫހި ދުވަހަކަށެވެ. މަންމަ މަތީން ވެސް ހަނދާން ވަނީ މާ ބޮޑަށެވެ. ރަށުގެ ހިތްގައިމު މާހައުލާއި އެކުވެރިންގެ މަތީން ވެސް ހަނދާން ވަނީ އެވެ. އަރީފް ނެތުމުން އޭނާ އަށް ލިބެމުންދިޔައީ ވަރަށްބޮޑު އެކަނިވެރި ކަމެކެވެ. ކުދިން ސްކޫލުގައި ގިނަވަގުތު ހޭދަކުރެއެވެ. ވީމާ އޭނާ އަށް ހުސްވަގުތު ލިބެއެވެ.

މި ހުސް ވަގުތުގައި އޭނާ ދާނީ ކޮންތާކަށް ހެއްޔެވެ؟ މިއީ ދަންނަ ރައްޓެއްސެއް ވެސް ހުރިތަނެއް ނޫނެވެ.

ހަވީރު ވަގުތުކަމުން އޭނާ ބޭރަށް ނިކުމެލި އެވެ. މި އުދާސްކަމުން ހިތަށް ތަސައްލީއެއް ލިބޭތޯ އެވެ. ގެ ކުއްޔަށް ދޭ އުމަރު ފެނުމާއެކު އޭނާ އަށް ހިނިތުން ވެލެވުނެވެ. މި ހިނިތުންވީ އެ ދެ މީހުންގެ ރަހުމަތްތެރިކަމުގެ ފެށުމަށެވެ. މަޑުމަޑުން އެ ދެ މީހުންގެ ރަހްމަތެރިކަން މާ ގާތް ގުޅުމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. ހީވަނީ އެކަކު އަނެކަކާ ނުލާ މިހާރު ނޭވާ ވެސް ނުލެވޭނެ ހެންނެވެ. ހުސްވަގުތެއް ވުމުން އުމަރުގެ ކޮޮޓަރީގައި ހަފިޒާ ވަގުތު ހޭދަކުރެ އެވެ. ހަފީޒާ މަސައްކަތުގައި މަސްޣޫލުވެގެން އުޅޭ ނަމަ އުމަރު އެ ގޭގައި ވަގުތު ހޭދަކުރެއެވެ. ކޮންމެ ނަހަމަ ގުޅުމަކީ ވެސް އޭގެ ސަޒާ ފެންނާނޭ ކަމެއްކަމުން ހަފީޒާގެ ބަނޑުބޮޑުވުން ވީ އެ ދެ މީހުންނަށް ކުރިމަތިވި ބޮޑު މައްސަލައަކަށެވެ.

"ކޯކަށް ޑެސްޕަރޯލް އަޅައިގެން ހުސްގޮހޮރާ ބޮނިކޮށް ތިކަން ނިމިދާނެ،" ހަފީޒާ ބިރުން އުޅޭތީ އުމަރު ބުންޏެވެ.

"އަހަރެން ބިރުގަންނަނީ އަރީފަށް އެއީ އޭނާގެ ކުއްޖެއް ނޫންކަން އެނގިދާނެތީ،" ހަފީޒާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފަ އެވެ.

ހަފީޒާގެ ކަންބޮޑުވުން ދަނީ އިތުރު ވަމުންނެވެ. އޭނާއަކަށް ނިދެނީކީ ވެސް ނޫނެވެ. އަރީފް އަންނަން ބާކީ އޮތީ ދެ ހަފްތާ އެވެ. ކުރި ވައްކަން ފަޅާއަރައިފި ނަމަ އޭނާ ރަށަށް ފޮނުވާލާނެކަން ހަފީޒާ އަށް އެނގެއެވެ.

ވީމާ ފުރަތަމަ ވެސް އޮތް ހައްލައިގެން އޭނާ ކުރިއަށް ދިިޔައެވެ. ކޯކަށް ޑެސްޕަރޯލް އަޅައިގެން ކޮންމެ ދުވަހަކު ހެނދުނު އޭނާ އެ ބޮޔެވެ. އެ ނޫނަސް ދިވެހިން އެކަމަށް ކިޔާއުޅޭ ހުރިހާ ކަމެއް އޭނާ ކުރަމުން ދިޔަ އެވެ.

"އެއްވެސް ނަތީޖާއެއް ނުނިކުތް. ދެން ހަދާނީ ކިހިނެއް؟" ހަފީޒާ މިހެން ބުނީ އުމަރު މިކަމާ އަޅާނުލާތީ ޝަކުވާ ކުރަމުންގޮހެވެ.

"އަޅާނުލަނީކީ ނޫން. ދެން އޮތްގޮތަކީ އެހާ ރައްކާތެރި ގޮތެއް ނޫން. އެކަމަކު ހަފީ އަށް އެއީ މައްސަލައަކަށް ނުވަންޏާ އަހަރެން އެކަން ކޮށްފާނަން. މިރޭ ދަންވަރަށް ތައްޔާރުވެގެން ހުރޭ." އުމަރު ބުންޏެވެ.

އިރުއޮއްސުނީއްސުރެ ހަފީޒާ ހުންނަނީ ކަންބޮޑުވެފަ އެވެ. އުމަރު ކުރަން އެ އުޅޭކަމެއް އެއްގޮތަކަށް ވެސް ނުބުނެއެވެ. ނަމަވެސް އެނޫން ގޮތެއް މި ވަގުތަކަށް ނެތެވެ. އަރީފް އަންނަން ބާކީ އޮތީ އެންމެ ހަފްތާއެކެވެ. ހަށިގަނޑުގައި ހުރި އަސަރުތައް ވެސް ހަފްތާއެއްގެ ތެރޭގައި ނުފިލާނެކަން އޭނާ އަށް ޔަގީންވެ އެވެ.

އުމަރު އަންނަންދެން އޭނާ ދެ ފައި އެއްތާކު ނުޖަހައެވެ. އެ ކުޑަކޮޓަރީގައި ހިނގާލަ ހިނގާލަ ހުރެވެނީ އެވެ. ހާސްވުމާއި ކަންބޮޑުވުމުން އޭނާގެ ނަފުސުގެ ހަމަޖެހުން ވަނީ ގެއްލިފަ އެވެ. އާޚިރަތުގެ ގިންޏަށްވުރެ ދުނިޔޭގެ ލަދު ބޮޑޭ މީހުން ބުނާ ބަސް އޭނާއަށް މިހާރު އިހުސާސްވެއެވެ.

ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖަހާލި އެވެ. އެ ޓަކީގެ އަޑަކީ އޭނާ އަށް ނުހަނު ފަރިތަ އަޑެކެވެ. ހަފީޒާ ދުވެފާ ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލި އެވެ. ކުރިމަތީގައި ހުރީ އުމަރެވެ. އޭނާގެ ގާތުގައި ހުރީ ބޭރު އަންހެނެކެވެ. އެއީ ޑޮކްޓަރެއްކަން އޭނާ އަށް ޔަގީންވީ އެތެރެ އަށް ވަދެ ޑޮކްޓަރުގެ ކުޑަ ބުރީފްކޭސް ހުޅުވާލުމުންނެވެ.

"މިއީ މިހާރު ރާއްޖޭގައިހުރި އެންމެ މަޝްހޫރު އަންހެނުންގެ ޑޮކްޓަރޭ ބުންޏަސް ދޮގަކަށްނުވާނެ. ވަރަށް އުނދަގުލުން އޭނާ އެއްބަސްވީ. ވަރަށްބޮޑު އަގެއް ވެސް ދައްކަން ޖެހުނު." އުމަރު ބުންޏެވެ.

ޑޮކްޓަރު ބުނި ހުރިހާގޮތަކަށް ހަދަން ހަފީޒާ އެއްބަސްވި އެވެ. ޑޮކްޓަރު އޭނާގެ ގަޔަށް ޖެހީ އެންމެ އިންޖެކްޝަނެކެވެ. ފަސްމިނިޓުތެރޭގައި ޑޮކްޓަރު ނިކުމެގެން ދިޔައީ މީގެ ސަބަބުން އެތެރެ ހަށީގައި ވައި ހެދިދާނެ ކަމަށް އިންޒާރު ދީފަ އެވެ. އަދި އެހެންވެއްޖެ ނަމަ ހޮޑުލުން ނުވަތަ ބޮޑުކަމުދިއުން ފަދަ ކަމެއް ކުރުމުން ރަނގަޅުވާނެ ކަމަށް ބުންޏެވެ. އިތުރު އުނދަގުލެއް އުޅޭނަމަ ބޭސް ފޮނުވާނެ ވާހަކަ ވެސް ބުންޏެވެ.

ހަފީޒާ އަށް ފުން ނޭވާއެއްލެވުނެވެ. އޭނާގެ އަބަދުވެސް ވިސްނަމުންދިޔަ ބިރުވެރިކަން ފިލައިގެން ދާކަށް މާގިނައިރެއް ނުވާނެކަން ޔަގީންވުމުން އުފާވި އެވެ. އޭނާ ނިދަން އޮށޯތީ މާދަމާ ލިބޭނެ ނަތީޖާގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. މި ހުރިހާ އުނދަގުލަކުން މާދަމާ އޭނާ މިނިވަންވާނެކަން އެނގޭތީ އެވެ. އަދި އަރީފް އައުމުން އޭނާއަށް ހަމަ އާދައިގެ ދިރިއުޅުމެއް ފެންނާނެކަން ޔަގީން ކުރެވޭތީ އެވެ.

ފަތިހުގެ ހިމޭން ވަގުތެވެ. ގޭތެރެއަށް ވަނީ އާދަޔާޚިލާފު ހިމޭންކަމެއް ވެރިވެފަ އެވެ. ކުއްލިއަކަށް ހަފީޒާ އަށް ހޭލެވުނީ މޭދަށަށް ތަދެއް އަރައިގެންނެވެ. އޭނާއަށް ނޭވާލާން ވެސް އުނދަގުލެވެ. މިއީ ޑޮކްޓަރު ބުނުއްވި ވައިގަނޑުގެ އުނދަގޫކަން އެނގުމުން އޭނާއަކަށް މާބޮޑު ކަމަކަށް ނުވިއެވެ. ފެންތައްޓެއް ނަގާ ބޯލުމަށްފަހު އަނެއްކާ ވެސް އޭނާ އޮށޯތެވެ. ނަމަވެސް ވެފައިހުރި އުނދަގުލުން އޭނާއަކަށް އޮށޯވެގެން ނޯވެވުނެވެ. އޭނާ ވަރަށް އުނދަގުލުން ތެދުވިއެވެ. އެ ކުޑަކުޑަ ސިޓިންރޫމުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

ހަފީޒާ ފާޚާނާގެ ދޮރު ހުޅުވާލިއެވެ. ފާޚާނާ އަށް ދެވޭތޯ އެތައްއިރަކު ތަށިމަތީގައި އިނެވެ. ނަމަވެސް އެތައް އިރެއްވީއިރުވެސް އެކަމެއް ނުވިއެވެ. ދެން ތެދުވެ އަނގަތެރެއަށް އަތްކޮށްޕައި ހަދައިގެން ވެސް ހޮޑުލެވޭތޯ ބެލިއެވެ. އެކަމެއް ވެސް ނުވިއެވެ. އޭނާ ވަރަށް އުނދަގުލުން ތަންތާންގައި ހިފަހައްޓައިގެން ހުރެ ފާޚާނާއިން ނިކުމެ ދޮށީ ކުއްޖާ އަށް ގޮވިއެވެ. އަދި ބަލިވެ އުޅޭކަމަށާއި ވީހާ ވެސް އަވަހަކަށް އުމަރު ގެންނަން އެދުނެވެ.

"އަހަރެންނަށް ވަރަށް އުނދަގޫވޭ. ހީވަނީ އެތެރެހަށި ވިރެނީހެން. ޑޮކްޓަރަށް ގުޅާ،" ހަފީޒާ ވަރަށް އުނދަގުލުން ވާހަކަ ދެއްކީ އުމަރާ އެވެ. އުމަރު ދުވެފައި ތިރިއަށް ފޭބި އެވެ. އަދި އެންމެކައިރީގައި ހުރި ފޯނުބޫތަށް ގޮސް ޑޮކްޓަރުގެ ގޭގެ ނަންބަރަށް ގުޅި އެވެ. އޭނާ އެތައްފަހަރަކު ގުޅިއިރު ވެސް ޑޮކްޓަރު ފޯނެއް ނުނަގަ އެވެ.

އުމަރަށް އާދެވުނުއިރު ހަފީޒާ ރޯމަހެއް ތެޅޭހެން ތެޅެނީ އެވެ. ޑޮކްޓަރަށް ގުޅާގުޅާ ޚަބަރެއް ނުވާ ކަމަށާއި އިރުކޮޅަކުން އަދި ގުޅަން ދާނީ ކަމުގައި ބުންޏެވެ. އުމަރު ލުނބޯހުތު ފަނިތައްޓެއް ގިރާފައި ހަފީޒާ އަށް ދިނެވެ. އޭނާ ވަރަށް އުނދަގުލުން އެ ފަނިތަށި ބޯލި އެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް ކުޑަ ވެސް ލުޔެއް ނުލިބުނެވެ. ކޮޅަށް ހުންނާނެ ހިތްވަރު ނެތިގެން އޭނާ ގޮނޑިއެއްގައި އިށީނެވެ. އިންނަނީ އެއްކަށިއަރާފައި އިންނަ ބުދެއް ހެންނެވެ. ބައެއްފަހަރު އޭނާގެ މޭގައި ބާރުބާރަށް އަތްކާތަމުން ފިރުމަމުން ލިބެމުންދާ ވޭނަށް ލުޔެއް ލިބޭތޯ ބަލަމުން ދިޔައެވެ.

"އަހަންނަށް ހީވަނީ މޭގަނޑު ވިރޭހެން. އެތެރެހަށީގައި ފާޑެއްގެ ދިލައެއް ހުންނަނީ. އަނެއްކާ އަހަރެން ގިރުވާލަން ބޭނުންވި އެތީގެ ބަދަލުގައި އަހަރެންގެ އެތެރެހަށި ގިރެނީތަ؟" އޭނާ ނުހަނު އުނދަގުލުން ބުންޏެވެ.

އުމަރު އަނެއްކާ ވެސް ޑޮކްޓަރަށް ގުޅޭތޯ ދިޔަ އެވެ. އޭރު ގަޑިން 7 ޖަހައިފި އެވެ. މާލޭގެ މަގުތަކުގައި މީހުން މަދެވެ. މިފަހަރު ވެސް އޭނާގެ މަސައްކަތް ވީ ނާކާމިޔާބެ އެވެ. ޑޮކްޓަރު ފޯނެއް ނުނަގަ އެވެ.

އުމަރަށް އެ ގެއަށް ދާން އެނގޭ ނަމަ އެ ގެއަށް ވެސް ދިޔައީހެވެ. ކުލިނިކު ވެސް ހުޅުވާނީ ނުވައެއް ޖެހީމާކަން އޭނާއަށް އެނގެއެވެ. އުމަރު އަނެއްކާ ވެސް ދުވެފައި ގެޔަށް ދިޔައެވެ. އެތެރެއަށް ވަދެ ބަލާލިއިރު ހަފީޒާގެ ހާލު ކުރިއަށް ވުރެ ގޯހެވެ. އޭނާގެ މުޅިގައިން ދާހިއްލަނީ އެވެ. ދެލޯވަނީ ރަތްވެފަ އެވެ. ހީވަނީ ލޮލަށް ލޭ އަރާފައިވާހެންނެވެ.

"އަހަރެންނަކަށް... ދެން... މާގިނަ ވަގުތެއް... ނެތްކަންނޭނގެ." ހަފީޒާ ދޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. އޭނާގެ އެތެރެ ހަށީގައި އަޅާވޭނަށް ކެތްކުރެވޭނެ ހިތްވަރެއް މިހާރަކު އޭނާގެ ނެތެވެ.

"އަހަރެން ޑޮކްޓަރު ބަލާ ދާނަން. ދެން މާގިނަ ވަގުތެއް ނެތް ނުވައެއް ޖަހާކަށް." އުމަރު އުޅުނީ ހަފީޒާ ހަމަޔަކަށް އެޅުވޭތޯ އެވެ.

"އަހަރެން މަރުވިކަމުގައި ވިޔަސް އަހަރެންގެ މި ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިދޭތި. މިއީ އަހަރެން ކުރާ ވަސިއްޔަތެއް،" ހަފީޒާ ލޯމެރެމުން ދިޔަ އެވެ. އޭރު ވެސް އޭނާއިނީ ޖެހި ބުދެއްހެން ގޮނޑީގައި އިށީނދެގެންނެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ. މި ސިއްރަކީ އަހަރެންނާ އެކު ކަށްވަޅަށް ދާނެ ސިއްރެއް،" އުމަރުގެ ލޮލުން ވެސް ކަރުނަ އަންނަމުން ދެއެވެ.

ހަފީޒާ ހިމޭންވެއްޖެ އެވެ. އޭނާ އިނީ ކަޅިޖަހާނުލާ އުމަރަށް ބަލާށެވެ. ނޫނީ އޭނާގެ ކަޅި ހުއްޓުނީ އެވެ. އުމަރު ބިރުގެންފައި ހުރިވަރުން ހަދާނެ ގޮތެއް ނޭނގުނެވެ. ބާރުބާރަށް ހިނގަމުން އެތަނުން ނިކުތީ އެވެ.

އުމަރު އަނެއްކާ ވެސް ޑޮކްޓަރު ހޯދަން ދުއްވައިގަތެވެ. އޭނާ ކުލިނިކުގެ ދޮރުމަތީގައި ޑޮކްޓަރު އަންނަންދެން ހުއްޓެވެ. ދިމާވެގެން އުޅޭ މައްސަލަ ކިޔައިދިނުމުން ޑޮކްޓަރު ވެސް އަވަސްވެގަތީ ހަފީޒާ ގާތަށް ދިއުމަށެވެ.

އެ މީހުންނަށް ވަދެވުނުއިރު ހަފީޒާ އިނީ ހަމަ އެ ގޮނޑީގަ އެވެ. ކަޅި ހުއްޓިފަ އެވެ. ހަރަކާތް ވެސް ހުއްޓިފަ އެވެ. އެންމެފަހުން ނޭވާ ވެސް ހުއްޓިފަ އެވެ. ޑޮކްޓަރު އޭނާގެ ވިންދު ހުރިތޯ ބަލާލި އެވެ.

"އޭނާގެ ފުރާނައެއް ނެތް." ޑޮކްޓަރު ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

ޑޮކްޓަރާއި އުމަރާ ވެގެން ހަފީޒާ ގޮނޑިން ނަގާ އެނދުގައި ބޭއްވި އެވެ. ކުއްލިއަކަށް އޭނާގެ އަނގައިން ލޭ އަންނަން ފެށި އެވެ. މާގިނައިން ލޭ އަންނާތީ ފާޚާނާގައި ހުރި ބާލިދީ ގެނެސް ހަފީޒާގެ އަނގަޔާ ދިމާވާނެހެން އެނދުގެ އަރިއަށް ވާގޮތަށް އެނދުގެ މަގަތުގައި ހަފީޒާ ބޭއްވި އެވެ. ހަމަ ކުއްލިއަކަށް ގަނޑުލޭތަކާ އެކު އޭނާގެ އަނގައިން ލޭ ފޫންޏެއް އައިކަހަލަ އެވެ. މިފަދަ ބިރުވެރި މަންޒަރެއް އުމަރު ދުވަހަކު ވެސް ނުދެކެއެވެ.

"އޭނާގެ ފުއްޕާމޭ ގިރިގެން ދިޔައީ. އެ ޖެހި އިންޖެކްޝަނުގެ ސަބަބުން ވައިހެދޭނެ. އޭނާ އަށް ހޮޑުނުލެވި ފާހާނާ އަށް ނުދެވުމުން ފުއްޕާމޭ ޗިސްޗިސްވީ،" ޑޮކްޓަރު ދެރަވެލާފައި ބުންޏެވެ.

"ޑޮކްޓަރު ވަޔަށް ބޭހެއް ދޭނަމޭ ބުނެ ނުބުނެދީ ދިޔައީ." އުމަރަށް ޝަކުވާ ކުރެވުނެވެ.

"ދެން ކުރެވޭނެ ކަމެއް ނެތް. މި ވާހަކަ މީހެއްގާތު ބުނެފި ނަމަ އަހަރެމެން ދެ މީހުން ވެސް ކުށްވެރިވާނެ." ޑޮކްޓަރު ބުންޏެވެ.

އުމަރުވެސް ޑޮކްޓަރުގެ ވާހަކަ އަށް އެއްބަސްވެ އިސްޖަހާލި އެވެ. އޭނާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލި އެވެ.

އެންމެގާތް ރަހުމަތްތެރިޔާ އޭނާގެ ފާފައިގެ ސަބަބުން ދުނިޔެ ދޫކުރި މަންޒަރު ބަލަން އޭނާއަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އެންމެގާތް ރަހުމަތްތެރިޔާ އޭނާ އަށް އިތުބާރުކޮށްފައި އަނބިމީހާއާއި ދަރިންކޮޅު ބަލަން ހަވާލުކުރުމުން ވެވުނު ބޭވަފާތެރިކަމުގެ ހިތިރަހަ އޭނާގެ ކަރުބުޑުގައި ރަނގަޅަށް ވެސް ލައިފި އެވެ.

މާގިނައިރުތަކެއް ނުވެ ހަފިޒާ އައިޖީއެމްއެޗް އަށް ގެންދެވުނެވެ. އޭރު އޭނާގެ އަނގައިން ލޭއަންނަމުންދާއިރު އޭނާގެ ހަށިގަނޑު ދިޔައީ ދުޅަވަމުންނެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ ނޫފައިގެންފަ އެވެ. ހޮސްޕިޓަލުގެ އިމަޖެންސީބަޔަށް އޭނާ ގެނައިއިރު ވެސް މަރުވެފައި ވާކަމަށް ނިންމާ އެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން ސިފައިންނަށް ރިޕޯޓް ކުރިއެވެ. ސިފައިން އައިސް ހަފީޒާގެ ހަށިގަނޑު ބަލާ ހެދި އެވެ. އަދި ސަހަރާ އަށް ގެންދިއުމުގެ ކުރީން އެ ގެއަށް ގޮސް ތަހުގީގު ކުރިއެވެ. ފެންނަން ހުރީ ހަމައެކަނި އޭނާ ބޮއި ހުސްކޮށްފައިވާ ލުނބޯހުތު ފަނިތައްޓެވެ. އަދި ލުނބޯ ފެޅި ވަޅި އެވެ. އެ ސާމާނު ފުލުންގެ ތަހުގީގަށް ގެންދިޔަ އެވެ. ރިސޯޓުގައި ހުރި އޭނާގެ ފިރިމީހާ އަށް އާދެވުނީ މި ހުރިހާ ކަމެއް ނިމުނު ފަހުންނެވެ.

ހަފީޒާ ސަހަރާ އަށް ގެންދިޔައިރު ވެސް އޭނާގެ ހަށިގަނޑު ފުފެމުން ދެ އެވެ. ހިނަވާހެދިއިރު އޭނާގެ އަސްލު ހަށިގަނޑަށްވުރެ ދެގުނަ ބޮޑެވެ. އަސްރުނަމާދަށް ފަހު ކަށުނަމާދު ކުރަން ހަމަޖެހިފައިވާތީ އޭނާ ލާން އުޅުނު ސަންދޯކަށް އެ ހަށިގަނޑު ބޮޑުކަމުން ނުލެވުނެވެ. އެހެންކަމުން އަނެއްކާ އަލުން ބޮޑު ސަންދޯކެއް ހޯދަންޖެހުނެވެ. ނޫފާގެންފައިވާ އެ ހަށިގަނޑުގައި މިހާރު ވަނީ ކަޅުކުލަ އެވެ. ވީމާ އަސުރު ނަމާދަށް ފަހު ކުރަންއޮތް ކަށުނަމާދު އަވަސް ކޮށްލާފައި ހަފީޒާ ވަޅުލީ އެވެ. އޭނާ ބޭނުންވި ގޮތަށް އޭނާގެ ސިއްރާ އެކުގަ އެވެ.

އަރީފު ހުރީ ލިބުނު ޝޮކުގައި ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ސިއްހަތު ރަނގަޅު އެހާމެ އުފާވެރި އޭނާގެ ލޯބިވާ އަނބިމީހާ އަދި ކުދިންގެ މަންމަ މި ދުނިޔެއާ ވަކިވި އާދަޔާހިލާފު ގޮތުންނެވެ. ކުޑަކުޑަ އަދި ލޯބިލޯބި މައުސޫމް ތިން ކުދިން ޔަތީމް ވީއެވެ. ކިޔެވުމަށްޓަކައި އެކުދިން ކުރި އުންމީދުގެ ހުޅުކޮޅު ނިވާލާ އެނބުރި މަންމަފަރާތުގެ މާމަގާތަށް ރަށަށް ދިޔައީ އެވެ.

"އޭރު ވެސް ބުނިން އަޅާލާނެ ޔާރެއް އިޔާރެއް ނެތްތާކަށް އެކަނި އުޅޭކަށް މާލެއަށް ބަދަލު ނުވާށޭ. ބަސް ގަބޫލުނުކޮށް ދިޔަފަހުން އަދި އަހަރެއް ވެސް ނުވޭ." ހަފީޒާގެ މަންމަ ރޮމުން ދިޔައެވެ. އަދި އެ ތިންކުދިން އޭނާގެ ގަޔާލައި، ބޮނޑިކޮށްލި އެވެ.

އުމަރު ދުރުގައި ބަލަން ހުއްޓެވެ. އޭނާގެ ބަސްވަނީ ހުއްޓިފަ އެވެ. ސަހަރާއިން އެންމެން ދިއުމުން އޭނާ ވެސް ނިކުމެގެން ދިޔައީ އެވެ. ނިދަން އުޅެއުޅެ އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. ދެ ލޯ މަރާލާއިރަށް އޭނާ އަށް ފެންނަނީ ކަޅި ހުއްޓިފައިވާ ހަފީޒާގެ މޫނެވެ. އަނގައިން ހޯސްލާފައި އަންނަމުން ދިޔަ ލޭތަކެވެ. ކަޅުއަރާ ފުފިފައިވާ އޭނާގެ ބިޔަ ހަށިގަނޑެވެ. އުމަރުގެ ފާފައިގެ ބޮޑުކަމުން އޭނާ އަށް ދުނިޔެމަތީގައި ވެސް އަޒާބު ލިބެނީ ކަމަށް ގަބޫލުކުރި އެވެ. ހަފްތާއެއްވާންދެން ނުނިދާ ހުރުމުގެ ސަބަބުން އޭނާގެ ބުއްދި ގޯސްވި އެވެ. ނަމަވެސް އޭނާގެ އަނގައިން އެ ސިއްރު ފާޅެއް ނުވިއެވެ.

ހަފީޒާގެ މަރުގެ ސިއްރު އެނގޭނެ މީހަކީ ހަމައެކަނި ޑޮކްޓަރެވެ. ޑޮކްޓަރު ވެސް މި ސިއްރު ކަށްވަޅަށް ދާންދެން ސިއްރު ކުރާނެ އެވެ. އޭނާ ވަނީ މިފަދަ އެތައް ކަމެއް ދެކި ތަޖުރިބާ ކޮށްފަ އެވެ. އެހެންވެ މިއީ ޑޮކްޓަރަށް ބޮޑު ކަމެއް ނޫނެވެ. ރާއްޖޭން އޭނާ އަށް ލިބޭ ފައިސާ މަދެއް ނޫނެވެ.

ނިމުނީ