27 އޮކްޓޯބަރ 2023 - 13:19

ފަތިހާ ތެދުވެ ނަމާދު ކޮށްލައިގެން އެންމެ ފުރަތަމަ ކަމަކަށް އޮންނަނީ ޓެނިސް ފަރިތަކުރުންތަކެވެ. މިއީ މިއަހަރު އޮތް މޯލްޑްވިސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކުރި އުމުރުން 15 އަހަރުގެ އާރާ އާސާލް އާޒިމްގެ ކޮންމެ ދުވަހެއްގެ ފެށުން އޮންނަ ގޮތެވެ.

"ވަރަށް ފަތިހާ ޓެނިސް ފަށާނެ. ނަމާދު ކޮށްލައިގެން ދެ ގަޑިއިރު ފަރިތަކުރުން އޮންނާނެ. ގަޑިއެއްގެ ބްރޭކަކަށް ފަހު ފިޓްނަސް އަށް މަސައްކަތް ކޮށްލާފައި އަނެއްކާ ދެގަޑިއެއްހާއިރު ޕްރެކްޓިސް ކުރަން. އޭގެ ފަހުން ވެސް މެންދުރު ބްރޭކަކަށް ފަހު ކްލާސްތައް ފެށުމުގެ ކުރިން ދެގަޑިއެއްހާއިރު ޕްރެކްޓިސް އޮވޭ. ދެން ކްލާސްތައް ނިމޭނީ އެންމެ ލަސްވެގެން ވެސް 7 ޖަހާއިރު،" އޮންލައިންކޮށް އެމެރިކަން ހައި ސްކޫލްގެ ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އާރާ ބުންޏެވެ.

ބުރަ މަސައްކަތްތަކަކާއި އެތަކެއް ގުރުބާނީތަކާ އެކު އާރާ ވަނީ މިއަހަރުގެ ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ލިބުމާ އެކު އޭނާގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ.

ހަމަ އެއާ އެކު ސްޕޯޓްސް އެވޯޑުގައި އުންމީދީ އަންހެން އެތުލީޓާއި އެންމެ މޮޅު އަންހެން ކުޅިވަރު އެތުލީޓުގެ އެވޯޑަށް ނޮމިނޭޓް ވުމާ އެކު އާރާގެ އުފާތައް އެތައް ގުނައަކަށް އިތުރު ވި އެވެ. އެންމެ އުންމީދީ އެތުލީޓުގެ ކެޓަގަރީ އިން ދެވަނަ ހާސިލް ކުރި އިރު، އެންމެ މޮޅު އަންހެން އެތުލީޓުގެ ކެޓަގަރީ އިން އާރާ ވަނީ ތިންވަނަ ހާސިލް ކޮށްފަ އެވެ.
މިއަހަރުގެ ގައުމީ ޓީމް ސިލެކްޝަނާ ހަމައަށް އާރާ އައީ ތައިލެންޑުގެ ކޯ ޓެނިސް އެކަޑަމީގައި ތަމްރީނު ވަމުންނެވެ. އާރާ ބުނީ ތައިލެންޑްގައި ޓެނިސް ކޯޓު ގިނަވުމުގެ ސަބަބުން ފަރިތަކުރަން ލިބޭ ފަރުސަތު ގިނަ ކަމަށެވެ. ފުރަތަމަ ޓެނިސް ކުޅެން ފަށައިގަނެގެން، ރާއްޖޭގައި ތަމްރީނުތައް ކުރިއަށް ގެންދިޔައިރު ދުވާލަކު ކުޅެން ލިބުނީ ދެ ގަޑިއިރެއްހާއިރު ކަމަށް ވެސް އާރާ ބުންޏެވެ.
މިއަހަރު ބޭއްވި ބީއެމްއެލް ގައުމީ އަންހެން އޯޕަން ސިންގަލްސްގައި އެއްވަނަ ދިފާއު ކުރި އާރާ ޓެނިސް ކުޅެން ފެށީ އުމުރުން އަށް އަހަރުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޓޭބަލް ޓެނިސް އާއި ބާސްކެޓްބޯޅަ އަދި ސްވިމިންގެ އިތުރުން އެތުލެޓިކްސް ވެސް ތަޖުރިބާ ކޮށްފަ އެވެ.
"އެންމެ ފުރަތަމަ ކުޅެން ފެށި އިރު ވެސް ނަތީޖާތައް އެހާ ރަނގަޅެއް ނޫން. އެކަމަކު އެއްވެސް ވަރަކަށް ނެގެޓިން ހިޔާލެއް ނުގެންގުޅެން. އަބަދުވެސް ވިސްނީ ބޭނުންވާ ނަތީޖާއަށް ވާސިލް ވެވޭނީ ބުރަކޮށް މަސައްކަތްތަކެއް ކޮށްގެން ކަން،" މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި އާރާ ބުންޏެވެ.
ބާރަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ޖާގަ ހޯދީ އާރާ އާއި އޭނާގެ ބައްޕަ، ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް މޫސާ އާޒިމްގެ ބޮޑެތި ގުރުބާނީތަކަކާ ވެސް އެކު އެވެ. މެލޭޝިއާ އިން 2019 ވަނަ އަހަރު ތަމްރީނު ހަދައިގެން އައިސް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން އޭނާއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހި، ގިނަ މުބާރާތްތަކެއް ގެއްލުނެވެ. އޭރު ތަހަންމަލް ކުރަން ޖެހުނު އުނދަގޫ ދުވަސްތަކުގައި ވެސް އާރާގެ އެންމެ ބޮޑު ހިތްވަރަކަށްވީ ބައްޕަ އެވެ.
ވަކި އުމުރަކަށް ނުދާ ކުޅުންތެރިންނަށް ބަންދު ވެފައިވާ ގައުމީ ޓީމުގެ ދޮރު ހުޅުވާލައިދިނީ އާރާގެ ބައްޕަގެ ލަފާ އެސޯސިއޭޝަނުން ގަބޫލުކޮށް، އުސޫލް ބަދަލު ކުރި ހިސާބުންނެވެ. ލިބުނު ފުރުސަތު އެންމެ ރަނގަޅަށް ބޭނުން ހިފައި، އާރާ ގައުމީ ޓީމުން ޖާގަ ހޯދީ 2020 ވަނަ އަހަރުގެ ސިލެކްޝަންގައި އުމުރުން މާ ދޮށީ ކުޅުންތެރިންނާ ވާދަކޮށް އެއްވަނަ ހާސިލް ކޮށްގެންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި އާރާ އަކީ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ޓެނިހުގެ ގައުމީ ޓީމުތަކަށް ބާއްވާ ވޯލްޑް ކަޕް ކަމަށްވާ ބިލީ ޖީން ކިންގް ކަޕްގައި މިއަހަރު ވާދަކުރި ޓީމުގައި ވެސް އާރާ ހިމެނެ އެވެ. މުޅި ޓީމުން ވެސް މޮޅު ކުޅުމެއް ދައްކައި، މެދުއިރުމަތީ ޒޯންގެ 14 ޓީމުގެ ތެރެއިން ރާއްޖޭން ވަނީ ފަސް ވަނަ ހޯދައިފަ އެވެ. އާރާ ބުނީ، މިދިޔަ އަހަރަށް ވުރެ މިއަހަރު ނަތީޖާ ރަނގަޅުވީ، ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން އެކުގައި ފަރިތަކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.
"މި އަހަރު ރޭންކިންގެ ކުރިއެރުން ޓީމަށް ލިބުމުން އެއީ ވަރަށް ހިތްހަމަ ޖެހުނު ކަމެއް. މިދިޔަ އަހަރު ވެއްޖެއްޔާ އެކި ކުޅުންތެރިން އެކި ތަންތާގައި ތިބެގެން ޕްރެކްޓިސް ކޮށްގެން މުބާރާތަށް ދިޔައީ، އެކަމު މިއަހަރު އެކުގައި ގިނަ ޕްރެކްޓިސްތަކެއް ކޮށްގެން މެޗުތަކަށް ތައްޔާރު ވެވުމުން އޭނެ ނަތީޖާ މިއީ،" ބިލީ ޖީން ކިންގް ކަޕްގައި ރާއްޖޭން ހޯދި ކުރިއެރުމާ ގުޅޭގޮތުން އާރާ ބުންޏެވެ.
އުމުރުފުރާގެ މުބާރާތްތަކުން އާރާ އަށް ކުރިއަށް އޮތީ 18 އަހަރުން ދަށުގެ މުބާރާތްތަކެވެ. އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ މުބާރާތަކުން ޗެމްޕިއަންކަން ހޯދައިފި އެވެ. އެއީ ތައިލެންޑް ގައި މިދިޔަ އަހަރު އޭޓީއެފް އިން ބޭއްވި 14 އަހަރުން ދަށުގެ މުބާރާތުގެ ޑަބަލްސް ބައިންނެވެ. އަދި އެ މުބާރާތުގެ ސިންގަލްސް ބައިން ބްރޯންޒް މެޑަލް ވެސް އޭނާ ހޯދި އެވެ.
ކިޔެވުމުގައި ވެސް ތޫނުފިލި އާރާ ދެން އެންމެ ހާސިލް ކުރަން ބޭނުން ވަނީ 18 އަހަރުން ދަށުގެ އުމުރުފުރާއިން ދުނިޔޭގެ ޓެނިސް ފެޑެރޭޝަން (އައިޓީއެފް) މުބާރާތަކުން ރަން ވަނައެކެވެ. ޓެނިހުގައި އެންމެ އުހަށް ނުދެވުނަސް، އޭޓީއެފް އަދި އައިޓީއެފް މުބާރާތްތަކުގައި ވާދަކޮށް ކުރިއެރުން ހޯދުމަށް އޭނާ ބޭނުންވެ އެވެ. ހަމަ އެއާ އެކު ގައުމީ ޓީމާ އެކު ރަން މެޑަލް އެއް އަޅާލުމަކީ އަބަދުވެސް އާރާ އެންމެ އުންމީދު ކުރާ ކަމެވެ.
"ކިޔެވުމާއި ޓެނިސް އެންމެ ރަނގަޅަށް ބެލެންސް ކުރަން ފުރަތަމަ ދުވަސްކޮޅު އުނދަގޫ ވި، އެކަމަކު މިހާރު އާދަ ވެއްޖެ. ކަމެއް ހާސިލް ކުރަން ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަން އެބަ އެނގޭ. އިރާދަކުރެއްވިއްޔާ ކިޔެވުމާއި ޓެނިސް ވެސް ވަރަށް ރަނގަޅަށް ބަހާލައިގެން ވަރަށް ރަނގަޅަށް ކުރިއަށް އެބަ ގެންދެވޭ،" މެލޭޝިއާގައި މިއަހަރު ބޭއްވި ޖޫނިއާ ޓުއާގެ 16 އަހަރުން ދަށުގެ ކެޓެގަރީގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދި އާރާ ބުންޏެވެ.
ހަޔާތުގައި އުނދަގުލާ ކުރިމަތިލާން ޖެހުނު ކަމުގައި ވިއަސް ގަދައަޅާ މަސައްކަތް ކޮށްގެން ކުރިއަށް ދިޔުމުގެ އަޒުމެއް އޮވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް ވެސް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލް ވުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމުގެ މުހިއްމުކަން އާރާ މި އަންނަނީ ސާބިތު ކޮށްދެމުންނެވެ.