ފުލުހުންގެ ބެކްގްރައުންޑް ޗެކްކުރަން ޕޮލިގްރާފް ޓެސްޓު ހެދުން އިހުތިޔާރީކޮށްފި
ފުލުހުންގެ ބެކްގްރައުންޑް ޗެކްކުރަން ޕޮލިގްރާފް ޓެސްޓު ހެދުން އިހުތިޔާރީކޮށްފި

ފުލުހުންގެ ވަޒީފާ ދިނުމުގެ ކުރިން ވަޒީފާއަށް ކުރިމަތިލީ މީހާގެ ބެކްގްރައުންޑް ޗެކްކުރުމަށް ބޭނުންވާ ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފުލުހުންގެ ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ހިމަނައި ފުލުހުންގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.

އެ ގާނޫނުގެ 17 ވަނަ މާއްދާގައި، ބެކްރައުންޑް ޗެކުކުރުމަށް ކުރަން ޖެހޭ ކަންކަން އިހުތިޔާރީ ކަމެއްގެ ގޮތަށް ދޭހަވާ ގޮތަކަށް އެ މާއްދާއަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ މެމްބަރުން ވިދާޅުވީ، އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެކްޓިވިސްޓުން ފުލުހުންގެ ވަޒީފާތަކަށް ވެއްދުމަށް ގެންނަ އިސްލާހެއް ކަަމަށެވެ.

މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އިސްލާހުކުރި މާއްދާގައި ބުނީ ފުލުހުންގެ ވަޒީފާއަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިއްމު ވަޒީފާއެއްކަމުން އެ ފުލުހުންގެ އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، މިގާނޫނުގެ ދަށުން ހަދާ ފުލުހުންގެ ހިދމަތުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދު ތަކުގައިވާ ގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑް ޗެކު ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން ކުށުގެ ރެކޯޑާއި ބެކްގްރައުންޑް އެނަލިސިސްއެއް ހަދަންވާނެ ކަމަށް އޭގައިވެ އެވެ. ބެކްގްރައުންޑް ޗެކް ކުރުމަށް ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން އިތުރު އެނަލިސިސް ހެދުމަކަށް މި މާއްދާ ހުރަހެއް ނާޅަ އެވެ.

މީގެ އިތުރުން ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފުލުހަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.

ޕޮލިގްރާފްއަކީ މީހަކަށް ކުރެވޭ ސުވާލުތަކަށް އޭނާ ޖަވާބުދިނުމުގައި ދޮގު ހަދާކަން ނުވަތަ ނޫންކަން ދެނެގަތުމަށް ބޭނުންކުރާ މެޝިނެކެވެ.