18 މާޗް 2023 - 12:18

މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދަން ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާނެ ފިރިހެނުން ހޯދުމަށް ދެ ވަނަ ފަހަރަށް އެ ކޯޕަރޭޝަނުން އިއުލާނުކުރީ މިމަހުގެ 7 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ލިބިފައި ނުވާތީ ކަމަށް ބުންޏެވެ.
އެކަމަށް ކުރިމަތިލާ މީހުންނަކީ އަސާސީ ތައުލީމު ހާސިލުކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަދަ ސިއްހަތު ރަނގަޅު މީހުންނަށް ވާންޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނީ އެ މީހުންގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހައްޖުވެރިންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ މައުލޫމާތު ދިނުމާއި ދަތުރުގައި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ކެއުމުގެ އިންތިޒާމުތައް ކައްކާއިންގެ އިރުޝާދުގެ ދަށުން ބެލުމާއި ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެންދިއުމާ ގުދަންކުރުން ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "ހައްޖާއި އުމުރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" މިމަހުގެ 22 ވާ ބުދަ ދުވަހުގެ 3:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެ ފޯމު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ވެބްސައިޓުން ލިބޭނެ އެވެ.
އެ މަސައްކަތަށް މީހުން ހޮވުމުގައި އަރަބި ބަހާއި އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ އަދި ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެހީތެރިންގެ އަދަދު ކަނޑައަޅާނީ އެ ކުންފުންޏަށް މިއަހަރު ލިބޭ ހައްޖު ކޯޓާގެ އަދަދަށް ބެލުމަށް ފަހުގަ އެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް މިހާތަނަށް ލިބިފައި ވަނީ 1000 ކޯޓާ އެވެ. އެކަމަކު އެ އަދަދު 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ވަނީ ސައުދީ ސަރުކާރުގައި އެދިފަ އެވެ.