ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟
ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމެންދެން ސަރުކާރުން ކޯލިޝަން ދަމަހައްޓާނެތޯ އެއީ މީގެ ކުރިން ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. ވޭތުވެދިޔަ ސަރުކާރުތައް ހަތަރު ވަނަ އަހަރާ ހަމައަށް އަޅާއިރު ވެރިކަމަށް ގެނައި ކޯލިޝަން ޕާޓީތައް ފެންނާނީ އިދިކޮޅު ބައެއްގެ ގޮތުގައި މަގުމަތީ ހަރަކާތްތަކުންނެވެ. އެއާ ހިލާފަށް މި ސަރުކާރުން މިހާތަނަށް ވެސް މިއައީ ވަރަށް ރަނގަޅަށް ލީޑަރުން "ބަނދެލައިގެން" އެކުގައި މަސައްކަތް ކުރަމުންނެވެ.

ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟
ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟

އެހެން ނަމަވެސް ކުއްލިއަކަށް ސިޔާސީ އޮއިވަރު މުޅިން އެހެން ގޮތަކަށް ބަދަލުވެއްޖެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުންމީދު ކުރެއްވި ގޮތާ ހިލާފަށް މިދިޔަ އަންގާރަ ދުވަހު ޖުމްހޫރީ ޕާޓީން ވަނީ އެމަނިކުފާނާ ކޯލިޝަން ހެދުމުގެ ބަދަލުގައި އަމިއްލަ އަށް ރިޔާސީ ރޭހަށް ނުކުންނަން ނިންމައިފަ އެވެ.

ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟
ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟

އޭގެ އިތުރުން ޖޭޕީގެ ރޫހު ހުރީ ރައީސްގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟
ސަރުކާރު ކޯލިޝަންގެ ފަހު ލޮޅުން, ހިފަހައްޓާލެވޭނެ؟

މިއާއެކު މީގެ ކުރިން ކޯލިޝަން ދަމަހައްޓަމުން އަންނާތީ ރައީސަށް ތައުރީފް އޮއްސަމުން ގެންދެވި މެންބަރުންގެ ރާގު މުޅިން ބަދަލުވެއްޖެ އެވެ. ރުޅިގަނޑު ފަޅައިގެން ގޮސް އެ މެންބަރުން މިހާރު ގޮވަމުން އަންނަނީ މިނިސްޓަރުން ވަކިކޮށް ކޯލިޝަން ރޫޅާލުމުގެ ވާހަކަ އެވެ!

"ވަރަށް ލަދު ހަޔާތް ކުޑަކޮށް މިތަނަށް [މަޖިލީހަށް] ގެނެސް، ފަހަރަކު މީހަކު ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭން މި ބުނަނީ،" ޖޭޕީގެ މިނިސްޓަރުންނަށް އަމާޒު ކުރައްވައި ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސަށް އެންމެ މުހިންމު ސިޔާސީ ޕާޓީ އެމަނިކުފާނާ ދުރަށް ޖެހިވަޑައިގަތުމުން "ކަނޑާ ވައްޓާލަން" މިހާރު ގޮވަމުން އަންނަނީ އެމްޑީޕީގައި ރައީސަށް އެންމެ ވަފާތެރި މެންބަރުންނެވެ. ޖުމްހޫރީ ޕާޓީ އާ މެދު ރައީސް ކުރައްވާ އުންމީދު އަދި މުޅިން ދޫކޮށްނުލައްވާ އިރު އެފަދަ ވާހަކަތައް ދައްކަން ފެށުމާއެކު މި ވަނީ ސަރުކާރު ކޯލިޝަނަށް ބޮޑު ހިލުންގަނޑެއް އައިސްފަ އެވެ. އެއާއެކު ސަރުކާޜު ކޯލިޝަން ދެމެހެއްޓޭނެތޯ ސުވާލު ވަނީ އުފެދެން ފަށައިފަ އެވެ.

ޖުމްހޫރީ ޕާޓީން ކުރާ އެންމެ ބޮޑު ޝަކުވާއަކީ 2018 ވަނަ އަހަރު ކޯލިޝަން އެގްރީމަންޓު ހެދި އިރު އެއްބަސްވެވުނު ގޮތާ ކައިރިއަށް ވެސް އެ ޕާޓީ އަށް ސަރުކާރު ތެރެއިން ސްލޮޓުތަކެއް ނުލިބޭ މައްސަލަ އެވެ.

އެހެން ނަމަވެސް ސަރުކާރެއްގެ އެންމެ ނުފޫޒު ގަދަ އިދާރާތައް ކަމަށްވާ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީގެ ހުންގާނުގައި މިވަގުތު ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

މީގެ އިތުރުން މި ސަރުކާރަށް އެންމެ ކާމިޔާބުކަމާއެކު ގިނަ މަޝްރޫއުތަކެއް ހިންގައިދިން އެމްޓީސީސީގެ ސީއީއޯ އަކަށް ހުންނެވީ ވެސް ޖޭޕީގެ މެންބަރެކެވެ. ނައިބު ރައީސާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އިމިގްރޭޝަން ފަދަ އެތައް މުއައްސަސާޢެއްގެ އެންމެ އިސް ސަފުގައި ވެސް ތިއްބެވީ ޖުމްހޫރީ ޕާޓީގެ މެންބަރުންނެވެ.

ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއްގެ ބަޔަކާއެކު ރައީސް ވެރިކަން ކުރެއްވުމަކީ މި ހުރިހާ ދުވަހު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަރަށް ފަހުރުވެރިކަމާއެކު ދެއްކެވި ވާހަކަ އެކެވެ. ސަބަބަކީ އެ މެންބަރުން އޭރު އެންމެ ގަދަ އަށް ވިއްކަން މަސައްކަތް ކުރެއްވި އެއް ކަމަކީ ކޯލިޝަން ހިފެހެއްޓުނު ހަމައެކަނި ރައީސަކީ މިއީ ކަމާއި ދެން ވެސް އެކަން ކުރެވޭނީ އެމަނިކުފާނަށް ކަމަށެވެ.

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީން އެކަމާ ދެކޮޅު ހެދި ހިސާބުން އެ ޕާޓީގެ މިނިސްޓަރުން ތިބުމަކީ ސަރުކާރަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކަށް ވަނީ ވެފަ އެވެ.

"ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވައި މިއަދު އޮނަރަބަލް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ކުރައްވާނެ ކަމަކީ އިތުރަށް ޓެކްސީ ޑްރައިވަރުން ނުރުހުން ކުރުވުން. ޑރ. މައުސޫމް ކުރައްވާނެ ކަމަކީ ވެސް އެއީ. ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ފަންޑު އަތުލައި އެ ބޭފުޅުންގެ ކެމްޕެއިން ހިންގަވާނީ،" މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވި އެވެ.

"އެ ބޭފުޅުން މިވަގުތު އެފަދަ މަގާމްތަކުގައި ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ތާއީދު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާއަށް މި ގޮވާލަނީ ވަގުތުން ވަގުތަށް ޖޭޕީގެ އެންމެހާ މިނިސްޓަރުން މަގާމްތަކުން ވަކި ކޮށްލުމަށް." އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ހިތްހަމަ ނުޖެހި، ރާއީ ވެސް ވިދާޅުވި ގޮތުގައި ޖޭޕީގެ މެންބަރުން ސަރުކާރުގެ ތެރޭގައި ތިއްބަވައިފި ނަމަ ކުރާނެ ކަމަކީ "ފަނިފަކުސާ" އެޅުމެވެ. އަދި ސަރުކާރު އެތެރެއިން ބަލި ކަށި ކުރާނެ ކަމަށް ރާއީ ވިދާޅުވި އެވެ.

ކޯލިޝަން އޮތީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމި ރެއާ ހަމައަށް ކަމަށާއި މިހާރު އެ ޕާޓީގެ މެންބަރުން އިހުލާސްތެރިވާނެ ކަމަަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ދޯކާ ދޭ ފާޑަށް ނިކުމެ ކުއްލިއަކަށް ފާޅުވެފައި ތިމަންނަ ވެރިކަން ކުރާނަމޭ އެކަން އެ މަގަކުން ނުގެންދެވޭނެ މިތަނުގައި ތިއްބަކާ. އެ މަގުން އެކަން ގެންދިޔަ ނުދޭނަން." އޭނާ ވިދާޅުވި އެވެ.

މިހާރު އުފެދިފައި އޮތް ސުވާލަކީ ދެވަނަ ދައުރަކަށް އެއްބަސް ނުވެވޭ ކަމަށްވާނަމަ ކޯލިޝަނެއްގެ އުމުރަކީ ހަތަރު އަހަރާއި ބައި ތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެއް އުރައަކަށް ދެ ކަނޑިއަކަށް ނޯވެވޭނެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މިނިސްޓަރަކު ކެބިނެޓުން ވަކި ކުރާކަށް ނުވަތަ އެހެން އެއްވެސް މަގާމަކުން ދުރު ކުރާކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅެއް ނުވާނެ އެވެ. އެހެން ނަމަވެސް އެއީ އެމަނިކުފާނަށް ކުރައްވަން މަޖުބޫރު ވެވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަބަބެއް ކަމުގައި ޝަރީފް ވިދާޅުވީ ރަޢީސްގެ ސިޔާސަތުތަކަށް ތާއީދު ނުކުރެވޭ ނުވަތަ އެހެން ކެނޑިޑޭޓެއްގެ ސިޔާސަތުތައް ވިއްކަމުން އަންނަ ފަރާތްތަކަކަށް ސަރުކާރުގެ ތެރޭގައި ހުރެގެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"ކިތަންމެ ހިތް ދަތި ކަމެއް ވިޔަސް ކޯލިޝަން ނެހެދޭނަމަ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީގެ މެންބަރުން އަމިއްލަ އަށް އިސްތިއުފާ ދެއްވުން،" ޝަރީފް ވިދާޅުވި އެވެ.

އެ މަގުން ހިނގަން ޖެހޭނީ ހަމައެކަނި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އެކަންޏެއް ނޫނެވެ. ޝަރީފް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމް ވެސް އެކުގައި މަސައްކަތް ނުކުރެވޭނަމަ ޖެހޭނީ އެއްފަރާތް ވާށެވެ.

އެމްއާރްއެމް އަށް ނައިބު ރައީސްގެ ސްލޮޓު ނުވަތަ އަނެއްކާވެސް 25 ޕަސެންޓު ދިނުން ފަދަ ކަންކަން މިފަހަރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ސަބަބަކީ އެމްޑީޕީއަކީ އަދިވެސް އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވެފައި އަދިވެސް އެ ޕާޓީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަނަށް އައި މި ލޮޅުންގަނޑާއެކު އެންމެ ފުރަތަމަ ލިބުނީ ޖުމްހޫރީ ޕާޓީގެ މިނިސްޓަރުން ރައްޔިތުންގެ މަޖިލީހަށް ގެނެސް ނޯ ކޮންފިޑެންސް މޯޝަނެއް ނަގައި މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރެވެ. އެހެން ނަަމަވެސް މިއީ މިހާރު ކުރޭނެ ކަމެއްތޯ ބައެއް މެންބަރުން ސުވާލު ކުރެ އެވެ.

ސަބަބަކީ ރައީސް ކޯލިޝަނުން ދޫކޮށްލާއިރަށް އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ތިބީ އެ ޕާޓީގެ އަތުގައި ހިފައިގެން ކުރިޔަށް ދާން ތައްޔާރަށެވެ.

އެ ފެކްޝަންގެ "ހިޔަނި ޕީޖީ ގްރޫޕުން" ދާދި ފަހުން ވަނީ ޖޭޕީ އާއެކު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް ހަދަން ވެސް މަޝްވަރާ ކޮށްފަ އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިކުރެއްގެ ދިރުމުގެ ފަރާތުން އަންނަނީ މަޖިލީހުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި މިނިވަން މެންބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާ މަޝްވަރާ ކުރައްވައި، ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ.

ކުރިޔަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި އެ މަޝްވަރާތަކުގެ ނަތީޖާއެއް ފެނި މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތުގެ ރިއަލިޓީއަކީ ރައީސް ސޯލިހު މޮޅުވާ ތަނެއް ނެތް. ފެއިލް ވާން އޮތް ތަނެއްގައި އެމްޑީޕީގެ މެންބަރުން ވެސް ނުތިބޭނެ. ސަރުކާރު ފަޅީގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ހިޔާލު ވެސް އެބަ ބަދަލުވޭ،" އޭނާ ވިދާލުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރެއް އޮވެއްޖެ ނަމަ އެހެން ޕާޓީގެ މެންބަރުންނަށް ކެބިނެޓުގައި ނުތިބެވޭނެ ކަމަށް މިހާރު ސަރުކާރާ އިދިކޮޅުގައި ތިއްބެވި މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެެވެ. އެހެން ނަމަވެސް މިއަދު އެ އޮތީ އެ މައްސަލަ ޖެހިފައި ކަމަށް އާޒިމް ވިދާޅުވި އެވެ.

މިހާރު ކުއްލިއަކަށް ޖުމްހޫރީ ޕާޓީގެ މެންބަރުން ވަކި ކުރަން މަޖިލީހުން އެވަރުގެ އެއްބާރުލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މިހާރު އެކަން ކޮށްފި ނަމަ 2018 ގައި ވެވުނު އެއްބަސްވުމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިލާފު ވެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ އަސްލު ފެށުން އަންނަ ހިސާބަކީ އެއީ ކަމަށް ބައެއް ތަޖުރިބާކާރުން ދެކިވަޑައިގަންނަވަ އެވެ. މި ސަރުކާޜު ވެރިކަމަށް އައީ ފަސް އަހަރުގެ ކޯލިޝަނެއް ހަދަން އެއްބަސްވެގެންނެވެ. އެހެން ނަމަވެސް އެ އެއްބަސްވުމަކަށް ގާނޫނީ ބާރެއް ދިނުމަށް ރައްޔިތުންގެ މަޖިލީޙުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ. އޭގެ ސަބަބުން އެ އެއްބަސްވުމަށް އަމަލު ކުރުމާއި ނުކުރުން މި އޮންނަނީ އެ އިރެއްގެ ސަރުކާރެއްގެ ވިސްނުމާއި ހާލަތަށް ބިނާވެފަ އެވެ.

މިހާޜު މި އޮތް ހާލަތުން މި ވަނީ އެންމެ ކަމެކެވެ. ދެވަނަ ދައުރަކަށް އެކުގައި ދާން އެއްބަސް ނުވާނަމަ ކޯލިޝަނެއް ފަސް އަހަރަކަށް ނުހިފެހެއްޓެ އެވެ. ކޯލިޝަންގެ އެންމެ ދިގު އުމުރަކީ ހަތަރު އަހަރައި ހަ މަސް ދުވަހެވެ. އެ ނޫނީ އާ ދެން އެއް ކެބިނެޓެއް ތެރޭ ތަފާތު ތިން ހަތަރު ކެނޑިޑޭޓުން އެންޑޯޒް ކުރައްވާ މިނިސްޓަރުން ތިއްބަވާނީ އެވެ.