ދުއްތުރާ
ދުއްތުރާ

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

އަހަރެން ބިރުގަނެއެވެ. އެހެންނަމަވެސް، އެ މަންޒަރު ބަލަން ވެސް ބޭނުންވިއެވެ. އެންމެނަށް ވުރެ ކުރިން އަހަރެން ތައްޔާރުވީމެވެ. ގަޑިން ނުވައެއްޖެހިއެވެ. އަހަރެން ހުރީ ސިއްރުން ބަލާށެވެ. ކޮޓަރީގައި ތިބީ ދޮންތައާއި، އިދުރީސްބެއާއި ބައްޕައެވެ. ދޮންތަ އެނދުގައި ބޭއްވުމަށް ފަހު އިދުރީސްބޭ ކިޔަވަން ފެށިއެވެ. އަހަންނަށް އިރުއިރުކޮޅާ ފަހަތް ބަލައިލެވެއެވެ. ހިތަށްއެރިއެވެ. އަހަންނަށް ކަމެއް ނުވާނެބާއެވެ؟ އަހަރެން ސިއްރުން ބަލަންހުރިކަން އިދުރީސްބެއަކަށް ނޭނގޭނެބާއެވެ؟ ކިޔަވާ ވަރަކަށް ވައި ގަދަވާހެން ހީވިއެވެ. ނުވަތަ އެއީ އިއްތިފާގެކެވެ. ވަކި ހިސާބަކަށް ކިޔެވުމަށް ފަހު އިދުރީސްބޭ ދިވެހި ބަހުން ސުވާލުކުރަން ފެށިއެވެ. ދޮންތަ ކިޔައިދޭން ފެށިއެވެ.

"އެ ރޭ އޭނަ ގެއަށް އައިއިރު ވެސް ހުރީ ކަމަކާ ހިތްހަމަނުޖެހިފަ،" ދޮންތަ ވާހަކަދައްކާ މަޑުމައިތިރި އަޑުން ދޮންތަ ބުންޏެވެ. "މިހާރު ކިތަންމެ ދުވަހެއް ވެއްޖެ އެ ފާޑަށް އޭނަ އުޅޭތާ. މީނަ ފެނުނަސް އޭނަ ފޫހިވޭ. އެންމެން ތެރޭގަ އުޅޭނެ ވަރަށް ލޯބިވާކަމަށް ހެދިގެން."

ދޮންތަ ވާހަކަދެއްކި ނަމަ "މީނަ" ބޭނުމެއް ނުކުރީހެވެ. އެ ކަން އަހަންނަށް ވިސްނުނީ ފަހުންނެވެ.

"ވަރަށް ގިނައިރުވަންދެން ޒުވާބުކުރި. ޒުވާބުކޮށްފަ ފިރިމީހާ ނުކުމެގެން ދިޔައީ،" ދެބަދޭތެރޭގައި އޮވެގެން ވާހަކަދައްކާ ކަހަލަ ގޮތަކަށް ދޮންތަ ބުންޏެވެ. "ދިޔައީމަ މީނަ ވެސް ފަހަތުން ނުކުތީ. އެ ވެސް ދެން ލޯބީގެ ވައްތަރެއް. ގޯތިތެރެއަށް ނުކުތްއިރު މީނައަށް ފެނޭ ފިރިމީހާ މަގުމަތީގައި ހުރިތަން. އޭނަ ހުރީ ފުރަގަހަށް އެނބުރިގެން ފާރުބުރީގައި ލެނގިލައިގެން. މީނަ ބޭނުންވީ މީނަ ނުގޮވަނީސް ފިރިމީހާ ރުޅިމަޑުވެގެން ގެއަށް ވަންނަން. މީނަ އައިސް، ފާރު ކައިރީގަ ހުރި ގަހުގެ ތިރީ ގޮފިގަނޑެއްގަ އިށީނީ. މީނަ ނުބަލާ އެ ގޮފިގަނޑުގަ އިނީ ކާކުކަމެއް. އަނިޔާވީ މަގޭ ދަރިއަށް. އެހެންވެ މަ ވެސް ކުރެވުނު ދުއްތުރާއެއް ކުރާނަން. ކުޅިދައްކާލާނަން މި ފަހަރު.."

"އިހަށް މަޑުކޮށްބަލަ!" އިދުރީސްބޭ ބުނެލިއެވެ. "ކަލެއަށް ރަނގަޅަށް އެނގޭނެ އިންސާނުންނަށް ކަލޭމެން ނުފެންނަކަން. ކީއްކުރަން އެ ތަނުގަ އިނީ. އެ ތަނުން ދިޔަ ނަމަ. ނޫނީ ތަންކޮޅެއް ދުރަށް ޖެހިލި ނަމަ."

އަހަރެން ހުރީ އަޖައިބުވެފައެވެ. ދޮންތަ އަޑުން އެ ވާހަކަތައް ކިޔައިދޭލެއް ސާފުކަމާއި، އިދުރީސްބޭގެ ބިރުކުޑަކަމުންނެވެ.

"ކަލެއަކަށް ނޭނގޭނެ މަ ކަންތައް ކުރާނެ ގޮތެއް،" ރުންކުރުކޮށް ދޮންތަ ބުނެލި އަޑު އިވުނެވެ. "ގަސްގަހާގެއްސަކީ އިންސާނުން ދިރިއުޅޭ ތަނެއް ނޫން. ޖަންގައްޔާ، ހަނަފަސް ސަހަރާތަކާ، ވައިގެތެރެޔާ، ކަނޑުއަޑިއަކީ އަހަރުމެން ދިރިއުޅޭ ތަންތަން. އެ ތަންތަނަށް ވަދެއުޅޭއިރު އިންސާނުން ޖެހޭނެ ބަލަން. ކިޔަންޖެހޭ އެއްޗެހި ހުންނާނެ ކަލޭމެންގެ ފޮތްތަކުގަ ލިޔެފަ. މަގޭ ދަރިއަށް އަނިޔާކުރީތީ މަ ވެސް އަނިޔާކުރާނަން."

ވަކި ހިސާބަކުން ދޮންތަ އިދިފުށަށްދަމަން ފެށިއެވެ. ބުރިކަށި އޮންނަނީ އެނދުގައި ނުޖެހިއެވެ. އެނދުގައި ޖެހިފައި އޮންނަނީ ފުންނާބާއި ފުއްކިބައެވެ. ދޮންތައަށް ތަދުވެގެންއުޅޭކަން ވެސް އެނގެއެވެ. އަހަރެން ބިރުން ދެ ލޯ މެރީމެވެ. ދެން ބެލީ ސިއްރުސިއްރުންނެވެ.

"މަށަށް ތިހެންނަހަދާ!" ދޮންތަ އާދޭސްކުރިއެވެ. "މަށަށް ތިހެންނަހަދާ!"

މަންޒަރު ބަލާކަށް ބައްޕައަކަށް ކުޅަދާނައެއް ނުވިއެވެ. އެ ރެއަށް ހުއްޓާލުމަށް އެދުނެވެ. އިދުރީސްބޭ ދެކޮޅެއް ނަހަދައެވެ. ދޮންތަގެ ނިތްކުރީގައި ހިފަހައްޓައިލިތަނާ ދޮންތަގެ ގައިން ވަރުދޫވެގެން އެނދުމައްޗަށް ދެމުނެވެ. ދެން ހީވަނީ ނިދައިލައިފައިއޮތްހެންނެވެ. ބައްޕަ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރޮވެން ކައިރިވެފައެވެ. ތަނަށް ވެރިވި ހަމަހިމޭންކަން އިރުކޮޅަކަށް ދެމިއޮތެވެ. އޭރު އަހަރެންގެ ފައި ތުރުތުރުއަޅައެވެ.

"ކުޑަ ހިތްވަރެއް ކޮށްލައިގެން މި ކަން ވާނީ،" އިދުރީސްބޭ މަޑުމަޑުން ބުންޏެވެ. "ދެން މި ރޭ އޭނައަށް ނިދާލެވޭނެ. އެކަމަކު، ތި ހެދިގޮތުން ކުރިއަށް ވުރެ ދުއްތުރާ ބޮޑުވާނެ ދެން. ބަލިފައި އެނގުނީވިއްޔަ. މި ކަން ފެށުމުގެ ކުރިން މަ ބުނީ ކީކޭ؟"

ބައްޕަ އެއްވެސް ޖަވާބެއް ނުދެއެވެ. އިސްޖަހައިލައިގެން އިނީއެވެ. ދޮންތަ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އިދުރީސްބޭ ވަރަށް އޯގާތެރިކަމާއެކު ބައްޕަގެ ކޮނޑުގައި ޖަހައިލައިފައި ނުކުތީއެވެ. ފަހުން މަންމަ ވެސް އެތެރެއަށް ވަނެވެ. މައިންބަފައިން ދެއްކި ވާހަކައެއް އަހަރެން އަޑެއް ނާހަމެވެ. އަހަންނަކަށް މުހިންމެއް ވެސް ނޫނެވެ.

ޖެހިގެންއައި ދުވަހު ދޮންތަގެ "ބަލިގަނޑު" ހައްތާ ބޮޑުވިއެވެ. ހަމަހޭގައި ރަނގަޅަށް ހުންނަ ވަގުތުކޮޅު ކުޑަވާން ފެށިއެވެ. ކެއުންބުއިމަށް ފަރުވާ ކުޑަކުރިއެވެ. ކާން ގެނަޔަސް ނުކައެވެ. ދޮންތަ ބުނާގޮތުގައި ދޮންތައަށް "ބަޔަކު" ކާންދެއެވެ. ވީމާ، ބަނޑުހައެއް ނުވެއެވެ. ފެނެއް ނުވަރައެވެ. އިރުއިރުކޮޅާ ގެއިން ނުކުންނަން އުޅެއެވެ. ދޮންތަ ދާން ބޭނުންވަނީ، ޖެހިގެން އޮންނަ ފަޅު ގެއަށެވެ. ހީވަނީ އެ ތަނުން ދޮންތައަށް ގޮވާހެންނެވެ. މީހަކު ގޮވުމުން އެ ދިމާ ބަލައިލާހެން ބަލައިލައިފައި ހިނގައިގަންނަން އުޅެއެވެ. ނުދެވެނީ މަންމަމެން ހިފަހައްޓާތީއެވެ.

"މި ދަނީ މި ދަނީ!" ދޮންތަ މަސައްކަތް ކުރަނީ ފޮޅުވައިލައިފައި ދާންވެގެންނެވެ.

"ދަރިފުޅާ! ތިހެން އުޅެނިކޮށް ހިސާބުގަނޑު މީހުންނަށް އެނގިއްޖެއްޔާ.." މަންމައަށް ބުނެވުނީ އެ ހިސާބަށެވެ.

"ގޮވަނީ ކީއްވެގެންތޯ ބަލައިލައިފަ އަންނާނަމޭ!" ދޮންތަ ގަދަހަދަމުން ބުނެއެވެ. "ރައްޓެހިން ގޮވީމަ ދާންވާނެއްނު! އެހެންނޫނީ އެ މީހުން ރުޅިއަންނާނެ."

ދޮންތަ ދައްކާ މީހުން އަހަރުމެންގެ ލޮލަކަށް ނުފެނެއެވެ. ފެންނަންހުރީ ދޮންތައެވެ. އެކަމަކު ދޮންތަ ހިފަހައްޓައިލައިގެން މަންމައަށް ހުރެވެނީ ވެސް ކިރިޔާއެވެ. އެ ތަނަށް ބައްޕަ ވެސް އައެވެ.

"އެއީ ފަޅު ގޯއްޗެކޭ ދަރިފުޅާ،" ވަރަށް ލޯތްބާ އެކުގައި ބައްޕަ ބުންޏެވެ. "އެ ތާކު ނޫޅޭނެ އެކަކު ވެސް. އަހަރުމެން މި ތިބީނު ދަރިފުޅު ގާތުގަ. ދަރިފުޅު ކުރުސި ކިޔާބަލަ! ކިޔާބަލަ ކުރުސި!"

ބައްޕަ ދައްކާ ވާހަކަ ދޮންތައަށް އިވޭހެނެއް ހިއެއްނުވެއެވެ. ދޮންތަ ދައްކަނީ ދައްކާނެ ވާހަކައެކެވެ. ހުންނަނީ ދެ ލޯ ބޮޑުކޮށްގެން ގަސްތަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދުވަހުގެ އިރު އޮއްސުނީ އެ ކަމުގެ ތެރޭގައި އުޅެނިކޮށެވެ. ދޮންތައަށް ހަމަނޭވާ ލެވެނީ ނިދާބޭސް ދިނީމައެވެ. ބައިގަޑިއެއްހާއިރު ވާތަނާ އަނެއްކާ ހޭލައެވެ. ނިދާބޭހުގެ މިންވަރު އިތުރު ކުރިއެވެ. ވީ އެއްވެސްކަމެއް ނެތެވެ. އިންނަނީ ކޮޓަރީގެ ކަނުގައި އިށީނދެގެން އަހަރުމެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސިއްރުން ދައްކާ ވާހަކައާއި ޖެހިގެން ހުންނަ ކޮޓަރީގައި ދައްކާ ވާހަކަ ވެސް ދޮންތައަށް އެނގެއެވެ. ގޭގެ އެކި ތަންތަނުގައި އެކި މީހުން ކުރަންތިބޭ ކަންތައް ދޮންތަ ކިޔައިދެއެވެ. އަހަރެން ސިއްރުން ބެލިކަން ވެސް ބޭޒާރުކޮށްލިއެވެ. އެންމެން ކަންބޮޑުވެފައި ތިބިވަރުން އެ ކަން ފާހަގަ ނުކުރެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އެ ކަމަށް ނިމުމެއް ގެނައުމުގެ ބާރު އޮތީ ބައްޕަ އަތުގައެވެ. ބައްޕަ ހުރީ ގޮތެއް ނިންމަން ނޭނގިފައެވެ.

ދޮންތަ ބެލެހެއްޓުން، ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ އުނދަގޫވަމުންނެވެ. ހަލުވި ވެފައި ބިރު ކުޑަކަމުންނެވެ. އަހަންނަށް ވުރެ ހަލުވިކޮށް ގަސްގަހަށް އަރައެވެ. ފާރުގެ އެންމެ އުސް ހިސާބަށް ދޮންތަ އަރާއިރު، ފައިދިގުމަކުނެކޭ މާ ބޮޑު ތަފާތެއް ނުހުރެއެވެ. ބިރުން ގޮސް އަހަރެން ހުންނަނީ މަރުވާ ވަރު ވެފައެވެ. ފުރާޅަށް އަރާ ގޮތެއް ނުވެސް އެނގެއެވެ. ފެންނަނީ އަރާ ހުއްޓައެވެ. އެ ތަންތަނުން ދޮންތަ ބޭލުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ފައިބަން ބުންޏަކަސް ނުފައިބައެވެ. އައްސާފައި ބާއްވާކަށް ބައްޕައަކަށް ނުކެރެއެވެ. މޮޔައިން ބަލަހައްޓާ ތަނަށް ފޮނުވާކަށް ބައްޕަ ގަބޫލެއް ނޫނެވެ. އެކަމަކު، ދޮންތަގެ ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ދޮންތަ ވަރިކޮށްފައި އޭނަ ދިޔައީއެވެ. ދޮންތަ ދެރައެއް ނުވެއެވެ. ދެރަވާން އޭނައަށް ނޭނގޭ ކަހަލައެވެ. ރަނގަޅަށް ހުންނަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. އެ ވަގުތުކޮޅު ވެސް ފިރިމީހާގެ ވާހަކައެއް ނުދައްކައެވެ. ބައެއް މީހުން ކިއި ގޮތުގައި އެއީ ދޮންތަ ހެދިގެން އުޅުނު ގޮތެކެވެ. ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އެކަކަށް ވެސް ނޭނގެއެވެ. އަހަންނަށް އެނގޭކަމަކީ، ދޮންތަގެ "މޮޔަކަން" ބޮޑުވަމުން ދިޔަކަމެވެ. ވާރޭވެހި ފެންގަނޑުހެދުމުން މަގުމައްޗަށް ނުކުމެ ފެންގަނޑަށް އެރި ބަކަތަޅައެވެ. ހިނގާ މީހުންގެ ގަޔަށް ފެންޖަހައެވެ. އަވަށްޓެރިންނަށް އުނދަގޫވާން ފެށިއެވެ. ޝަކުވާކުރަން ފެށިއެވެ. އެ ވަރުން ވެސް ދޮންތަ ރަނގަޅުކުރަން "އިތުރު އަނިޔާއެއް ދޭކަށް" ބައްޕަ ބޭނުމެއް ނުވިއެވެ. ގެންދިޔައީ ގުރައިދުއަށެވެ. މޮޔައިން ބައިތިއްބާ ތަނަށެވެ.

ގުރައިދޫގައި ދޮންތަ ހުރިއިރު، މަދުމަދުން އަހަރެން އެ ތަނަށް ގެންދެއެވެ. އެކަކާ ވެސް ދޮންތަ ވާހަކައެއް ނުދައްކައެވެ. ހަތަރުކަޅި ހަމައެއް ނުކުރެއެވެ. އިންނަނީ އިސްޖަހައިލައިގެންނެވެ. އެއްފަހަރަކު، އަހަންނާއި ދޮންތަ ބައިތިއްބައިފައި މަންމައާއި ބައްޕަ ކޮންމެވެސް ތާކަށް ދިޔައެވެ. އަހަރުމެން އެކަނިވިއެވެ. ދޮންތަ ވަރަށް ފަރުވާތެރިކަމާ އެކުގައި އަހަރެންގެ މޫނަށް ބަލައިލިއެވެ. ރަނގަޅަށް ހުރިއިރު ދޮންތަ ބަލާ ގޮތަށެވެ. ކޮންމެވެސް އެއްޗެއް ބުނަން އުޅުނު ކަހަލައެވެ. ނުވަތަ އެއީ އަހަންނަށް ހީވިގޮތެވެ.

މިހާރު އަހަރެންނަކީ މީހެއްގެ އަންބެކެވެ. ތިން ދަރިން އެބަތިއްބެވެ. މާޒީއަށް ފުންކޮށް ވިސްނައިލުމުން އަހަރެންގެ ސިކުނޑީގައި މިއަދު ކުރެހެނީ މުޅީން އެހެން ތަސްވީރެކެވެ. ދޮންތަ މޮޔަވެފައި ފަހުން ރަނގަޅުވިއެވެ. އެ ކަން އަންގަން ދޮންތަ ބޭނުން ނުވީއެވެ. ސިއްރަކީ، ދޮންތައާއި ދޮންތަގެ ފިރިމީހާއާ ދެމެދު ޖެހުނު މައްސަލައެވެ. އެ އަށް ފަހު ދޮންތަ ބޭނުންވީ ފިރިމީހާ ގާތުން ވަރިވާށެވެ. ދިރިއުޅުން ދެކެ ދޮންތަ ފޫހިވީއެވެ. ނުވަތަ ދޮންތައަށް ދުއްތުރާކުރީ ޖިންނިއެކެވެ. ދޮންތައަށް ޖެހުނީ ސިހުރެކެވެ. މިއަދު ވެސް ދޮންތަ ދުނިޔޭގައި އެބަހުއްޓެވެ. ދިރިއުޅެނީ ރަށުގައެވެ. ކުރިން އުޅުނު ގޭގައެވެ. އެކަމަކު، ކުރިން އުޅުނުހެން ހަލުވިކޮށެއް މިހާރަކު ދޮންތައެއް ނޫޅެއެވެ. ދޮންތަގެ އިސްތަށިގަނޑު ހުންނަނީ ތުނިކޮށް ކޮށައިލައިފައެވެ. ގިނަ ވަގުތު އިންނަނީ ގޭގެ ދޮރާށި ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އޭގައި އިށީނދެލައިގެންނެވެ. ދަރިން އުޅެނީ މާލޭގައެވެ. އެކަކާ ވެސް ދޮންތަ ވާހަކައެއް ނުދައްކައެވެ. ހުރިހާ އުދާހެއް ފޮރުވިފައި ހުރީ ދޮންތަގެ ހިތުގައެވެ. ބައެއް މީހުންގެ ބައެއް ސިއްރު، ދުވަހަކު ވެސް ބޭޒާރެއް ނުވާނެއެވެ. ބައެއް ޙަޤީޤަތް ދުނިޔެއަށް ހާމައެއް ވެސް ނުވާނެއެވެ. އެ އޮންނާނީ ހިތުގެ ބިންގަރާހުގެ އެންމެ ފުނުގައެވެ. ދެން އެ ވަޅުލެވޭނީ ސަންދޯކާ އެކުގައި ބިމުއަޑީގައެވެ. ދާއިމީ މަންޒިލަކަށް ވާނީ އެ ތަނެވެ.

ނިމުނީ