21 ޖެނުއަރީ 2017 - 21:59

ރާއްޖޭގައި މިހާރު ކަންތައް ހިނގަމުންދާ ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އޮތް ހައްލަކީ، އަންނަ އަހަރުގެ ރިއާސީ އިންތިހާބަށް އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ހަފުލާއެއްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގައި ހުންނަވައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މި ވަގުތު ސަރުކާރު ވައްޓާލުމަކީ ބޭނުން ކަމެއް ނޫން ކަމަށާއި މަސައްކަތްޕުޅު ކުރައްވަނީ އިދިކޮޅު ޕާޓީތައް ގުޅިގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ނުރައްކަލެއް ނެތި އަނބުރާ ރާއްޖެ ވަޑައިގަނެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އަދި އެއީ ދުވަހަކު ވެސް ވާނެ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ރާއްޖެ ވަޑައިގަންނަވާ ނަމަ ޖެހިވަޑައިގަންނަވާނީ އެ ނުރައްކަލާ ކުރިމަތިލެއްވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ނުރައްކަލެއް ނެތި ގައުމަށް އަނބުރާ ދެވޭނެ ކަމަކަށް ނުފެނޭ. އަދި އެކަން ދުވަހަކު ވެސް ވާނެ ހެނެއް ހިއެއް ނުވޭ. ނަމަވެސް ރާއްޖެ އަށް ދާ ނަމަ ދާނީ އެ ނުރައްކަލާ ކުރިމަތިލުމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ރައްޖޭގައި މިހާރު ވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރަން ޖީއެމްއާރާއެކު ހެދި އެއްބަސްވުން ބާތިލްކޮށް، ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތު ނަޝީދު ކުރެއްވި އެވެ.
އެއާޕޯޓު ހިންގަން ދިވެހި ސަރުކާރާ އެކު އިންޑިޔާގެ ޖީއެމްއާރުން ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލުގެ ގޮތުގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ 208 މިލިއަން ޑޮލަރާއި ހަތަރު އަހަރުގެ އިންޓްރަސްޓް ރާއްޖެ އިން ދައްކަން މިދިޔަ އަހަރުގެ ފަހުކޮޅު ހުކުމް ކޮށްފަ އެވެ. ސަރުކާރުން މިހާރު ވަނީ އެ ފައިސާ އެއްކޮށް ދައްކައި ހަލާސްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުންނެވި ނަޝީދު ރާއްޖެ އިން ބޭރަށް ވަޑއިގަތީ ފަރުވާ އަށް ފަހު އެނބުރި ވަޑައިގަންނަވާ ގޮތަށެވެ. އެކަމަކު އެނބުރިވަޑައިނުގެން އެ މަނިކުފާނު ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައި، އެ ގައުމުގައި ހުންނަވައިގެން ސިިޔާސީ މަސައްކަތް ފައްޓަވައިފަ އެވެ.