23 މާޗް 2023 - 07:41

ވިއްސާރަ، ބަނަ ދުވަހެކެވެ. ހެނދުނު ވެހެންފެށި ވާރޭ ހަވީރު ވީއިރު ވެސް ހުއްޓައެއް ނުލައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުކައިރިން ލާފައި ފަރީން ދިޔައީ ކޮންމެހެން ވެސް ކޭކެއް ގަންނަން ޖެހޭތީ އެވެ. ކޯޓު ލައިގެން ނުތެމޭނެހެން ގަދަ ވާރޭގައި އޭނާ ދުއްވަމުން ދިޔައިރު ކުއްލިއަކަށް ހުއްޓެވުނީ މާބަނޑު އަންހެނަކު ފިހާރައެއްގެ އަސްކަނިދޮށުގެ ނިވަލުގައި ވާރޭއިން ސަލާމަތްވާން ހުރުމުންނެވެ.
ކޭކު ގަނެގެން ފޭސް ޓޫ ގައި ހުރި އޭނާގެ ކޮއްކޮއާ ކޭކު ހަވާލުކޮށްފައި އައިިއިރު ވެސް އެ އަންހެންމީހާ އެތާ ހުއްޓެވެ. ފުރަތަމަ ފެނުނުއިރު ވެސް އެއީ ދަންނަ މީހެއްހެއްހެން އޭނާ އަށް ހީވި އެވެ. ނަމަވެސް މިފަހަރު ސައިކަލު މަޑުކޮށްލާފައި ރަނގަޅަށް ބަލާލުމުން އެއީ އޭނާއާ އެއްއޮފީހެއްގައި މަސައްކަތްކުރި ކުއްޖެއްކަން އެނގުނެވެ.
"އައިޝާ. ކީއްވެ މިތާ؟" ފަރީން ސުވާލުކުރި އެވެ.
"ވަރިކޮށްލައިފަ ގެއިން ނެރެލީ. ދާނީ ވަކި ކޮންތާކަށް؟" ފަރީން ފެނުމުން އައިޝާގެ ބަޑިފަޅައިގެން ދިޔައެވެ.
ފަރީންއަކީ އަމިއްލަ އޮފީހެއް ހިންގާ މުރާލި އަންހެނެކެވެ. އޭނާގެ އަމިއްލަ އެޕާޓްމަންޓް ހުޅުމާލޭގައި ހުންނާތީ އައިޝާ އެ ގެއަށް ގެނައުމަކަށް އޭނާއަކަށް އެއްވެސް ހުރަހެއް ނެތެވެ. އައިޝާ އަށް އެހީވާން އޭނާ ނިންމީ ކުރިން ވެސް ދެ މީހުން އެކީގައި މަސައްކަތްކުރިއިރު އެއީ ހީވާގި، ކަމަށް ކަމޭހިތާ އަދި އަޚުލާގު ރަނގަޅު މީހަކަށް ވީތީ އެވެ.
ފަރީންގެ ގެސްޓްރޫމުގައި އެ ގޭގައި އުޅޭ ނޭޕާލް އަންހެންކުއްޖާއާ އެކު އައިޝާ އަށް ހުރެވޭނެ ގޮތް ހަމަޖައްސައިދިނެވެ. އެއީ މާބޮޑު ކޮޓަރިއެއް ނޫނަސް މި ވަގުތަށް މިގޮތް ރަނގަޅު ކަމަށް އައިޝާ ނިންމި އެވެ.
ހޫނު ފެނުން ފެންވަރާލައިގެން ތައްޔާރުވެލައި، ބޭރަށް ނިކުތްއިރު ފަރީން ހުރީ އައިޝާގެ އިންތިޒާރުގައި ސައި ހަދައިގެންނެވެ. ފަރީން ފެނުމާ އެކު އައިޝާ އޭނާ އަށް ޝުކުރު އަދާކުރިއެވެ. އައިޝާއާ މެދު ކަންތައްތައް ދިމާވި ހިތާމަވެރިގޮތް އޮޅުންފިލުވަން އޭނާ ހުރީ ވަރަށް ބޭނުން ވެފަ އެވެ.
އައިޝާ އޭނާގެ ހާލަތު ކިޔައިދިނެވެ. އެއީ 15 އަހަރު އެކީގައި އުޅުނު ކައިވެންޏެއް ރޫޅުނު ހިތާމަވެރި ވާހަކައެކެވެ. އައިޝާ ކައިވެނި ކުރީ އުމުރުން 17 އަހަރުގައި އޭނާ އެންމެ ލޯބިވި ޒުވާނާ މުއާޒުއާ އެެވެ.
މުއާޒަކީ އައިޝާއާ އެއްރަށެއްގެ ކުއްޖެކެވެ. މާލޭގައި ސަރުކާރު ވަޒީފާއެއް އަދާކުރާ މުއާޒަކީ ކުޑަކުޑަ މުސާރައަކަށް މަސައްކަތްކުރި، ދިރިއުޅުން ރަނގަޅުކުރަން މަސައްކަތްކުރާ ޒުވާނެކެވެ. މާލޭގައި ކުއްޔަށް އުޅެން ޖެހިފައިވުމާއި ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭތީ އައިޝާ ވެސް ވަޒީފާއަކަށް ވަނީ އެވެ. ކައިވެންޏަށް ހަތް އަހަރުވީއިރު ހަތަރު ކުދިން ލިބުނެވެ. ނަމަވެސް ވަޒީފާ ދޫކޮށްލުމުން އުޅެންޖެހޭނެ ދަތިކަން އިހުސާސް ކުރެވޭތީ އޭނާގެ ވަޒީފާގައި ދެމިހުއްޓެވެ. ކުދިންގެ ކަންކަން ބަލަމުން ގޭތެރޭގެ ހުރިހާ ކަމެއް ކުރީ އައިޝާ އެވެ.
އިރުގެ ފުރަތަމަ ދޯދި އުދަރެސްމަތިން ފާއްދާލަނީ އޭނާ ހޭލާ ހުއްޓަ އެވެ. މަޑުތަންމަތީގައި ފިރިމީހާޔާއި ދަރިން ނިދާފައި ތިބޭއިރު އޭނާ އުޅެނީ ބަދިގޭގެ ހޫނުގައި އެ މީހުންގެ ނާސްތާ ތައްޔާރު ކުރާށެވެ. އެ މީހުން ހޭލަންވާއިރަށް ޔުނީފޯމުތަކާއި މުއާޒުގެ ގަމީސް އިސްތިރިކޮށް އެ މީހުންނަށް ދަތިނުވާނެހެން ބަހައްޓަ އެވެ.
އެ މީހުން ގަޑިނުޖެހެނީސް ސްކޫލަށާއި އޮފީހަށް ފޮނުވުމަށް ފަހު ގިނަފަހަރަށް އައިޝާ އަށް އޮފީހަށް ދެވެނީ ހުސްބަނޑާ އެވެ. އަވަސްކުރަން ހަދައިގެން އިސްތިރިނުކޮށް ލެވެން އޮންނަ ކަހަލަ ހެދުމެއް ލައިގެން ދެވޭއިރު ހުންނަނީ ގަޑިޖެހިފަ އެވެ. އޮފީހުގައި ކުރަން ޖެހޭ މަސައްކަތަކީ ވަކި މީހަކަށްވީތީ ނުވަތަ ވަކިޖިންސަކަށް ވީތީ ތަފާތު ނުވާނެހެން ކުރަންޖެހޭ މަސައްކަތްތަކެވެ.
ދޭތެރެއަކުން ދަރިފުޅު ސްކޫލުން ނެރެން ދާންޖެހޭތީ ލިބޭ ބުރޭކަކީ އޭނާގެ އަމިއްލަ ކަމަކަށް ލިބޭ ހުސްވަގުތުކޮޅެއް ނޫނެވެ. ބައެއް އަންހެން ރައްޓެހީން އެގަޑީގައި މެންދުރު ކެއުމަކަށް ދާއިރު އޭނާވެސް ދާ ހިތް ވެއެވެ. ނަމަވެސް ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކަކީ އޭނާ އަށް ލިބޭ މިފަދަ ކުޑަކުޑަ އުފާ ވެސް ގުރުބާންކުރަންޖެހޭ ސަބަބެކެވެ. އޮފީސް ނިންމާފައި ގެއަށް އާދެވޭއިރު ގޭތެރޭގެ ކަންކަން ހުންނާނީ ދިޔައިރު ހުރި ގޮތަކަށް ނޫނެވެ. ކުދިން ބާލާފައި ހުންނަ އަންނައުނާ ކުޅޭ އެއްޗިހި ހުންނާނީ އެތަންމިތާނގަ އެވެ.
ކޭތަށިތަކުން ސިންކު ފުރިފައިވާއިރު މޭޒުމަތީގައި ވެސް ކާއެއްޗިއްސެވެ. އޭރު މުއާ ވަރުބަލިވެގެން އޮންނާނީ އަރާމުކުރަން ޖަައްސާލައިފަ އެވެ. އިތުރުގަޑީގައި ފައިސާ ހޯދުމަށް ރޭގަނޑު އޭނާގެ ރައްޓެއްސެއްގެ ފިހާރަކަށް ދާންޖެހޭތީ އެވެ.
ގޭތެރެ ސާފުކުރުމަށް ފަހު ކުދިންގެ ސްކޫލް ފިލާވަޅުތައް ޗެކުކޮށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކުދިންގެ އިންޓޯލަށާއި ގެއަށް ބޭނުންވާ ބާޒާރުކޮށް ނިމޭއިރު ހުންނަނީ 11 ޖަހައިފަ އެވެ. އާއިލާ ކުއްޖަކާއި ނުވަތަ ރައްޓެއްސަކާ ބައްދަލުކޮށްލާ ހަދާކަށް އޭނާއަކަށް ވަގުތެއް ނުވެއެވެ. އަމިއްލަ ނަފުސަށް އަޅާލާނެ ވަގުތެއް ނުލިބޭތީ އޭނާ މިހާރު ފެންނަނީ ވެސް ކުރިންހުރި ރީތި ކަމެއްގައެއް ނޫނެވެ. ލޯކައިރި ކަޅުވެ ހަށިގަނޑުގެ ބައްޓަމަށް ބޮޑު ބަދަލެއް އައިސްވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ވެސް ކުރެވެއެވެ.
އޮފީހުގައި އޮންނަ ޕާޓީތަކާއި ދަތުރުތަކަކީ އޭނާއަށް ދެވޭ ތަންތަނެއް ނޫނެވެ. ގޭތެރޭގެ ކަންކަން ހަމައަކަށް ނޭޅުވޭތީއެއް ނޫނެވެ. އެފަދަ ދަތުރެއް ލިބިއްޖެނަމަ ގޭގައި ހުރެދޭނެ ކޮއްކޮއެއް ވެސް އޭނާގެ ހުރެއެވެ. ރައްޓެހިކުދިންނާ އެކު އޭނާ ވެސް ބޭރަށް ނިކުމެލާ ހިތްވެއެވެ. އޮފީހުން ރާވާ ކަންކަމުގައި އޭނާ ބައިވެރި ނުވެވުމުން ދެރަވެއެވެ. އެއިން އެއްވެސް ކަމެއްގައި އޭނާއަށް ބައިވެރި ނުވެވެނީ މުއާގެ ހުއްދަ ނުލިބޭތީ އެވެ. އެހެންކަމުން ލިބެންޖެހޭ ޕްރޮމޯޝަންތައް ވެސް މާ ފަހުން އޮފީހަށް ވަން ކުދިންނަށް ލިބިގެން ދަނީ އެވެ.
ދިރިއުޅުނަކަސް ދިރިއުޅުމުގެ އުފަލެއް ނުލިބެ އެވެ. އަމިއްލަ ނަފުސަށް އަޅާލާނެ ވަގުތެއް ނުލިބެ އެވެ. އަރާމުކޮށްލާނެ ވަގުތެއް ނުލިބެ އެވެ. ހުންގަދަވެ ނުތެދުވޭ ވަރުވިޔަސް ކައްކައި ކާން ހެދުމާ ދޮވެ އިސްތިރިކުރުމާއި ފޮޅާ ސާފުކުރާނެ އިތުރު މީހެއްގެ އެހީތެރިކަމެއް ނުލިބެ އެވެ.
ނަމަވެސް މިކަންކަމުން އޭނާއަށް ތައުރީފުގެ ބަހެއް ނުވަތަ އަގުވަޒަންކުރުމުގެ ޖުމްލައެއް ވެސް ނުލިބެ އެވެ. އަބަދުވެސް އިވެނީ ނުވެ ހުރި ކަންކަމުގެ ވާހަކަ އެވެ. ގޭތެރޭގެ ކަމެއް ނުކުރެވި އަމިއްލަ ކަމެއްގައި އުޅެފި ނަމަ އެއީ ފަރުވާކުޑަމީހެކެވެ. ބަލިވެގެން ނުތެދުވެ އޮށޯވެލައިފި ނަމަ އެއީ ކަންނެތް މީހެކެވެ. އޮފީހުން އަންގައިގެން ކޮންމެހެން ވެސް ދާންޖެހުނު ދަތުރަށް އޭނާ ދެ ދުވަހަށް އަތޮޅުތެރޭގެ ރަށަކަށް ދިޔަ އެވެ. އެފަހަރު ހީވީ ގޭތެރޭގައި ހުޅު ރޯވިހެންނެވެ. ކުދިންގެ ކަންކަން ނުބަލަހައްޓާ މަޖާކުރަނީ ކަމަށް ބުނެއެވެ.
ކުދިންބެލުން އެއީ ހަމައެކަނި މަންމަގެ ޒިންމާއެއް ހެއްޔެވެ؟ ދެމަފިރިން އެކުގައި ވަޒީފާ އަށް ދާން ނިންމީ ދިރިއުޅުން ރަނގަޅުކުރާށެވެ. މުއާގެ މުސާރައިން ދެކޮޅު ނުޖެހޭތީ އައިޝާގެ ހަރަދުތައް ބަލަހައްޓަނީ އޭނާ އަމިއްލައަށެވެ. އައިޝާގެ މުސާރައިން ކުލީގެ ގޮތުގައި އެއްބައި ދެނީ މުއާ އަށް ވެސް ލުއިކޮށްދޭށެވެ. އެކަމަކު ފިރިމީހާގެ ޒިންމާ ކޮބައިހެއްޔެވެ؟ އަނބިމީހާ ފައިސާ ހޯދާތީ އޭނާ އަށް ހަރަދު ނުކުރުމަކީ އިންސާފު ހެއްޔެވެ؟ ނޯކަރުންނަށް ވެސް މުސާރަ ދެއެވެ. އެ މީހުންނަށް ހުކުރުދުވަސް ޗުއްޓީ ލިބެ އެވެ. އައިޝާ އަށް މިއިން އެއްވެސް ކަމެއް ހައްގު ނުވަނީ ހެއްޔެވެ؟ މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟
ހިތްވަރާ އެކު މަސައްކަތްކޮށްކޮށް އޭނާ ވަރުބަލިވެއްޖެ އެވެ. ސަރުކާރުތަކުން އިއުލާންކުރާ ފްލެޓްތަކަށް ކޮންމެފަހަރަކު މުއާގެ ނަމުގައި ފޯމުލައިދެނީ އޭނާ އެވެ. މުއާގެ ނަމުގައި ފޯމުލަނީ އޭނާ މާލޭގައި ގިނަދުވަސް ވެފައި ވާތީ އެވެ. އޭރުން އޭނާއަށް ގިނަ ޕޮއިންޓް ލިބޭނެތީ އެވެ. މިއީ ދެ މީހުން އެއްބަސްވި ގޮތެެވެ. ނަމަވެސް ފުލެޓް ލިބުމުގެ ނަސީބެއް އޭނާއަކަށް ނުލިބެ އެވެ. މިގޮތުގައި ދުވަސްތަކެއް ހޭދަވުމަށް ފަހު އޭނާގެ ނަސީބު ރަނގަޅުކަމުން ހުޅުމާލެއިން ފުލެޓް ލިބުނެވެ. އެއީ ގިނަދަރިންތަކެއް ލިބިފައިވުމާ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެ އާއިލާ އަށް ލިބުނު ފުލެޓެކެވެ.
ފްލެޓް ލިބި ދިރިއުޅުމުގެ ހާލަތު ބަދަލުވި އެވެ. ހުޅުމާލެ އަށް ބަދަލުވެ ގެ ކައިރި ސްކޫލަކަށް ކުދިން ބަދަލުކުރުމުން ވަރަށް ބޮޑުތަން ފަސޭހަވި އެވެ. އައިޝާ ވެސް ބައެއްފަހަރު ތިމާގެ މީހުންގެ ގޭގެ އަށް ޒިޔާރަތްކޮށް ހަދަ އެވެ. ދަރިންގެ ކުލާސްކުދިންގެ ބެލެނިވެރިންނާ އެކު ސްކޫލުގެ ހަރަކާތްތަކުގައި އުޅޭނެ ވަގުތުވި އެވެ. މުއާ އަށް ޕްރޮމޯޝަން ލިބި އޭނާގެ މުސާރަ ވެސް ބޮޑުވި އެވެ. ގޭތެރެއަކީ މީހުން ދިރިއުޅެވޭނެ ކަހަލަ ފަސޭހަ ތަނަކަށް ވިއެވެ.
ނަމަވެސް ދުވަސްކޮޅަކުން މުއާގެ މިޒާޖަށް ބަދަލު އަންނަން ފެށިއެވެ. އޭނާ ގެއަށް ކުރާ ހަރަދު މަދުވެއްޖެ އެވެ. އަބަދު މަސައްކަތުގައި އަވަދިނެތި އުޅެނީ ކަމަށް ބުނެ ގެއިންބޭރުގައި އުޅޭ ވަގުތު ގިނަވެއްޖެ އެވެ. ކޮންމެ ދުވަހަކު ޖިމަށް ދާން ފަށައިފި އެވެ. ބޮލުގައި ހުރި ނުރަތައް ކަޅުކުރަން ފަށައިފި އެވެ. އޭނާ އުޅޭގޮތުން ހީވަނީ އަނެއްކާ ވެސް ނޫކަށިފުރައިގެ ޒުވާނެއްހެންނެވެ.
"އައިޝާ ނުބަލަންތަ އޭނާ އަށް އެ ބަދަލު އައީ ކީއްވެތޯ؟" އެންމެފަހުން ފަރީނަށް ކެތްނުވެގެން އެހި އެވެ.
އައިޝާ އަނެއްކާ ވެސް ކަރުނަ ފޮހެލައި، ވާހަކަ ފެށިއެވެ. މުއާއަށް އައި ބަދަލަކީ ޕްރޮމޯޝަން ލިބި ޑިޕާޓްމަންޓްގެ ވެރިއަކަށް ވުމުން ގިނަ މީހުނަށް ވާގޮތެވެ. އަނބިމީހާގެ ގުރުބާނީން ދިރިއުޅުން ހަމައަކަށް އެޅި ތަނަވަސްކަން ލިބުމުން އެއަންނަ ބަދަލެވެ. އަނބިމީހާ މުސްކުޅިވީ އެވެ. އޭނާ އަށް މުސްކުޅިކަމުގެ ސިފަތައް އެހާ އަވަހަށް އައީ ކީއްވެތޯ އެ މީހުންނެއް ނުބަލައެވެ. އެއީ އޭނާގެ އަމިއްލަ ނަފްސާއި އެ ނަފްސަށް ބޭނުންވާނޭ އުފާ އާއިލާ އަށް ޓަކައި ގުރުބާންކުރީތީ ދޭ އިނާމެވެ. އޮފީހަށް އަލަށް ވަތް ޅަ އަންހެންކުއްޖަކާ އޭނާ ރައްޓެހިވީ އެވެ. އެ ކުއްޖާ އަށް ހަރަދުކުރަން ފެށީ އެވެ. ހެޔޮއެދޭ ގާތްމީހުން މުއާ އާއި އެ އަންހެންކުއްޖާ އެތަން މިތަނުން ފެންނަ.ވާހަކަ ކިޔައިދޭން ފެށި އެވެ. އެ ޝަކުވާ ކުރުމުން ފުރަތަމަ ކޮޅުގައި މުއާ އިންކާރުކުރި އެވެ. ނަމަވެސް ފުރަފުރައިގެން ތަންތަނަށް ދާން ފެށުމާއި ފާޅުގައި އެ އަންހެން ކުއްޖާ ގެންގުޅޭތަން ލޮލަށް ފެނުމުން ޒުވާބު ފެށުނީ އެވެ.
ކުށްވެރި ވަނީ އައިޝާ އެވެ. އުމުރަށް ވުރެ މުސްކުޅީ ކަމަށް ބުނެ އެވެ. ކުރީގެ އެ ހުރި ރީތިކަން ގެއްލުނީ ކަމަށް ބުނެ އެވެ. މުއާ އަށް މި ދިރިއުޅުމުން އުފަލެއް ނުލިބޭ ކަމަށް ބުނެ އެވެ.
މި ދިރިއުޅުމުން އައިޝާ އަށް ލިބުނީ ވަކި ކޮން އުފަލެއް ހެއްޔެވެ؟ އޭނާ ގޮވައިގެން ކޮފީތަކަށް ނުދިޔައީ ކީއްވެ ހެއްޔެވެ؟ އޭނާ ގޮވައިގެން އެންމެ ފަހަރަކު ވެސް ދަތުރު ނުދަނީ ކީއްވެ ހެއްޔެވެ؟ މާ ދުރުން އައި އަންހެންކުއްޖަކަށް އެ ހިދުމަތްތައް ލިބެންވީ އައިޝާ އޭނާގެ ދިރިއުޅުން ފަސޭހަ ކޮށްދިނީމާ ހެއްޔެވެ؟ ކައްކާ ކާންދީ ބަނޑުހައިކަން ފިލުވައި ދިނީމާ ހެއްޔެވެ؟ ދޮވެއިސްތިރިކޮށް ރީތި ސާފު ފޭރާންލެވޭނެ ފަސޭހަގޮތް ހޯދާ ދިނީމާ ހެއްޔެވެ؟ މުއާގެ ހިތުގައި ލޯބި ނެތް ނަމަވެސް ރަހުމުގެ ކުޑަ މިންވަރެއް ވެސް ނެތީ ހެއްޔެވެ؟
މުއާ އެ އަންހެންކުއްޖާއާ އިނދެގެން ގެއަށް އައި ދުވަހު އޭނާ ހުރީ ވަރަށް އުފަލުންނެވެ. އޭރު އައިޝާ އިންތިޒާރު ކުރަމުންދިޔައީ އޭނާގެ ފަސްވަނަ ކުއްޖާ އަށް ބަލިވެއިން ވާހަކަ ބުނާށެވެ. މުއާގެ ކަންތައްތައް އެހާ އަވަސް އަރުވާލާނެ ކަމަކަށް އައިޝާ ހިއެއް ނުކުރެއެވެ. ކައިވެނި ކުރުމުގެ ކުރިން އައިޝާ ވިސްނާނެ ގޮތެއް އަހާނެ ކަމަށް އޭނާ އަށް ކުށްހީ ކުރެވުނީ އެވެ. އައިޝާ މާބަނޑުވުމަކީ މުއާއަށް ލިބުނު އުފަލެއް ކަމުގައި ވިޔަސް ހަނގު އަނތްބަށް މިއީ އުނދަގޫ ކަމަކަށް ވިއެވެ. އޭނާ ދިޔައީ އައިޝާ އަށް ހަމަލާދޭނެ ވަގުތަކަށް ބަލަމުން ކަމެއް ޚުދު އައިޝާއަކަށް ވެސް ނޭނގެ އެވެ.
ދަނޑިވަޅުބަލާފައި އޭނާ މުއާއާ އެކު މުއާގެ ފުލެޓަށް ބަދަލުވި އެވެ. ތިން ފިރިހެން ކުދިންނަށް އެއް ކޮޓަރި ދީފައި ހަގު އަންހެންކުއްޖާ އާއި އައިޝާ އަނެއް ކޮޓަރިއަށެވެ. ދެންހުރި ކޮޓަރި ހަގު އަނތްބަށެވެ. ގޭތެރޭގައި ނުތަނަވަސްކަމާއި ހާސްކުރުވުން ނޫންކަމެއް އައިޝާއަކަށް ނުފެނުނެވެ. ދަތި ދިރިއުޅުމަކަށް ފަހު ތަނަވަސް ދިރިއުޅުމަކަށް ބަދަލުވެމުން ލިބެންވީ އުފަލެއް ނުލިބުނެވެ.
ހަގު އަނބިމީހާ ކުރަމުންދާ ކުދި އަނިޔާތަކަށް ކެތްކުރާނޭ ހިތްވަރެއް އައިޝާގެ ނެތެވެ. އުފެދުނު ކުޑަ ޚިޔާލު ތަފާތުވުމެއްގައި ދެވުުނު ރައްދެއް އެހާބޮޑު ޒުވާބަކަށް ބަދަލުވާނެ ކަމަކަށް އައިޝާ ހިއެއް ނުކުރެއެވެ. އެންމެ ފަހުން ކުށްވެރިވީ އޭނާ އެވެ. ވަރިކޮށްފައި ގެއިން ނިކުންނަން މަޖުބޫރުވީ އޭނާއަށެވެ. ނުހަނު ހިތްވަރުން ބަލާބޮޑުކުރި ކުދިންކޮޅު ވެސް އޭނާއަކަށް ނުލިބުނެވެ.
ކައިވެންޏެއް ރޫޅޭއިރު އަންހެންމީހާ އެހާ ނިކަމެތި ވަނީ ކީއްވެ ހެއްޔެވެ؟ ދެމަފިރިން އެކުގައި ލިބުނު ކުދިން ހިމަނައިގެން ލިބޭ ފުލެޓަކުން އެ ކައިވެނި ރޫޅުމުން އަނެއް ބައިވެރިޔާ ނިކުންނަން ޖެހެނީ ކީއްވެ ހެއްޔެވެ؟
ދުނިޔެއަކީ އެކަހަލަ ތަނެކެވެ. ގަދަމީހާ މޮޅުވީ އެވެ. ޖަންގަލީގައި ވެސް އޮންނަނީ އެ އުސޫލެވެ. ދޫނިގޮސް ފަނި ކަނީ އެއަށް އުދުހެވޭނެ ގާބިލް ކަމެއްނެތި ދޫނީގެ ތުންގަނޑާ ދެކޮޅަށް މަސައްކަތް ނުކުރެވޭތީ އެވެ. ހިޔަޅު އައިސް ދޫނި ކާލަނީ ހިޔަޅަށްވުރެ އެ ދޫނީގެ ނިކަމެތިކަމުންނެވެ. އެންމެ ފަހުން ސިންގާ އައިސް ހިޔަޅު ކާލައެވެ. އިންސާނުންގެ ތެރޭގައި ވެސް މިހާރު އޮތީ މި އުސޫލެއް ނޫން ހެއްޔެވެ؟ ބުއްދީގެ ނިއުމަތް ލިބުނު ކަމުގައި ވީނަމަވެސް އެ ބުއްދި އަށް ރަހުމާ ކުލުނުގެ އަސަރުތައް ވެރިނުވާތީ ނިކަމެތިމީހާގެ ދުވަސް ދުއްވާލަނީ އެވެ.
"އައިޝާ އަދި ބައްޔެއް ނުވޭ. ނިކަމެއްޗެއް ވެސް ނުވޭ. އެ ގޭގައި އައިޝާ އަށް އުޅެވެން ޖެހޭނެ،" ފަރީން ތެދުވެލާފައި ބުންޏެވެ.
ފަރީން އައިޝާ އަށް އެހީވީ ކޮއްކޮއަކަށް އެހީވާ ބީދައިންނެވެ. ކޯޓަށް މައްސަލަ ހުށަހަޅައި، ދާންޖެހޭ އެންމެހާ މުއައްސަސާތަކަށް ދިޔައީ އުޖޫރައަކާ ނުލައެވެ. އައިޝާ ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން އޭނާގެ ދަރިން އޭނާގެ ބެލުމުގެ ދަށަށް ގެނައެވެ. ނަމަވެސް ދިރިއުޅޭނެ ތަނެއް ނެތުމަކީ އޭނާ އަށް ދިމާވި އެންމެބޮޑު ގޮންޖެހުމެވެ. ދުވަސްތަކެއްވާންދެން އޭނާގެ ކުދިން ހިމަނައިގެން ސަރުކާރުން ދިން ފުލެޓްގައި އެއާ ގުޅުމެއް ނެތް މީހަކު ދިރިއުޅުމަކީ ހަމަޔާއި އިންސާފުން ބޭރުގައިވާ ކަމެއްކަން އެންމެން ވެސް ގަބޫލުކުރެއެވެ. ނަމަވެސް ހެދޭނެ ވަކިގޮތެއް ނެތެވެ. އެ މީހުން ނެރެވޭނެ އުސޫލެއް ވެސް ނެތެވެ. ފްލެޓް ލިބުނީ އައިޝާ އާއި ހަތަރު ކުދިން ހިމެނޭހެން ޕޮއިންޓް ލިބިގެންނެވެ. އެކަމަކު މިހާރު ދިރިއުޅެނީ އެއާ އެއްވެސް ގުޅުމެއްނެތް އަންހެނަކާއި އޭނާގެ ތިމާގެ މީހުންނެވެ.
އައިޝާ އާއި ފަރީންގެ މަސައްކަތުން އެތައް ބަޔަކަށް މި މައްސަލަ ދިމާވާކަން މީޑިޔާތަކަށް ފޯރިއެވެ. އެ މީހުން ސޯޝަލް މީޑިޔާގައި މިކަމަށް އަޑު އުފުލި އެވެ. ވަކި މީހެއްގެ އަމިއްލަ އެދުމަށްޓަކައި ފުލެޓްގެ ހައްގުވެރީން މަގުމަތިވެފައިވާކަން މީޑިޔާގައި ކިޔަން ފެށި އެވެ. މިއީ އައިޝާ އަށް ލިބުުނު ހިތްވަރަކަށް ވިއެވެ.
އެންމެފަހުން އައިޝާ ކުދިންކޮޅު ގޮވައިގެން ފުލެޓަށް ވަނެވެ. ދިރިއުޅުން ދެން ކުރިއަށް ގެންދެވެން އޮތީ އެތަނުގައި ކަމަށް އޭނާ މުއާއަށް އެންގިއެވެ. މީޑިޔާތަކުން އައި ޕްރެޝަރުގެ ސަބަބުން މުއާ ބޭނުންވީ ހަގު އަނބި އެހެންތަނަކަށް ބަދަލުކުރާށެވެ. ނަމަވެސް ހަގު އަނބި އެހެންތަނަކަށް ދިޔައީ މުއާގެ ދިރިއުޅުމުން ވަކިވެގެންނެވެ. އޭރު މުއާ ހުރީ މާލީގޮތުން މާ ތަނަވަސް ހާލަތެއްގައެއް ނޫނެވެ. ހަގު އަނބީގެ ޚަރަދުބޮޑު ދިރިއުޅުމުގެ ސަބަބުން އިނދަޖެހިފައެވެ.
މުއާއަށް މި ލިބުނު ހިތާމައިގައި ފްލެޓްގައި ހުރުމަށް ނިންމި އެވެ. ނަމަވެސް އައިޝާ އެ ފުރުސަތެއް އޭނާއަކަށް ދޭކަށް ބޭނުމެއް ނުވި އެވެ. ދެން ވެސް ހާލަތުބަދަލުވެ ރަނގަޅުގޮތް ވާއިރަށް އޭނާ އައިޝާ ދޫކޮށްލާނެ ކަމަށް ބުންޏެވެ. ނަމަވެސް ފުލެޓްގައި ދަރިންގާތުގައި ބައްޕައެއްގެ ހައިސިއްޔަތުން ހުރެވިދާނެ ކަމަށް ބުންޏެވެ.
ނަމަވެސް ދެން އައިޝާގެ ދިރިއުޅުމަކަށް މުއާއަކަށް ނާދެވޭނެ އެވެ. އޭނާ މިހާރު ރަހުމުނެތް ފިރިއެއްގެ ހިމާޔަތެއް ބޭނުމެއް ނޫނެވެ. ކުދިންނާއެކު އުޅެފައި ރައްޓެހިންނާ އެކު ބޭނުން ގަޑިއަކު ބައްދަލުކޮށްލަން މިހާރު އޭނާއަށް ދެވެއެވެ. އޭނާ ލާނެ ހެދުމާއި ދާނެތަނަކާއި ގެންގުޅޭނެ ރައްޓެހިން ކަނޑައަޅާނެ އެހެންމީހެއް ނެތުމުން އައިޝާ ހުންނަނީ މިހާރު އުފަލުންނެވެ. އޭނާގެ ސިކުނޑީގައި ނުތަނަވަސްކަމުގެ ބަރުދަން އެހާމެ ލުއިވެއްޖެ އެވެ.
މި ހުރިހާ ޝުކުރެއް އޭނާ އަދާކުރީ ފަރީންއަށެވެ. ފަރީންއަކީ އޭނާގެ ބަނަވެފައިވާ ހަޔާތް ރޯޝަންކޮށްދިން އެކުވެރިޔާ އެވެ. އެއީ ގެއްލިފައިވި ހިތްވަރު ހޯދައިދިން ދައްތައެއް ކަހަލަ މީހެކެވެ. މިކަހަލަ މީހުން ރާއްޖޭގައި މަދުވާނެ އެވެ.
ނިމުނީ