21 މާޗް 2023 - 09:27

މި މަހުގެ ކުރީކޮޅު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ބާވަތަކަށް ނުވާތީ އެ މީހުން ދޫކޮށްލައިފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ފޮރުވާފައި ހުރި ހަތަރު ކިލޯ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ އެއީ ހެރޮއިން ކަމަށް ބެލެވުނު ކަމުގައި ވިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ މަސްތުވާ އެހެން ބާވަތެކެވެ. އެއީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބަޔާންކުރާ މަސްތުވާތަކެތީގެ ލިސްޓުގައި ހިމެނޭ އެއްޗަކަށް ވިޔަސް ރާއްޖޭގައި އަމަލުކުރާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެ ބާވަތެއް ނުހިމެނެ އެވެ. ފުލުހުން ވަނީ މި ބާވަތް، މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނައުމަށް ކުރިން ވެސް އެދިފަ އެވެ.
ރާއްޖޭގެ ގާނޫނުގެ ދަށުން "މަސްތުވާތަކެތި" ކަމަށް ބެލެވޭނީ "މަނާކޮށްފައިވާ މަސްތުވާތަކެތި" އަދި "ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި" ގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ލިސްޓުގައި ހިމެނޭ ތަކެއްޗެވެ. މަސްތުވާ އެއްޗަކަށް ވިޔަސް މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ފިޔަވަޅެއް އެޅޭނީ އެ ބާވަތަކީ ގާނޫނުގައި ބުނާ މަސްތުވާ އެއްޗަކަށްވާ ނަމަ އެވެ.
އެކަމަކު ގާނޫނުގައި ނުހިމެނޭ މަސްތުވާތަކެތި ނަމަވެސް މަސްތުވެގަތުމަށްޓަކައި އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ގާނޫނުގައި ކުށެކެވެ. އޭގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.
މައްސަލާގައި ހިމެނޭ މީހުން ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދިން ބަންދުގެ މުއްދަތު ހަމަވުމުން ބަންދު އިތުރުކުރަން ނުގެންގޮސް ދޫކޮށްލި ނަމަވެސް ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.