ސާފް ޗެމްޕިއަންޝިޕް ޖޫން ފަހުކޮޅު ބެންގަލޫރުގައި
ސާފް ޗެމްޕިއަންޝިޕް ޖޫން ފަހުކޮޅު ބެންގަލޫރުގައި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޖޫން 21 އިން ޖުލައި 3 އަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން އިން ނިންމައިފި އެވެ.

ނޭޕާލުގައި ބާއްވަން ރާވާފައި އޮތް މުބާރާތް އިންޑިއާ އަށް ބަދަލުކުރީ ސްޕޮންސަރުންގެ އެދުމުގެ މަތިންނެވެ. އިންޑިއާގެ ސިޓީތަކުގެ ތެރެއިން މުބާރާތް ބެންގަލޫރުގައި ބާއްވާކަން އިއުލާންކުރީ، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިން އިއްޔެ އެ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މިއީ ބެންގަލޫރުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ބެންގަލޫރަކީ، ފަހަކަށް އައިސް އިންޑިއާ ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ އަދި ވަރުގަދަ ކްލަބެއް ކަމަށްވާ ބެންގަލޫރު އެފްސީ ތަމްސީލުކުރާ ސިޓީ އެކެވެ. މުބާރާތް ބާއްވާ، އެ ކްލަބުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު އެއް ސްޓޭޑިއަމެވެ.

މީގެ ކުރިން އިންޑިއާގައި މި މުބާރާތް ބޭއްވީ 1999 ވަނަ އަހަރު ގޯއާގައި، 2011 ވަނަ އަހަރު ނިއު ދިއްލީގައި އަދި 2015 ވަނަ އަހަރު ޓްރިވެންޑްރަމުގަ އެވެ. އެ ތިން ފަހަރު ވެސް ތަށި ހޯދީ އިންޑިއާ އެވެ.

އިންޑިއާ އިން ވަނީ މުބާރާތަށް ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމެއް ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު މިހާރު ވާހަކަތައް ހުރި ގޮތަށް ބަލާއިރު އިންޑިއާ އިން މުބާރާތަށް ވަރުގަދަ ޓީމެއް ފޮނުވާނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ މުބާރާތުގައި، ފީފާ އިން ސަސްޕެންޑްކޮށްފައިވާ ސްރީ ލަންކާ ފިޔަވައި ސަރަހައްދުގެ އަނެއް ހަ ގައުމުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ސަސްޕެންޝަނުން ދާދި ފަހުން ސަލާމަތްވި ޕާކިސްތާން ވެސް ހިމެނެ އެވެ.

މުބާރާތް ކުރިއަށްދާނީ، ތިން ޓީމުގެ ދެ ގްރޫޕުގެ އުސޫލުން ކުޅުމަށް ފަހު ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގައި، 2021 ވަނަ އަހަރު ރާއްޖޭގައި ކުޅުނީ ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތް 2008 އާއި 2018 ގައި ކާމިޔާބުކޮށް، ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރާއްޖެ މުބާރާތަށް އަދި ރަސްމީކޮށް ތައްޔާރުވާން ނުފަށަ އެވެ. އެކަމަކު ފީފާ ފްރެންޑްލީއެއްގައި މާދަމާ ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭނެ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ އޮގަސްޓް މަހު ނިމުނު ފަހުން ކްލަބް ފުޓްބޯޅައިގެ ހަރަކާތެއް ނެތެވެ.