ތުރުކީ، ބަރުލަމާނީ ނިޒާމަކުން ރިއާސީ ނިޒާމަކަށް
ތުރުކީ، ބަރުލަމާނީ ނިޒާމަކުން ރިއާސީ ނިޒާމަކަށް

ތުރުކީ ވިލާތުގެ ވެރިކަމުގެ އުސޫލުތައް ބަރުލަމާނީ ނިޒާމަކުން ރިއާސީ ނިޒާމަކަށް ބަދަލު ކުރުމަށް، ރައީސް ރަޖަބް ޠައްޔިބު އުރްދުޣާންގެ ސަރުކާރުން، އެ ގައުމުގެ ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުތައް ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ތުރުކީ، ބަރުލަމާނީ ނިޒާމަކުން ރިއާސީ ނިޒާމަކަށް
ތުރުކީ، ބަރުލަމާނީ ނިޒާމަކުން ރިއާސީ ނިޒާމަކަށް

ގާނޫނުއަސާސީ އަށް ގެންނަ މި އިސްލާހުތަކުގެ ސަބަބުން ރައީސަށް ލިބިގެންދާ ބާރުތައް ވެސް އިތުރުވެގެންދާނެ އެވެ. ގާނޫނުއަސާސީ އަށް ގެންނަ ކޮންމެ އިސްލާހެއް ގާނޫނު ހަދާ މަޖިލީހުގެ ފަސް ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ފާސްވުމާ އެކު، އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅަންޖެހެ އެވެ. އެފަދަ އިސްލާހުތައް ގާނޫނަކަށްވެ އަމަލު ކުރަން ފެށޭނީ އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ދެ ބައިކުޅަ އެއް ބައިގެ އަޣުލަބިއްޔަތުގެ ތާއީދު ލިބިގެންނެވެ. ލަފާ ކުރެވޭ ގޮތުގައި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

މި އިސްލާހުތައް ފާސްވީ 550 މެމްބަރުން ހިމެނޭ، ގާނޫނު ހަދާ މަޖިލީހުގެ 339 މެމްބަރުންގެ ތާއީދު ލިބިގެންނެވެ. ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަށް ރައްޔިތުންގެ ރުހުން ލިބިއްޖެ ނަމަ، ތުރުކީގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ތައާރަފް ކުރާނީ އެމެރިކާ އާއި ފަރަންސޭސި ވިލާތުގައި އޮތް ފަދަ އުސޫލުތަކެކެވެ.

އުރްދުޣާން ތުރުކީގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވީ 10 އަހަރަށް ވުރެ ގިނަ ދުވަހު ބޮޑުވަޒީރުގެ މަގާމު ފުރުއްވުމަށް ފަހު 2014 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގަ އެވެ. މި އިސްލާހުތައް ބުނާ ގޮތުން ރައީސްގެ މަގާމުގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީއެއްގައި ވެސް ހަރަކާތްތެރި ވެވޭނެ އެވެ.

ގާނޫނުއަސާސީ އަށް މި ގެންނަ އިސްލާހުތަކާ ގުޅިގެން، 2029 ވަނަ އަހަރުގެ ނިޔަލަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު އުރްދުޣާނަށް ފަހިވެގެންދާނެ އެވެ. މި އިސްލާހުތައް ބުނާ ގޮތުން ތުރުކީގައި ދެން އާންމު އިންތިޚާބާއި ރިއާސީ އިންތިޚާބު ބާއްވާނީ ނޮވެމްބަރު 3، 2019ގަ އެވެ. އަދި ރައީސްގެ މަގާމުގައި ފަސް އަހަރުގެ ދެ ދައުރު ހުރުމުގެ ހައްގު ލިބިގެންދާނެ އެވެ.

ގާނޫނުއަސާސީ އަށް ގެންނަ މައިގަނޑު އިސްލާހުތަކަކީ؛

- މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ސީދާ ބާރު ރައީސަށް ލިބުން

- އެކެއް ނުވަތަ އެއަށް ވުރެ ގިނަ ނައިބު ރައީސުން އައްޔަން ކުރެއްވުމުގެ ބާރު ރައީސަށް ލިބުން

- ބޮޑުވަޒީރުގެ މަގާމު އުވިގެން ދިއުން

- ޝަރުއީ ނިޒާމުގެ ތެރެއަށް ބާރު ފޯރުވުމުގެ ފުރުސަތު ރައީސަށް ލިބުން

- ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސަށް ލިބުން

ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ބޮޑުވަޒީރު ބިން އަލީ ޔިލްދިރިމް ވަނީ މަޖިލީހުގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނަމަވެސް އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ކުޅޭ ކުޅިގަނޑު ހުއްޓުވަން ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ރިއާސީ ނިޒާމެއް ގާއިމުކުރަން ފާސް ކުރުމަކީ ހެދި ގޯހެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތުރުކީ އަށް ގެންނަން އުޅުނު އިންގިލާބު ނާކާމިޔާބު ވުމާ ގުޅިގެން ރައީސް އުރުދުޣާން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ހިނގައި ދިޔަ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ.