20 މާޗް 2023 - 11:19

މަސްތުވާތަކެެތި ބޭނުންކުރުމުގެ މައްސަލަތަކުގެ ރެކޯޑް ގިނަ އަދަދަކަށް އޮންނަ އުމުރުން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އެ މީހާ ޖަލުގައި ބެހެއްޓުމުގެ ބަދަލުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި ބަންދުކުރަން އަމުރުކޮށްފި އެވެ.
މި މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންގޮސް ފުލުހުން ބުނީ މި މީހާ އަކީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައި ވާތީ ބަންދުގައި ބަހައްޓައިގެން ފަރުވާ ދޭންޖެހޭ މީހެއް ކަމަށެވެ. ފުލުހުން ކޯޓުގައި ބުނި ގޮތުގައި މި މީހާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު އޯޕީއައި އާއި ބެންޒޯއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި މީހާ ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ އަކީ ބަލި މީހެއް ކަމަށް ބުނެފަ އެވެ. އެހެންވެ ގާޒީ ވަނީ ބޭސްފަރުވާގެ ކަންކަން ވެސް ހަމަޖައްސަން އަމުރު ކުރައްވައިފަ އެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ފަރު ލިބިދިނުމުގެ ގޮތުން ބަންދުކުރުމަށެވެ. އެހެންވެ 15 ދުވަހުގެ ބަންދު ވަނީ ރިމާންޑް ސެންޓަރެއްގައި ބެހެއްޓުމަށެވެ.
ޑިސެމްބަރު 31، 2011 ގައި އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން، ރިމާންޑް ސެންޓަރަށް ގެންދާނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ސެންޓަރުގައި ބައިތިއްބައިގެން އަސާސީ ފަރުވާދިނުމަށެވެ. އެކަމަކު މި ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުން، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އެތައް ބަޔަކު ބަންދު ނުކުރެވި ދޫކޮށްލަން ޖެހެ އެވެ.