21 މާޗް 2023 - 23:19

ގްރޫޕް ހަދައިގެން މާރަމާރީ ހިންގުމަށް ފަހު މަހެއް ވަންދެން ފިލައިގެން އުޅުނު މީހަކު މިއަދު އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހު 15ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25، އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހޯދަން އިއުލާންކުރީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
ފުލުހުން މިރޭ ބުނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރަމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ފައިހް މިރޭ އަމިއްލަ އަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޯދަން މިއަދު މާލޭގައި އޮޕަރޭޝަނެއް ހިންގި އެވެ.
މަހެއްހާ ދުވަހު ފައިހް ނުފެނުނީ ގްރޫޕެއްގެ އިސް ބަޔަކު އޭނާ ފޮރުވައިގެން އުޅުމުން ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ އިރު ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.