ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު
ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު

ރާއްޖެ އާއި ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމަކަށް (ވަރަށް މަދު ގައުމަކަށް ފިޔަވައި)، މިއަދަކީ މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން، ދީނީ އަދި ސަގާފީ އާދަކާދައިގެ މަތިން، މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން، މިއަދުގެ އިރު އޮއްސުމާއެކު، އެ ގައުމުތަކުގައި އޮންނާނެ އެވެ.

ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު
ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު

ކީރިތި މާތް ނަބިއްޔާގެ ސުންނަތުން، އަދި ފަލަކީ ޢިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި، ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. އިރު ހަނދުގެ ދައުރާނާ އަށް ބިނާކޮށް ފަލަކީ ޢިލްމުން ކަށަވަރުވަނީ، ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ 29 ދުވަސް ކަމެވެ. އަދި އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމެވެ.

ހަނދު މަހެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ހުންނަނީ، އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ވެސް ފުރިހަމަވުމުންނެވެ. ނުވަތަ ފަލަކީ އިޞްޠިލާޙުގައި ކިޔާ ގޮތުން ނަމަ، އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އިރާއި ހަނދާއި ބިން، އިޤްތިރާން (ކޮންޖަންކްޝަން) ވެފައިވާ ނަމަ އެވެ. އެއީ 29 ދުވަހުގެ މައްސަރެކެވެ.

ހަނދު މަހެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދު ނުހުންނަނީ، އެ މައްސަރެއްގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން، ހަނދުގެ އުމުރުން 29 ދުވަސް ފުރިހަމަވެފައި ވިޔަސް، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދިޔަ ބުރު ފުރިހަމަ ނުވަތީއެވެ. ނުވަތަ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ނުވާތީ އެވެ. އެހެންކަމުން އެއީ 30 ދުވަހުގެ މައްސަރެކެވެ.

މި އުޞޫލުން ބަލާއިރު، މިއަދު (2023 މާރިޗު 21، އަންގާރަ)ގެ އިރު އޮއްސޭއިރު، ހިނގަމުން މިދާ ޝަޢުބާން މަހުގެ ހަނދުގެ ޢުމުރުން ހޭދަވެފައި ހުންނާނީ 29 ދުވަހާއި 6 ގަޑިއިރާއި 12 މިނެޓެވެ. އެއީ ފަލަކީ ހަމަތަކުގެ މަތިން މި ޝަޢުބާން މަސް ފެށިފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:05 ގައި ކަމަށްވާތީ، އެ ވަގުތުން ފެށިގެން ހަނދުގެ މުއްދަތު ގުނައިގެންނެވެ.

ނަމަވެސް، މިއަދުގެ އިރު އޮއްސޭ ވަގުތު، ބިމުގެ ވަށައިގެން ހަނދު ޖަހަމުން ދާ ބުރު ފުރިހަމަ ނުވެ، ހަތަރު ގަޑިއިރާއި ހަތަރު މިނެޓް ބާކީ ހުންނާނެ އެވެ. މީގެ މާނައަކީ، ހަނދުގެ ބުރު ފުރިހަމަވެ (ޝަޢުބާން މަސް ފުރިހަމަވެ)، ރަމަޟާން މަސް ފެށުމަށްޓަކައި، އައު ހަނދު އުފަންވާނީ (އިޤްތިރާން ވާނީ ނުވަތަ އިރާއި ހަނދާއި ބިން އެއްއުއި ވާނީ)، މާރިޗު 21، 2023ގެ ޖީއެމްޓީ ގަޑިން 17:23ގަ އެވެ. އެއީ ރާއްޖޭ ގަޑިން މިރޭގެ 10:23 އެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށާއި، އެންމެ ހުޅަނގުން ހދ. މަކުނުދުއަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 10 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ރާއްޖޭގެ އެންމެ އިރުމަތިން، ކ. ދިއްފުށްޓަށާއި، އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދުއަށް ވެސް މިއަދުގެ އިރު އޮއްސުމުގެ އަށް މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ވެރިރަށް މާލެއަށް، މިއަދުގެ އިރު އޮއްސުމުގެ ނުވަ މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މިހެންވުމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހުޅަނގު ފަރާތު އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެ އެވެ. މާނައަކީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނުމަކީ މުސްތަޙީލް ކަމެކެވެ. ހަމަލޮލަށް ވިޔަސް ނުވަތަ ދުރުމިއަކަށް ވިޔަސް، ހަނދެއް ނުފެންނާނެ އެވެ.

ދުނިޔޭގެ އިސްލާމީ ޤައުމުތަކަށް ބަލާއިރު، އެންމެ އިރުމަތީގައިވާ ބުރޫނާއީ އަށް، މިއަދުގެ އިރު އޮއްސުމުގެ 15 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ބުރުނާއީ އަށް އައު ހަނދު އުފަންވާނީ ބުރޫނާއީ ގަޑިން މިރޭ މެންދަމު 01:23ގަ އެވެ. އެހެންކަމުން ބުރޫނާއީއަށް ވެސް މިރޭ ހަނދެއް ނުފެންނާނެ އެވެ. ބުރޫނާއީއާ ކައިރީގައި އޮންނަ އިންޑޮނީޝިޔާއާއި މެލޭޝިޔާ އަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން ހަނދު އޮއްސޭތީ، އެއިން ގައުމަކަށް ވެސް މިރޭ ހަނދެއް ނުފެންނާނެ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ ނުވަ މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އައު ހަނދު އުފަންވާނީ، ސަޢޫދީ ގަޑިން މިރޭގެ އިރާކޮޅު 8:23ގަ އެވެ. މިސްރުގެ އެންމެ އުތުރުގައި އޮންނަ އިސްކަންދަރިއްޔާ އަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
އަދި މެދުއިރުމައްޗާއި ގަލްފުގެ ހުރިހާ ޤައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ 8-15 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެހެންކަމުން އެއިން އެއްވެސް ޤައުމަކަށްވެސް، މިރޭ ހަނދެއް ނުފެންނާނެ އެވެ.

ތުރުކީ ވިލާތުގެ އިސްތަންބޯލްއަށް މިއަދުގެ އިރު އޮއްސުމުގެ 14 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އައު ހަނދު އުފަންވާނީ ތުރުކީ ގަޑިން މިރޭގެ އިރާކޮޅު 8:23ގަ އެވެ. އެހެންކަމުން ތުރުކީ ވިލާތަށް ވެސް މިރޭ ހަނދެއް ނުފެންނާނެ އެވެ.

އެންމެ ހުޅަނގުގައިވާ އިސްލާމީ ޤައުމުތަކުގެ ތެރެއިން މަޣްރިބުގެ ވެރިރަށް ރަބާޠަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ހަތަރު މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އައު ހަނދު އުފަންވާނީ، މަޣްރިބު ގަޑިން މިއަދު ހަވީރު 05:23ގަ އެވެ.

ނަމަވެސް ރަބާޠަށް ވުރެ 11 ދަރަޖަ ހުޅަނގުގައި އަދި 19 ދަރަޖަ ދެކުނުގައި އޮންނަ ޑަކާރް (ސެނެގޯލް) އަށް، މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ދެ މިނެޓް ފަހުންނެވެ. އަދި އައު ހަނދު އުފަންވާއިރު، ސެނެގޯލް އަށް މިއަދުގެ އިރެއް ނުއޮއްސޭނެ އެވެ. އެހެންކަމުން، ފަލަކީ ގޮތުންނާއި ޝަރުޢީ ހަމަތަކުގެ މަތިން، މިއަދުގެ އިރު އޮއްސުމުގެ ކުރިން، ސެނަގޯލް އަށް ޝަޢުބާން މަސް ފުރިހަމަވެ، އިރު އޮއްސުމާއެކު ރަމަޟާން މަސް ފެށޭނެ އެވެ.

އެހެން ނަމަވެސް، ޑަކާރް އަށް އިރު އޮއްސޭ ވަގުތު، ހަނދު ހުންނަ މިސްރާބާއި އިރު ހުންނަ މިސްރާބަށް ބަލާއިރު، އިރާއި ހަނދާ ދެމެދުގައި ހުންނާނީ އެންމެ ތިން ދަރަޖައިގެ ދުރުމިނެވެ. އަދި ހަނދާއި އުދަރެހާ ދެމެދު ހުންނާނީ ބައި ދަރަޖައަށް ވުރެ ވެސް ކުޑަ މިންވަރެކެވެ. އެހެންކަމުން، އެ ވަގުތު ހަނދު ހުންނާނީ އިރުގެ ދަޅަގަނޑުގެ ތެރޭގައި ކަމަށްވާތީ، ސެނެގޯލްއަށް ވެސް، ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުޞަތެއް ނެތެވެ.

މި ހިސާބުތަކުން ކަށަވަރުވަނީ، ސެނެގޯލް ފިޔަވައި، އިސްލާމީ ހުރިހާ ގައުމަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ 4-15 މިނެޓް ކުރިން، ހަނދު އޮއްސޭ ކަމެވެ. އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭ ނަމަ، އެ ދުވަހެއްގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެ އެވެ. މާނައަކީ، މިއަހަރުގެ ރަމަޟާން މަހަށް މިރޭ ހަނދު ފެނުމުގެ އެއްވެސް ފުރުޞަތެއް، (ސެނެގޯލް ފިޔަވައި) ދުނިޔޭގެ އެއްވެސް އިސްލާމީ ޤައުމަކަށް ނެތެވެ.

އެހެންކަމުން 2023 މާރިޗު 22 ވާ ބުދަ ދުވަހަކީ، 1444 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 30 ވަނަ ދުވަހެވެ. އަދި 1444 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހަށް ވާނީ، 2023 މާރިޗް 23 ވާ ބުރާސްފަތި ދުވަހެވެ.