ކީޕަރަށް ހަމަލާ ދިން ސަޕޯޓަރަށް 40 އަހަރުގެ ސަސްޕެންޝަނެއް
ކީޕަރަށް ހަމަލާ ދިން ސަޕޯޓަރަށް 40 އަހަރުގެ ސަސްޕެންޝަނެއް

ސެވިއްޔާގެ ގޯލްކީޕަރު މާކޯ މިޓްރޮވިޗަށް ހަަމަލާ ދިން، ޕީއެސްވީ އެއިންދޯވަންގެ ސަޕޯޓަރަކު ސްޓޭޑިއަމަކަށް ނުވަދެވޭ ގޮތަށް 40 އަހަރަށް އެ ކްލަބުން ސަސްޕެންޑްކޮށްފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުން ސެވިއްޔާ 2-0 އިން ބަލިވި މެޗު ކުރިއަށް ދަނިކޮށް، ދަނޑަށް އަރައި އެ ޓީމުގެ ކީޕަރަށް ހަމަލާ ދިނީ އުމުރުން 20 އަހަރުގެ މީހެކެވެ.

އޭރު ވެސް އޭނާ ހުރީ 2026 ގެ ނިޔަލަށް ދަނޑަށް ނުވަދެގޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ދަނޑަށް ވަނީ އެހެން މީހެއްގެ ޓިކެޓުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލައިގައި އޭނާ ތިން މަހަށް ޖަލަށް ލާން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ކުރިއަށް އޮތް 40 އަހަރަށް ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކުރުމުގެ އިތުރުން، ސްޓޭޑިއަމް ސަރަހައްދަށް ދެ އަހަރު ވަންދެން ނުދެވޭ ގޮތަށް ވެސް ވަނީ އަދަބުދީފަ އެވެ.

ސަޕޯޓަރުގެ ހަމަލާ އިން ކީޕަރަށް އަނިޔާއެއް ނުވެ އެވެ. އަދި އޭނާ މެޗު ފުރިހަމަކުރި އެވެ.